ތިން މަހެއްހާ ދުވަސް ވަންދެން މުވައްޒަފަކަށް މުސާރަ ނުދޭ ކަމަށް ބުނެ ހުށަހެޅި މައްސަލައަކަށް ޖަވާބުދާރީވާން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން، ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގައިފިއެވެ.

މި މައްސަލައަކީ ތިނެއް ޖަނަވަރީ 2007 ވަނަ ދުވަހުން ފެށިގެން އެޗްޑީސީގައި ވަޒީފާ އަދާކުރަމުން ދިޔަ، އެތަނުގެ އެސިސްޓެންޓް ޑިރެކްޓަރު، ސ. ފޭދޫ ހިރުދުމާގެ އަހުމަދު ފަތުހީ އަށް މިދިޔަ ފެބްރުއަރީ މަހުގެ 21 އިން ފެށިގެން 20 އޭޕްރީލްގެ ނިޔަލަށް ހިނގައި ދިޔަ މުއްދަތުގައި ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ލިބިފައިނުވާތީ އާއި އެޗްޑީސީގެ ހާޒިރީއާ ގުޅޭ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށް ބަޔާންކޮށް އޭނާއަށް ދީފައިވާ އިންޒާރު ބާތިލުކޮށް ދިނުމަށް އެދި ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަކެއެވެ.

މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމާ ގުޅިގެން، އެއީ ޓްރައިބިއުނަލަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެ އެޗްޑީސީން ވަނީ އިޖުރާއީ ނުކުތާއެއް ހުށަހަޅައިފައެވެ.

އެ ނުކުތާގައި އެޗްޑީސީން ބުނެފައިވަނީ އެ ކޯޕަރޭޝަންގެ ޕްރޮގްރެސިވް ޑިސިޕްލިނަރީ އެކްޝަން ޕޮލިސީގެ ދަށުން މުވައްޒުފަކާ ދެކޮޅަށް އަޅާ އިދާރީ ފިޔަވަޅުތައް އެޗްޑީސީގެ އެތެރޭގެ ނިޒާމުތަކުގެ ތެރެއިން އިސްތިއުނާފު ކުރުމުގެ ހައްގު މުވައްޒަފުންނަށް ލިބިގެންވާ ކަމަށެވެ. އަދި ފަތުހީގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައަކީ އެ ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތަށް އިސްތިއުނާފު ކުރެވޭނެ ކަންކަން ކަމަށާއި އިޖުރާއީ އޮތް އެކަންތައް ފުރިހަމަނުކޮށް މި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައި ވުމަކީ އެޗްޑީސީގެ ޕޮލިސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އޭގެއިތުރުން ފަތުހީ ދައްކާފައިވަނީ ހަގީގަތާ ހިލާފް ވާހަކައެއް ކަަމަށާއި އެ ވާހަކައިގެ މައްޗަށް ބިނާކޮށް މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެ ނުކުތާތަކަށް ރިއާޔަތްކޮށް އެޗްޑީސީން ބުނެފައި ވަނީ މި މައްސަލަ ބެލުމުގެ އިހުތިސާސް ޓްރައިބިއުނަލަށް ލިބިގެންނުވާތީ، ހުށަހެޅިފައިވާ ގޮތަށް މި މައްސަލަ ބެލުމުގެ އިހުތިސޯސް ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.

މި އިޖުރާއީ ނުކުތާއާ ބެހޭގޮތުން ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމި ނިިންމުމުގައި ވަނީ، އެޗްޑީސީން ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޒް ބަލައިގަތުމަށް ނުފެންނަ ކަމަށް ނިންމައި މި މައްސައަކީ ވަޒީފާއާ ބޭހޭ ޓްރައިބިއުނަލަށް ބެލުމުގެ އިހުތިސޯސް ލިބިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި މި މައްސަލައިގެ މައުލޫއުއަށް ޖަވާބުދާރީވުމަށް އެޗްޑީސީއަށް އަންގާ ކަމަށެވެ.