ދަނޑު ބޭރުން ފާޑު ކިޔާ މީހުންނާއި ޕަންޑިތުން އަދި އެގައުމުގެ ލެޖެންޑުން ދަނޑު ބޭރުން ދައްކާ ވާހަކަތަކުން ޓީމަށް ކުރާ އަސަރު މިހާރު ވަރަށް ބޮޑަށް ކުޑަ ކުރެވިއްޖެ ކަމަށް އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.
އިންގްލެންޑުން ކުއާޓާ ފައިނަލުގައި މިރޭ ނުކުންނަން ޖެހޭނީ ސްވިޒަލޭންޑާ ދެކޮޅަށެވެ. އެ މެޗަށް ނުކުންނަނީ ގަދަ 16 ގައި ސްލޮވޭކިއާ ބަލިކޮށްގެންނެވެ. އިންގްލެންޑް ގަދަ 16 ގައި ކުޅުނު މެޗުގައި ސްލޮވޭކިއާ ކައިރިން ބަލިވާން ދަނިކޮށް އެޓީމަށް އެއްވަރު ކުރެވުނީ އެންމެ ފަހު ވަގުތުއެވެ. ޖޫޑް ބެލިންހަމް ޖެހި އެ ގޯލުން އިތުރު ވަގުތަށް މެޗު ގޮސްފައިވާ އިރު، އިންގްލެންޑް މޮޅުކޮށްދިނީ ކެޕްޓަން ހެރީ ކޭން ޖެހި ގޯލުންނެވެ.
އިންގްލެންޑަށް މިހާތަނަށް ޔޫރޯގައި ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ޓީމުގެ ކުޅުމުގެ ސްޓައިލާއި ޓީމުގެ ޓެކްޓިކަލް ވިސްނުމަށް ފާޑު ކިޔުންތައް އަމާޒުވެފައިވާ އިރު، ސައުތުގޭޓް ބުނީ މިރޭ ސްވިޒަލޭންޑާ ދެކޮޅަށް ނުކުންނާނީ ތަފާތު މެންޓާލިޓީއެއްގެ ޓީމެއް ކަމަށެވެ.
"އަހަރެންގެ ޓީމުން ބަދަލުތަކެއް އެބަ ފެނޭ. ތަމްރީނުތަކުގައިވެސް އެ ބަދަލު އެބަ ފާހަގަކުރެވޭ. ޓީމުގެ މެންޓާލިޓީއަށް އައި ބަދަލާއެކު މާ ބޮޑަށްވެސް އަވަސް، ގުޅުންތެރި ފުޓުބޯޅައެއް ފެނިގެންދޭ. ކުޅުންތެރިން މި ކޭމްޕްގައި ގިނަ ދުވަސްވީ ވަރަކަށް އެ ކުޅުންތެރިންނަށް އުންމީދު ލިބޭލަތް ބޮޑު. އަދި ހާއްސަކޮށް ބޭރު ތެރެއިން ދައްކާ ވާހަކަތަކުގެ ސަބަބުން ކުރާ އަސަރުވެސް މިހާރު ކުޑަ،" ސައުތުގޭޓް ބުންޏެވެ.
މިރޭގެ މެޗަކީ އިންގްލެންޑަށް ސައުތުގޭޓް ކޯޗުކަން ކޮށްދޭ 100 ވަނަ މެޗެވެ. އޭނާ ބުނީ 100 ވަނަ މެޗު ވެގެން އެކަމަށް ވިސްނުން ބަދަލުނުކުރާ ކަމަށާއި، އިދިކޮޅު ޓީމަށް އިހުތިރާމް ދީ މެޗަށް ފޯކަސް ބެހެއްޓުން މުހިއްމު ކަމަށެވެ.
އިންގްލެންޑް އޮތީ ޔޫރޯގެ ނޮކްއައުޓް ފަސޭހަ ފަޅީގައި ކަމަށް ސަޕޯޓަރުން ބުނާ ވާހަކައަށްވެސް ސައުތުގޭޓް ވަނީ ރައްދު ދީފައެވެ. އޭނާ ބުނީ އެއީ ދައްކަން ޖެހޭނެ ވާހަކައެއް ނޫން ކަމަށާއި ސްވިޒަލޭންޑަކީ އިންގްލެންޑާ ފުޓުބޯޅައިގެ ގޮތުން މާ ބޮޑަށް ފެންވަރު ތަފާތު ގައުމެއް ނޫން ކަމަށެވެ. ހާއްސަކޮށް މުބާރާތްތަކުގައި ކާމިޔާބީ ހޯދީ ވަރަށް ބަލާއިރު، އިންގްލެންޑާ ސްވިޒަލޭންޑާ އެހާ ބޮޑަށް ތަފާތު ނުކުރެވޭނެ ކަމަށްވެސް ސައުތުގޭޓް ބުންޏެވެ.
އިންގްލެންޑާއި ސްވިޒަލޭންޑް ކުޅޭ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024