ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަށް 39،108 ރުފިޔާ ދައްކަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯކްޑިވްސް (އެފްއޭއެމް) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ވިލިމާލެ ފުޓްބޯޅަ ދަނޑުން ކުނި ނަގައިދިނުމަށް އެދި އެފްއޭއެމް އިން ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލު ކޮށްފައިނުވާތީ ވެމްކޯއިން އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ވެމްކޯއިން ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން ހުށަހެޅި އެޕްލިކޭޝަނާ އެއްގޮތަށް އެފްއޭއެމްއިން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރާނެކަމުގެ މައްޗަށް ބުރަވެ، އެ ފަރާތުން އެދުނު ގޮތަށް ވިލިމާލެ ފުޓްބޯޅަ ދަނޑުން ކުނި އުކައިދިނުމުގެ ހިދުމަތްދީ، އެ ހިދުމަތުގެ އަގުގެ ގޮތުގައި އެފްއޭއެމަށް ބިލް ކޮށްފައިވާ އިންވޮއިސްތަކަށް އެފްއޭއެމުން ފައިސާ ދައްކާފައިނުވާ ކަމަށެވެ.

އެހެންކަމުން މި މައްސަލައަކީ އެ އިންވޮއިސްތަކަށް ދައްކަންޖެހޭ ޖުމްލަ 39،108 ހޯދުމަށް އެދި އެފްއޭއެމްގެ މައްޗަށް ވެންކޯއިން ދައުވާކުރުމުން ބެލި މައްސަލައެކެވެ.

މި މައްސަލައިގައި ވެމްކޯއިން ހުށަހަޅާފައިވާ ދައުވާ ފޯމާއި އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް އެފްއޭއެމްއަށް ރައްދުކުރި ނަމަވެސް ދައުވާއަށް ރައްދު ނިދުމަށް ކަނޑައަޅާފައިވާ މުއްދަތުގައި އެފްއޭއެމްގެ ފަރާތުން ރައްދު ދީފައެއް ނުވެއެވެ.

އެހެންކަމުން ވެމްކޯއިން އެދުނީ އެ ފައިސާ އެއްފަހަރާ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް އަންގައި މި މައްސަލަ ވީ އެންމެ އަވަސް ފުރުސަތެއްގައި ނިންމައި ދިނުމަށެވެ.

ވެމްކޯއިން އެދުނީ މި މައްސަލަ އެފްއޭއެމްގެ ޣައިރު ހާޒިރުގައި ނިންމައި ދިނުމަށެވެ.

އެކަމާ ގުޅިގެން މައްސަލަ ބެލުމަށްފަހު، އެ ފައިސާއަކީ ވެމްކޯއަށް ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެފައިސާ ވެމްކޯއަށް ދެއްކުމަށްޓަކައި އަންނަ ބުދަ ދުވަހުގެ 2:00 ގެ ކުރިން ސިވިލް ކޯޓަށް ފައިސާ ދައްކައި ހަލާސް ކުރުމަށް އެފްއޭއެމްގެ މައްޗަށް އަންގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.