މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް ދަތުރު ކުރަން މިއަދު ޝެޑިއުލްކޮށްފައިވާ ދެ ފްލައިޓް ކެންސަލް ކޮށްފިއެވެ.

މޯލްޑިވިލިއަން އިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، މާލެ އިން ޑާކާއަށް ދަތުރުކުރާ Q2-502 އަދި Q2-2502 ފްލައިޓް ކެންސަލް ކޮށްފައިވާ ކަމަށެވެ. އެއީ މިރޭ 6:35 ގައި އޮތް ފްލައިޓާއި މިރޭ ފަތިހު 4:45 ގައި ޑާކާ އަށް ދަތުރުކުރުމަށް ޝެޑިއުލް ކޮށްފައިވާ ފްލައިޓެވެ.

މި ދެ ދަތުރު ކެންސަލް ކޮށްފައިވާ އިރު، ދިމާވި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. އަދި ދިމާވެދާނެ ދައްޗަކަށް އެ ކުންފުނިން ވަނީ މައާފަށް ވެސް އެދިފައެވެ.

މައްސަލަ ހައްލު ކުރަމުންދާ އިރު، ފްލައިޓްތައް ކެންސަލް ކުރި ސަބަބު މޯލްޑިވިއަންއިން ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ދެ ފްލައިޓް ކެންސަލްކުރީ މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓް، އެއާބަސް އޭ320 ގެ އިންޖީނު މަސައްކަތެއް ކުރުމަށް މިވަގުތު މެލޭޝިއާ އެއާޕޯޓުގައި އޮތުމުންނެވެ. ނަމަވެސް މެލޭޝިއާ އެއާޕޯޓުގެ ހޭނގަރަކުން ތެޔޮ ލީކު ވެގެން، އެ އެއާޕޯޓް ބަންދުކުރުމާ ގުޅިގެން އެ ފްލައިޓް ރާއްޖެ ނާދެވި އެ އެއާޕޯޓުގައި އޮތީ ތާށިވެފައެވެ.

މޯލްޑިވިއަން އިން ވަނީ މި ފްލައިޓްތަކުން ޑާކާއަށް ދަތުރު ކުރާ ކަސްޓަމަރުން ދަތުރު ކުރާނެ އެހެން ގޮތެއް އޮތްނަމަ، 1671 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ވެސް އެދިފައެވެ.