މާލޭގައި ހަށިވިއްކަމުންދިޔަ ކަމަށް ތުހުމަތުވާ މައްސަލައެއްގައި ހައްޔަރުކުރި ދިވެހި މީހާ ދޫކޮށްލައިފި އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ދިވެހި މީހާގެ އިތުރުން ތައިލެންޑުގެ ތިން މީހަކެވެ. ފުލުހުން އިއްޔެ ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ، މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކޮށް، 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑުގެ ތިން އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 30 އަހަރުގެ ދެ އަންހެނުންނާއި 28 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިރޭ ބުނީ ހައްޔަރުކުރި މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދިވެހި ފިރިހެން މީހާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފައިވާ ކަމަށެވެ.

އަދި ތައިލެންޑުގެ ތިން އަންހެނުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.