ޔޫރޯ 2024 ގެ ކުއާޓާ ފައިނަލްގައި މިރޭ ކުޅުނު މެޗުގައި ސްޕެއިނުން ޖަރުމަނު ބަލިކޮށްފިއެވެ.

މިރޭ ސްޓުޓްގާޓްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން މެޗު އެއްވަރުވެގެން ނިމުނު އިރު، އިތުރު ވަގުތަށް ގޮސް ސްޕެއިނުން ޖަރުމަނު ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މިއީ މިފަހަރުގެ ޔޫރޯގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި އެއް މެޗެވެ. ސްޕެއިނާއި ޖަރުމަނަކީވެސް ޔޫރޯގެ ގަދަ ދެ ބާރެވެ. ތާރީހުވެސް އޮތް ދެ ގައުމެވެ. މިހާތަނަށް ޔޫރޯ އެންމެ ގިނައިން ހޯދުމުގެ ރެކޯޑު އޮތް ދެ ގައުމަކީވެސް ސްޕެއިނާއި ޖަރުމަނެވެ. ދެ ގައުމުންވެސް ވަނީ މިހާތަނަށް ތިން ފަހަރު ޔޫރޯ ކާމިޔާބުކޮށްފައެވެ. މިފަހަރު ދެ ގައުމުވެސް ނުކުތީ ތާރީހީ ހަތަރުވަނަ ތަށްޓެއް ހޯދުމަށެވެ.

ފައިނަލެއްގެ ގޮތުގައި މިރޭގެ މެޗު ގިނަ ބަޔަކު ސިފަކޮށްފައިވެސް ވެއެވެ. އެއީ ދެ ޓީމުގައި ތިބި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއި މިހާތަނަށް މުބާރާތުގައި ދެ ޓީމުންވެސް ދައްކާފައި އޮތް ކުޅުމުންނެވެ. މިއީ 2008 ވަނަ އަހަރުގެ ޔޫރޯ ފައިނަލަށްފަހު ޖަރުމަނާއި ސްޕެއިން ޔޫރޯގައި ކުރިމަތިލި ފުރަތަމަ ފަހަރެވެ. އެފަހަރު ފައިނަލްގައި ފެނާންޑޯ ޓޮރެސްގެ ގޯލުން ސްޕެއިން ވަނީ ޖަރުމަނު ބަލިކޮށްފައެވެ.

މެޗު ސްޕެއިނުން ފެށީ ކުރިއަށް ޕްރެސްކޮށް، އެޓީމުގެ އަވަސް އެޓޭކުގެ ސްޓައިލެއްގައެވެ. ފުރަތަމަ ކޮޅުގައި ޖަރުމަނުން ސްޕެއިން ހިފަހައްޓަން ވަރަށް ބޮޑަށް ސަމާލުކަން ދީފައިވެސް ވެއެވެ. އެޓީމުން ފަހަތަށް ޖެހި ޑިފެންސް ކުރުމުގައި ގިނަ ފިޒިކަލް ޗެލެންޖްތަކެއް ކުރިތަންވެސް ފެނިގެން ގޮސްފައިވެއެވެ.

މެޗުގެ ފުރަތަމަ މިނެޓުގައި ސްޕެއިނުން ހަމަލާ އުފެއްދިއެވެ. ޕެޑްރީ ޖާގަ ހޯދާފައި ފޮނުވާލި ހަމަލާ މަތަކުރީ ޖަރުމަނުގެ ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޯޔާއެވެ. އަދި އޭގެފަހުން ޕެނަލްޓީ އޭރިއާ ބޭރުން ނިކޯ ވިލިއަމްސް ފޮނުވާލި ހަމަލާ، ޖަރުމަންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ކުރީކޮޅުގައި ޖަރުމަނުގެ ޓޯނީ ކްރޫސް ކުރި ފައުލަކާ ގުޅިގެން ސްޕެއިންގެ ޕެޑްރީއަށް އަނިޔާވެ އޭނާ ވަނީ ބަދަލުކުރަން ޖެހިފައެވެ. ބަދަލަކަށް ނުކުތީ ޑެނީ އޮލްމޯއެވެ. ފުރަތަމަ ކޮޅުގައި ސްޕެއިނަށް ދިމާވި މާޔޫސްކަމެއް ނަމަވެސް، އޮލްމޯ ވަނީ މެޗަށް ވަރަށް އަވަހަށް ފަރިތަވެލައިފައެވެ.

ފުރަތަމަ ހާފުގައި ޖަރުމަނުގެ ފުރަތަމަ ހަމަލާ ފެނުނީ 21 ވަނަ މިނެޓުގައެވެ. ޖޯޝުއާ ކިމިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކައި ހަވާޓްޒް ބޮލުން ފޮނުވާލި ހަމަލާ، ސްޕެއިން ކީޕަރު އުނައި ސިމޮން ވަނީ މަތަކޮށްފައެވެ. އަދި އޭގެ ފަހުން އެންޓޯނިއޯ ރުޑިގާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކައި ހަވާޓްޒް ފޮނުވާލި ހަމަލާވެސް، ސްޕެއިން ކީޕަރު އުނައި ސިމޮން ވަނީ މަތަކޮށްފައެވެ.

ވާދަވެރި ފުރަތަމަ ހާފަކަށްފަހު ދެވަނަ ހާފުގައިވެސް ފެނުނީ ޝައުގުވެރި ކުޅުމެކެވެ. ހަމަލާތައްވެސް ފުރަތަމަ ހާފަށްވުރެ ގިނަވެ، މެޗު ހުޅުވިގެން ދިޔައެވެ. ދެވަނަ ހާފަށް ސްޕެއިނާއި ޖަރުމަނުންވެސް ބަދަލުތަކާއެކު ނުކުތް އިރު، ސްޕެއިނުން ރޮބިން ލެ ނޯމަންޑްގެ ބަދަލުގައި ކުޅެން ނެރުނީ ނާޗޯ ފެނާންޑޭޒްއެވެ. ޖަރުމަނުން ލެރޯއީ ސާނޭ އާއި އެމްރީ ޗާންގެ ބަދަލުގައި ނުކުތީ ރޮބާޓް އެންޑްރިޗާއި ފްލޯރިއަން ވާޓްޒްއެވެ.

ހާފުގެ ކުރީކޮޅުގައި ބޮޑަށް ނުރައްކާކުރީ ސްޕެއިނުންނެވެ. ހާފުގެ ކުރީކޮޅުގައި ލަމީން ޔަމާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކެޕްޓަން އަލްވާރޯ މޮރާޓާ ފޮނުވާލި ހަމަލާ ދިޔައީ ޖަރުމަން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ އިރުކޮޅެއްފަހުން، މެޗުގެ 51 ވަނަ މިނެޓުގައި ސްޕެއިނުން ލީޑު ނެގިއެވެ.

އެ ގޯލުގައިވެސް ޔަމާލްގެ ހިއްސާ ބޮޑެވެ. ޔަމާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑެނީ އޮލްމޯއެވެ. އޭނާ އެ ބޯޅަ އަމާޒުކޮށްލީ ޖަރުމަން ގޯލުގެ ތިރީ ކަނަކަށެވެ. އެއީ މިފަހަރު މުބާރާތުގައި ޔަމާލް ހެދި ތިންވަނަ އެސިސްޓެވެ.

ސްޕެއިންގެ އެ ގޯލާއެކު ޖަރުމަނުން މަރުގެ ތުންފަތް މައްޗަށް އެޅި، ގޯލަކަށް ބުރަކޮށް މަސައްކަތް ކުރިއެވެ. އެޓީމުން ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ދިޔަ އިރު، ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ރޮބާޓް އެންޑްރިޗް ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ސްޕެއިން ކީޕަރު އުނައި ސިމޮން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އަދި އޭގެފަހުން ނިކްލަސް ފުލްކްރުގް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހަވާޓްޒް ފޮނުވާލި ހަމަލާ، ސްޕެއިން ޑިފެންޑަރު ޑެނިއެލް ކާވަހާލް ވަނީ ހުޝިޔާރުކަމާއެކު ބްލޮކްކޮށްފައެވެ.

ޖަރުމަނުގެ ނުރައްކާ، މެޗުގެ ފަހުކޮޅަށް ދިޔަ ވަރަކަށް ދިޔައީ ބޮޑުވަމުންނެވެ. 77 ވަނަ މިނެޓުގައި ނިކްލަސް ފުލްކްރުގް ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާ އިރު، ޖަރުމަނުން މެޗު އެއްވަރުކުރީ ނިމެން މިނެޓް ކޮޅަކަށް ވެފައި ވަނިކޮށެވެ. 89 ވަނަ މިނެޓުގައި ޖަރުމަނަށް ގޯލު ޖަހައިދިނީ ބަދަލަކަށް ނުކުތް ވާޓްޒްއެވެ. ކިމިޗް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވާޓްޒް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ސްޕެއިން ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

އެ ގޯލާއެކު މުޅި ދަނޑު ކައްކުވާލައި، ޖަރުމަނުން ހިތްވަރު ހޯދިއެވެ. އޭގެފަހުންވެސް ޖަރުމަނު ނުރައްކާ ކުރި ނަމަވެސް، މެޗު ދިޔައީ އިތުރު ވަގުތަށެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައިވެސް ބޮޑަށް ނުރައްކާކުރީ ޖަރުމަނުންނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ތޯމަސް މުލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވާޓްޒް ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އަދި ދެވަނަ ހާފަށް ނުކުމެ، ކައުންޓާ އެޓޭކެއްގައި ވާޓްޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ނިކްލަސް ފުލްކްރުގް ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

އަނެއްކޮޅުން ސްޕެއިނުންވެސް އިތުރު ވަގުތުގައި ގޯލަކަށް މަސައްކަތް ކޮށްފައިވާ އިރު، ޕެނަލްޓީ އޭރިއާ ބޭރުން މިކެލް އޮޔާޒަބަލް ފޮނުވާލި ހަމަލާ، ޖަރުމަންގެ ގޯލާ އަމާޒުވެފައެއް ނުވެ ބޭރަށް ދިޔައީ ކިރިޔާއެވެ.

މެޗުގައި ދެކޮޅަށްވެސް ހަމަލާތައް ބަދަލުވަމުން ދިޔަ އިރު، މެޗުގެ ނަތީޖާ ކަނޑައެޅުނީ ސްޕެއިނުން ފަހު މިނެޓުގައި ޖެހި ގޯލުންނެވެ. 120 ވަނަ މިނެޓުގައި ސްޕެއިން ލީޑު ނެގީ ޑެނީ އޮލްމޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުން މިކެލް މެރީނޯ ޖެހި ގޯލުންނެވެ.

މެޗުގެ ފަހު ސިކުންތުގައި ޑެނީ ކަވަހާލަށް ރަތް ކާޑު ދައްކާފައިވާ އިރު، އިތުރު ހަމަލާތަކާއެކުވެސް ސްޕެއިން މެޗުން މޮޅުވިއެވެ.

ޔޫރޯއަށްފަހު ރިޓަޔާކުރާނެކަން އިއުލާންކޮށްފައިވާ ޖަރުމަންގެ ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކްރޫސްއަށް މި މެޗު ވެގެން ގޮސްފައިވަނީ އޭނާގެ ކެރިއަރުގެ އެންމެ ފަހު މެޗަށެވެ.