ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަކީ އިދިކޮޅު ސިޔާސީ ޕާޓީ ކަމަށާއި އެމްޑީޕީއަކީ މިހާރު ހުސްވެފައި އޮތް ފޯސްއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގެ ތެރެއިން ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރަމުން ގޮސް، ވެރިކަން ލިބުމުން އެމްޑީޕީގެ ވިސްނުން ބަދަލުވާ ކަމަށާއި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރާތަން ވެސް ނުފެންނަ ކަމަށެވެ.

"ޝައްކެއް ވެސް ނެތް މިއީ އިދިކޮޅު ޕާޓީ. އަޅުގަނޑުމެން އެހެން ދަންނަވަން ޖެހޭ ސަބަބަކީ އެންމެ ވަރުގަދަ ޕާޓީ ކަމަށް ބުނަމުން، ވަކާލާތުކުރަމުން މި އަންނަނީ، އަދި ރައްޔިތުންގެ ހައްގުތަކާއި އެއްވެ އުޅުމާއި ޑިމޮކްރެޓިކް ހުރިހާ ހައްގުތަކެއްގެ ވާހަކަދައްކަނީ އެމްޑީޕީން. އެކަމަކު ކޮންމެ ފަހަރަކު ވެރިކަން ލިބުނީމަ ފެނިގެން މިދަނީ އެމީހުންގެ ބަހާއި އަމަލާ ހާދަ ސީދާ ނުވެއޭ. މިހާރު އެއޮތީ ހުސްވެފައި އޮތް ފޯސްއެއްގެ ގޮތުގައި، އޭގައި އުރަތްޕެއް ނެތް، އެއްވެސް ކަމެއް ކުރާތަނެއް ނުފެނޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ހަރަދު ކުޑަކުރެއްވުމުގެ ގޮތުން ދިވެހިން ފަނާކޮށްލާ ވަރުގެ، މުޅި އިގުތިސާދު ސުންނާފަތިވެގެންދާނެ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވީމަ އެކަމަށް އެމްޑީޕީން ތާއީދުކުރި ކަމަށާއި މީހަކު ގޯހެއް ހަދައިގެން ރައްޔިތުންގެ ތާއީދު ގެއްލޭ ކަމަށްވަންޏާ އެމްޑީޕީން އެއަށް ތާއީދުކުރާނެ ކަމަށެވެ. އަދި ވަރަށް ޅަފަތުގައި އޮއްވައި، ޕީއެންއެފްއަކީ އިދިކޮޅު ޕާޓީގެ ގޮތުގައި ލޭބަލްކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

"އެހެންވީމާ މި ވެދާނެތޯ އަޅުގަނޑުމެންނަށް ޕާޓީގެ ޖަލްސާ ބޭއްވުމަށް ހުރަސް އެޅުމާއި، މަގުމައްޗަށް ވިހޭ ޕާޓީއަކަށްވުމާއި، އަދި ފުލުހުން ނެރެގެން މި ހިނގައިދިޔަ ޖަރީމާތަކެއް، ގައުމުގެ ރައީސަކަށް ހުރި މީހަކަށް ނޭނގި ހަ ގަޑިއިރު، ހަތް ގަޑިއިރު ދިއުމާއި، މިއީތޯ އެބޭފުޅުން އެ ދައްކަވާ ވާހަކައަކީ. މި ކުޑަކުޑަ ޕާޓީ ވުޖޫދަށް އައުމަށް ނުދިނުމަށްޓަކައި އެ މަސައްކަތްކުރީ، މި ދެއްތޯ އަޅުގަނޑުމެންނަށް ތާރީހުން ނަގައިދެނީ ޖާލޫތާއި ދާއޫދުގެ ފިލާވަޅު. އެކަހަލަ ކަމެއްތޯ މިއުޅެނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ މި ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ހާއްސަކޮށް މި ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާކަން ޔާމީން ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.