ތުރުކީގެ ޑިފެންޑަރު މެރިހް ޑެމިރަލް، އެޓީމުން އެންމެފަހުން އޮސްޓްރިއާ ބަލިކުރި މެޗުގައި ގޯލު ޖަހާފައި އުފާފާޅުކުރި ގޮތުން، ޔޫއެފާއިން ތަހުގީގު ފަށައިފިއެވެ.

ތުރުކީން 2008 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޔޫރޯގެ ކުއާޓާ ފައިނަލް ޔަގީންކުރީ 2-1 އިން އޮސްޓްރިއާ ބަލިކޮށްގެންނެވެ. އެ މެޗުގައި ދެ ގޯލުވެސް ޖެހީ ސައުދީ އަރަބިއާގެ އަލް-އަހްލީއަށް ކުޅެމުން އަންނަ ޑިފެންޑަރު ޑެމިރަލްއެވެ.

ޑެމިރަލް އެރޭގެ މެޗުގައި ދެވަނަ ގޯލު ޖަހައި އުފާފާޅުކުރުމުގެ ތެރޭގައި އަތުގެ އިޝާރާތުން ދައްކާފައި ވަނީ "ވުލްފް ސެލިއުޓް" ގެ ނަމުން މަޝްހޫރުވެފައިވާ އިޝާރާތެކެވެ. އެއީ ތުރުކީގެ ފާ-ރައިޓް ނޭޝަނަލް މޫމަންޓް ޕާޓީއާ ގުޅުންހުރި ހާއްސަ އިޝާރާތެކެވެ. އެ އިޝާރާތް އަތުން ދެއްކުން އޮސްޓްރިއާ އަދި ފްރާންސްގައި މަނާވެސް މެއެވެ.

"އެއީ އަހަރެން މާ ކުރިންވެސް ވިސްނައިގެން ހުރި ސެލެބްރޭޝަނެއް. އެހެންވެ އަހަރެން އެގޮތަށް އުފާފާޅުކުރީ. އަހަރެން ވަރަށް ފަހުރުވެރިވޭ އަހަންނަކީ ތުރުކީ ރައްޔިތަކަށްވީތީ. އެހެންވެ އެވަގުތު އަހަންނަށް ކުރެވުނު އިހުސާސާއެކު އަހަރެން ބޭނުންވީ ތުރުކީ ވަންތަކަން ދައްކުވައިދޭން،" ޑެމިރަލް އޮސްޓްރިއާ މެޗަށްފަހު ބުނެފައިވެއެވެ.

ޑެމިރަލް ވަނީ އެ އުފާފާޅުކުރުމުގެ ފޮޓޯ، އެކްސް އެކައުންޓްގައި ހިއްސާކޮށް، ތުރުކީ ރައްޔިތަކަށްވީތީ ފަހުރުވެރިވާ ކަމަށް ބުނެ ޕޯސްޓްވެސް ކޮށްފައެވެ.

ޑެމިރަލްގެ އެ އުފާފާޅުކުރުމާ ގުޅުވައިގެން ތުރުކީގެ ނޭޝަނަލް މޫމަންޓް ޕާޓީގެ ޗެއާމަން ޑެވްލެޓް ބަހްސޭލީ ވިދާޅުވީ ގްރޭ ވުލްވްސް އިޝާރާތާއެކު ޑެމިރަލް ދިނީ ތުރުކީގެ ހާއްސަ މެސެޖެއް ކަމަށާއި، ޔޫއެފާއިން އެކަން ބޮޑުކޮށްގެން ތަހުގީގުކުރުމަކީ ޖޯކެއް ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެމުން ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރު ނޭންސީ ފައެސާ ވިދާޅުވީ ތުރުކީގެ "ހައްދުފަހަނައަޅާފައިވާ" ޕާޓީއެއްގެ އިޝާރާތްތައް ދަނޑުން ފެންނަން ބޭނުން ނުވާ ކަމަށެވެ. ޔޫރޯއަކީ ނަސްލީ ތަފާތުކުރުމަށް ތާއިދުކުރާ މެސެޖުތައް ދެވޭނެ މުބާރާތެއް ނޫން ކަމަށްވެސް ފައެސާ ވިދާޅުވިއެވެ.

ޑެމިރަލްގެ މައްސަލަ މިހާރު ޔޫއެފާއިން ބަލަމުން އަންނައިރު، އެ މައްސަލައިގައި އޭނާއަށް ސަސްޕެންޝަނެއް ނުވަތަ ޖޫރިމަނާއެއް އައުން އެކަށީގެންވެއެވެ. ތުރުކީން މިފަހަރުގެ ކުއާޓާ ފައިނަލްގައި ނުކުންނަން ޖެހޭނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ.