މިވަގުތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކާ މެދު ވިސްނަންޖެހޭ ވަގުތު ނޫން ކަމަށާއި މިއީ ގައުމު ސަލާމަތްކުރަން ވީ ވަގުތު ކަމަށް ޖޭޕީގެ ރައީސް އަދި މާމިގިލި ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ގައުމު ދަރަނިވެރިވެ މާލީ ހާލަތު އޮތް ދަށު ދަރަޖަ ފާހަގަ ކުރައްވައި ދައުލަތުގެ ހަރަދު ކުޑަނުކޮށް، އައިއެމްއެފްގެ ޕްރޮގްރާމިން ބަޖެޓަށް ދާންޖެހިއްޖެނަމަ، ދިމާވެދާނެ ކަންތައްތައް ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ، ދައުލަތުގެ މިލްކިއްޔާތާއި މުދާ އެކި ގޮތްގޮތަށް ގޮސް ނިކަމެތި ގޮތަކަށް ކަސްތޮޅު އެޅިގެންދާ ހިސާބަށް ކަންތައްތައް ދިއުމަށް ފުރުސަތު ދިނުމަކީ މަޖިިލިސް މެންބަރުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

ގާސިމް ވިދާޅުވީ، އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ ޕްރޮގްރާމް ބަޖެޓަށް ގޮސްފިނަމަ، ރައީސުލްޖުމްހޫރިއްޔާއެއް ހުރުމުގެ ބޭނުމެއް ވެސް ނެތް ކަަމަށެވެ.

"އޭގެ އިތުރަށް އެންމެ ޒަރޫރީ ހާލަތަށް އޮންނަ ސަބްސިޑީވެސް ޖެހޭނީ ކަނޑައިލަން ހުރިހާ ސަބްސިޑީތަކެއް ޖެހޭނީ ކަނޑައިލަން، އެވާހަކަ މި ދަންނަވަނީ އެ ހުރިހާ މައުލޫމާތެއް ލިބި ހުރި މީހެއްގެ ހައިސިއްޔަތުން، ތަޖުރިބާ ކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުން، މަނިޓަރީ ޕޮލިސީ އާއި ފިޒްކަލް ޕޮލިސީގެ ވެސް އިންޗާޖަކަށް ހުރި މީހަކަށްވާތީ، އެކަން ދެނަހުރި، އެނގޭ މީހަކަށްވާތީ، އެނގިހުރި މީހަކަށްވާތީ، އެކަން މެނޭޖުކޮށްފައި ހުރި މީހަކަށް ވާތީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އެ ކަންކަމާ ގުޅިގެން ސަރުކާރުން، ރައީސް ޑރ. މުއިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރިއަށް އަޅަން ހުރި ފިޔަވަޅުތައް ލަސްނުކޮށް ސާބިތުކަމާއެކު އަޅައިގެން ނޫނީ ސަލާމަތެއް ނުވެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އައިއެމްއެފް ޕްރޮގްރާމިން ބަޖެޓަށް ނުގޮސް، އެކަމުން ސަލާމަތްވުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅައި އެކަމުން ސަލާމަތްވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް މަޖިލިސް މެންބަރުން ތިއްބެވީ ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ގެއްލުންވާ ކުންފުނިތައް އުވާލައި ޒިންމާއެއް ނެތް ގޮތަށް ވަޒީފާ ދީފައިވާ ފަރާތްތައް ވަކި ކުރުމަށްވެސް ރައީސްގެ ކިބައިން ގާސިމް އެދިވަޑައިގެންނެވިއެވެ.

"ކެރިވަޑައިގެން ސާބިތުކަމާ އެކު ގެއްލުންވާ ކުންފުނިތަކާއި ދައުލަތުން އިސްލާހު ކުރަންޖެހޭ މައްސަލަތަކާއި، އެއްވެސް ޒިންމާއެއް ނެތް ގޮތަށް ދީފައި ހުރި ވަޒީފާތަކާއި ކުންފުނިތަކުން ލިބޭ ނިކަމެތިކަން ދައުލަތުން އެބަޖެހޭ ވަރަށް ރަނގަޅަށް ބެއްލެވުމަށްފަހު އަޅަންޖެހޭ ހުރިހާ ފިޔަަވޅުތަކެއް އަޅަން. މި ގައުމު ސަލާމަތް ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން، ބޯން ޖެހުނު ކޮންމެ ހިތި ބޭހެއްބޯން މިތިބީ ތައްޔާރަށް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މާދަމާ ޑޮރަލު ނުލިބޭ ހިސާބަށް އަދި ބޭނުންވާ މީހާއަށް އަސާސީ ހިދުމަތްތައް ނުލިބޭ ހިސާބަށް އަދި އެންމެ ބޮޑު ލާރި ފޮއްޗެއް ނުލިބޭ ހިސާބަށް ގައުމު ދާން ދޫކޮށްލައިގެން ވާހަކަ ދައްކާލަ ދައްކާލަ ތިބެވެން ނެތް ކަމަށެވެ.

"ކޮންމެ ވާހަކައެއް އިންތިހާބު ކާމިޔާބު ކުރަން ދައްކަވާފައި އޮތް ނަމަވެސް މިއީ އެކަމާ މެދު ވިސްނަން ޖެހޭ ވަގުތެއް ނޫން. ގައުމު ސަލާމަތްކުރަން ޖެހޭ ވަގުތު. ހުރިހާ ވައުދެއް ފުއްދައިފައެއް ނެތް އެއްވެސް ބޭފުޅަކު އަދި އެކަމެއް ނުވެސް ކުރެއްވޭނެ،"

ގާސިމް ވިދާޅުވީ އެކަމަށްޓަކައި ސަރުކާރުން އަޅާ ހުރިހާ ފިވަޅަކަށް ގުރުބާންވާން ތައްޔާރަށް ހުންނެވި ކަމަށެވެ. އެހެންކަމުން ބޭސްފަރުވާ ބޭނުންވާ ފަރާތްތަކަށް އެހިދުމަތް ނުލިބެންދެން އަދި ބޭރުގައި ކިޔަވަން ހުރި ކުއްޖާއަށް ޑޮލަރު ނުލިބޭ ހިސާބށް ދަންދެން ނުތިބެ، އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުއްވުމަށް ގާސިމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވައިލައްވައިފައެވެ.