ދެކުނު އެމެރިކާގެ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ގްރޫޕް ސީގައި ރޭ ބްރެޒިލުން ކުޅުނު މެޗުގައި ކޮލަމްބިއާއާ އެއްވަރުވެ، ކުއާޓާ ފައިނަލްގައި އުރުގުއާއީއާ ވާދަކުރަން ޖެހިއްޖެއެވެ.

ނުވަ ފަހަރުގެ ޗެމްޕިއަން ބްރެޒިލުން ފަތިހު ފްލޮރިޑާގައި ކުޅުނު މެޗުގައި ކޮލަމްބިއާއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން ބްރެޒިލް އެއްވަރުވުމާ އެކު، ތިން މެޗުން ފަސް ޕޮއިންޓާއެކު އެޓީމަށް ލިބުނީ ގްރޫޕްގެ ދެވަނައެވެ. އެ ގްރޫޕްގެ އެއްވަނަ ހޯދީ ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، ރޭގެ މެޗު އެއްވަރުކުރި ކޮލަމްބިއާއަށެވެ.

ބްރެޒިލުން ރޭ ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗު ފެށީ ރަނގަޅަށެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑުވެސް ނަގައިފައެވެ. ބާސެލޯނާގެ ރަފީނިއާ ޖެހި ހިތްގައިމު ހިލޭ ޖެހުމުން ބްރެޒިލް މެޗުގެ ލީޑު ނަގައިފާވާ އިރު، ކޮލަމްބިއާއިން މެޗު އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ.

ކޮލަމްބިއާގެ ގޯލު ކާމިޔާބުކޮށްދިނީ ކްރިސްޓަލް ޕެލެސްގެ ޑިފެންޑަރު ޑެނިއަލް މުނޯޒެވެ. 2022 ވަނަ އަހަރު ފެބްރުއަރީ މަހަށްފަހު ކޮލަމްބިއާ އަދި ބަލިވެފައިނުވާ އިރު، ފަހު ކޮޅުގައި އެޓީމުން ވަނީ މެޗު ކާމިޔާބުކުރުމާވެސް ގާތަށް ޖެހިލައިފައެވެ.

މެޗު ނިމެން ހަ ވަރަކަށް މިނެޓަށްވެފައި ހުއްޓާ ޔޯހަން މޮހީކާސް ނަގައިދިން ހުރަހުން ރަފޭލް ބޯރޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ބްރެޒިލްގެ ރެއާލް މެޑްރިޑް ތަރި ވިނީޝިއަސް ޖޫނިއާއަށް ރޭގެ މެޗުގައި ރީނދޫ ކާޑު ދައްކާފައިވާ އިރު، އެއީ ގްރޫޕް ސްޓޭޖުގައި އޭނާއަށް ދެއްކި ދެވަނަ ރީނދޫ ކާޑެވެ. އުރުގުއާއީއާ ދެކޮޅަށް ކުޅޭ ކުއާޓާ މެޗުގައި ވިނީޝިއަސްއަށް ނުކުޅެވޭނެއެވެ.

ކޮޕާ އެމެރިކާގެ ކުއާޓާ މެޗުތައް ފަށާނީ ހުކުރު ދުވަހުއެވެ. ފުރަތަމަ މެޗުގައި އާޖެންޓީނާ ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ.