ސައިބާ ކްރައިމްއާ ގުޅުންހުރި އަމަލުތަކަކީ ކުށްކަމުގައި ކަނޑައެޅުމަށް ޓަކައި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޟާ އާދަމެވެ.

ގާނޫނުލްއުގޫބާތަށް ބާބެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ފޮނުވި މިބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވާނީ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމެވެ.

މި ގާނޫނުގެ 240 ވަނަ ބާބުގެ ގޮތުގައި ހުށަހަޅާފައިވާ މި ބިލްގައި ވަނީ ކޮމްޕިއުޓަރު އަދި ކޮމްޕިއުޓަރާ ގުޅުންހުރި ކުށްތައް ބަޔާންކޮށްފައެވެ.

މި އިސްލާހުގެ ދަށުން ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުމާއި ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަރސެޕްޓް ކުރުމާއި އިންޓަފިއަރ ކުރުމާއި ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން ކުށެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި ސައިބަރ ވަޔަލަންސްގެ އަމަލުތަކާއި ކޮމިއުޓަރާ ގުޅުންހުރި ފޯޖަރީގެ އަމަލުތަކާއި އޮޅުވާލުމުގެ އަމަލުތަކާއި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ޙައްގުތަކަށް އަރައިގަތުމަކީވެސް ކުށުގެ ގޮތުގައި ބެލެވޭނެއެވެ.

ކޯޓު އަމުރެއްގެ ދަށުން ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން ކުށެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ސައިބާ ވަޔަލަންސްގެ އަމަލުތަކުގެ ގޮތުގައި މިބިލުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކޮމްޕިއުޓާ ސިސްޓަމެއް މެދުވެރިކޮށް ކުޑަކުދިންގެ އޮރިޔާން ކާޑު ޝާއިއިކުރުމާއި، ކޮމްޕިއުޓާ ސިސްޓަމެއް މެދުވެރިކޮށް ޝާއިއުކުރުމަށްޓަކައި ކުޑަކުދިންގެ އޮރިޔާން ކާޑު އުފެއްދުމާއި ކޮމްޕިއުޓާ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓާ ޑޭޓާ ސްޓޯރެޖް މީޑިއަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުން ހިމެނެއެވެ.