ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށްފައިވާ އަދަދާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ކުރާ ހޭދައިގެ އަދަދު ހާމަކުރުމަށް ސަރުކާރަށް ލާޒިމުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

އެ ކުއްލި މައްސަލައިގައި ވަނީ ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަން ކުރުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުގެ ދަށުން އެކިއެކި މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް އިންކާރު ކުރަމުންދާ ކަމަށެވެ.

މީކާއީލް ވިދާޅުވީ، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ އިހުތިޔާރުގެ ބޭނުން ހިފައި، ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް، އެއްވެސް ހައްދެއްނެތި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށްފައިވާކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް، އެއްވެސް ހައްދެއްނެތި ވަޒީފާއަށް މީހުން ވައްދާފައިވުމުގެ ސަބަބުން، މުސާރައިގެ ގޮތުގައި އެ ކުންފުނިތަކުން ހޭދަކުރަން ޖެހޭ އަދަދު ބޮޑުވެ، އެ ކުންފުނިތަކުގެ ހިންގުމަށް ދަތިވާ ހާލަތަށް ގޮސްފައިވާކަމަށްވެސް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ، ސިޔާސީ މަޔާމުތަކަށް ރައީސް އައްޔަންކޮށްފައިވާ މީހުންގެ ރަސްމީ އަދަދު ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިނިސްޓަރު އޮފް ފިނޭންސްގެ އަރިހުން އެދުމުންވެސް އެ މައުލޫމާތު އެ ކޮމިޓީއަށް ވެސް ދީފައި ނުވާ ކަމަށެވެ.

އެހެންކަމުން ގާނޫނުއަސާސީން ކަށަަވަރުކޮށްދީފައިވާ، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ބޭނުން ހިފުމަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރުމާއި، ގާނޫނުއަސާސީގައި ބަޔާންވެގެންވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށް، ގާނުނޫއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، މިއަދާއި ހަމައަށްވެސް އެ މައުލޫމާތު ސަރުކާރުން ހާމަކޮށްފައި ނުވާކަމަށްވެެސް ވިދާޅުވިއެވެ.

އެހެންކަމުން ނޫސްވެރިންނާއި އާއްމު ރައްޔިތުންގެ ތެރެއިން މައުލޫމާތު ހޯދަން އެދި ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާ ފަރާތްތަކަށް އެ މައުލޫމާތު ދިނުމަށް އިންކާރުކުރަމުން ދިއުމުގެ ސަބަބުން، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް، ގާނޫނުސަސާސީން މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމަށް ހުރަސް އަޅަމުންދިއުމާއި، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ބޭނުން ހިފުމަށް ހުރަސް އަޅަމުން ދިއުން ހުއްޓުވައި، އެ ހައްގު ލިބިދެވޭކަން ދައުލަތުން ކަށަވަރުކޮށްދިނުމުގެގޮތުން ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ ޖުމްލަ އަދަދު، ހާމަ ކުރުމަށާއި ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދިނުމަށާއި އަދި އެ މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މައުލޫމާތު ދޫކޮށްދިނުން ސަރުކާރަށް ލާޒިމު ކުރުމަށް މި ކުއްލި މައްސަލައިގައި ވަނީ ގޮވާލައިފައެވެ.

ނަމަވެސް މި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ބަހުސްކުރަން ފެންނަ ކަަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެއިން އެންމެ 11 މެންބަރުންނެވެ. ބަހުސް ކުރަން ނުފެންނަކަމަށް 56 މެންބަރުން ވޯޓު ދެއްވިއެވެ.