ގޯޑޮން ބޭންކްސްއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ގޯލްކީޕަރެވެ. 2019 ވަނަ އަހަރު ބޭންކްސް މަރުވެވެފައިވާ އިރު، އިންގްލެންޑް އެ ގޯލްކީޕަރު ވަނީ ގައުމީ ޓީމަށް 73 މެޗު ކުޅެދީފައެވެ. ކްލަބު ފުޓުބޯޅައިގައި 500 އަށްވުރެ ގިނަ މެޗު ކުޅުނު ގޯލްކީޕަރު ބޭންކްސްގެ އެންމެ ތާރީހީ ހަނދާނަކި 1970 ވަނަ އަހަރުގެ ހަނދާނެކެވެ. "ސޭވް އޮފް ދަ ސެންޗަރީ"ގެ ލަގަބު ހޯދާފައިވާ އެ ގަރުނުގެ އެންމެ މޮޅު ސޭވްގެ ވާހަކައެވެ.
އިންގްލެންޑުން މެކްސިކޯގައި އެފަހަރު އޮތް ވޯލްޑް ކަޕްގައި ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި، ބްރެޒިލްގެ އަރިމަތިން ޓެރީ ކޫޕާ ނެގި ހުރަހަށް އަރައި ޕެލޭ ބޮލުން ގޯލަށް ފޮނުވާލިއެވެ. އެވަގުތު ޕެލޭ ޔަގީންކޮށް، އެއީ ގޯލެއް ކަމަށް ބުނަމުން އުފާފާޅުކުރުމަށް މިސްރާބު ޖަހަން ވިސްނި ނަމަވެސް، ބޭންކްސް ވަނީ އަރިމައްޗަށް ޑައިވްކޮށް، ސިކުންތެއްގެ އަވަސް ފުރުސަތެއްގައި ބޯޅަ ދަނޑިމަތިން ބޭރުކޮށްލައިފައެވެ.
އެ ސޭވާއެކުވެސް ބްރެޒިލުން 1-0 އިން އިންގްލެންޑް ބަލިކުރި ނަމަވެސް، އިންގްލެންޑް އަނެއް ބުރަށް ދިޔައެވެ. ނޮކްއައުޓް ބުރުގައި އިންގްލެންޑުން ބަލިވީ 3-2 އިން ޖަރުމަނު އަތުންނެވެ. އިތުރު ވަގުތަށް ކުޅެން ޖެހުނު އެމެޗަށް ބޭންކްސްއަށް ނޭރުނެވެ. އެއީ ކާނާ ވިހަވެގެން ފާހާނާއަށް ދެވި ބޭރަށް ހިންގުމުގެ ސަބަބުންނެވެ.
އެ ސޭވްގެ ވާހަކަ އަދިވެސް ދައްކަމުން އަންނައިރު، ރޭ ތުރުކީން ޔޫރޯ 2024 ގެ ގަދަ 16 ޔަގީންކުރީ އެ ސޭވާ ވައްތަރު ސޭވަކާއެކުގައެވެ. ތުރުކީން 2008 ވަނަ އަހަރަށްފަހު ޔޫރޯގެ ކުއާޓާ ޔަގީންކުރިއިރު، ޑްރާމާ ފެނުނީ ފަހު މިނެޓުގެ ފަހު ސިކުންތުކޮޅުގައެވެ. 2-1 އިން ތުރުކީ މޮޅުވާން ދަނިކޮށް، ފަހު ސިކުންތު އޮސްޓްރިއާއިން ނެގި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އޮސްޓްރިއާގެ ކްރިސްޓޮފް ބައުމްގާޓްނާ ބޮލުން ފޮނުވާލި ހަމަލާ، ތުރުކީ ކީޕަރު މާޓް ގުނޮކް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
އެ ސޭވްގެ ފުރިހަމަކަމުން ދެ ކޯޗުންވެސް މެޗަށްފަހު ގުނޮކަށް ތައުރީފު ކޮށްފައިވެއެވެ. އޮސްޓްރިއާ ކޯޗު، ރަލްފް ރަންގްނިކް ބުނީ އޮސްޓްރޭލިއާއިން މިދިޔަ ހަތަރު މެޗުގައިވެސް ފެނުނީ އެއް ސްޓައިލެއްގައި މޮޅަށް ކުޅުނު މަންޒަރު ކަމަށާއި، ރޭގެ މެޗުގައި ނަސީބު ނެތީ ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ އޮސްޓްރިއާއަށް މޮޅުވާން ހައްގު ނަމަވެސް ގޯލު ބަލަހައްޓަން "ގޯޑޮން ބޭންކްސް ހުރެގެން ގޯލު ނުޖެހޭނެ،" ކަމަށެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024