ޖޫޑް ބެލިންހަމް ބޭއަދަބީކޮށް އުފާފާޅުކުރުމާ ގުޅިގެން ޔޫއެފާއިން ބަލަމުން އަންނަ މައްސަލައިގައި، އަންނާނެ އަދަބެއް ކަމަށް ބެލެވެނީ ޖޫރިމަނާ ކުރުން ކަމަށް ނޫސްތަކުން ބުނެފިއެވެ.
އިންގްލެންޑުން ޔޫރޯ 2024ގެ ގަދަ 16 ގައި ސްލޮވޭކިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އިންގްލެންޑުން އެރޭގެ މެޗު ފަހަތުން އަރައި ކާމިޔާބުކުރީ ފުރިހަމަ ވަގުތުގެ ފަހު ސިކުންތުގައި ގޯލު ޖަހައިގެން މެޗު އިތުރު ވަގުތަށް ގެންގޮސްގެންނެވެ. އިންގްލެންޑަށް އެރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައިދީ އެއްވަރުކޮށްދިނީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމްއެވެ.
އެ ގޯލު ޖެހުމަށްފަހު އުފާފާޅުކުރުމުގެ ތެރޭގައި ބެލިންހަމް ވަނީ ސްލޮވޭކިއާ ބެންޗަށް އިޝާރާތްކޮށް، ބޭ އަދަބީ ގޮތެއްގައި އަމިއްލަ ކުރިމަތިފަރާތަށް އިޝާރާތްކޮށް ބަހުން ޖަހާފައެވެ. އެ ވީޑިއޯ ލީކުވުމާއެކު ޔޫއެެފާއިން ވަނީ މައްސަލަ ބަލަން ފަށައިފައެވެ.
ޔޫއެފާއިން މައްސަލަ ބަލަން ފެށުމާއެކު ބެލިންހަމް ބުނެފައި ވަނީ އޭނާގެ ސެލެބްރޭޝަނަކީ އިންގްލެންޑް ޓީމު ތެރޭގެ ޖޯކެއް ކަމަށާއި، އެއްވެސް ހާލަތެއްގައި ސްލޮވޭކިއާއަށް އިހުތިރާމު ކުޑަކުރަން ބޭނުން ނުވާ ކަމަށެވެ. ސްލޮވޭކިއާއަށް ތައުރީފުކޮށްވެސް އޭނާ ވާހަކަ ދައްކާފައިވެއެވެ.
ބެލިންހަމްގެ އެ މައްސަލައިގައި ޔޫއެފާގެ ނިންމުމަކަށް އިންގްލެންޑް އެފްއޭއިން އިންތިޒާރުކުރަމުން އަންނަނީ އެފަދަ މައްސަލަތަކުގައި ތަފާތު ފިޔަވަޅުތައް އަޅާފައިވާތީ އެވެ. ޔޫއެފާއިން ބުނީ ބަލަމުން އަންނަނީ ބެލިންހަމް ކުޅިވަރުގެ އެތިކްސްއާ ހިލާފުވެ، ޔޫއެފާގެ އާޓިކަލް 11/ 2ބީ ގައި ބަޔާންކުރާ ފުޓުބޯޅައިގެ އިހުލާސްތެރިކަން، ތެދުވެރިކަން އަދި ސްޕޯޓްސްމަންޝިޕާ ހިލާފުވި ކަމަށް ބެލެވޭ މައްސަލައެއް ކަމަށެވެ.
މިދިޔަ ސީޒަނުގައި ސައުދީ ލީގުގައި ރޮނާލްޑޯ އުފާފާޅުކުރުމުގެ ތެރޭގައި އެފަދަ ގޮތަކަށް ކަންތައްކުރުމުން އެ ލީގުން ރޮނާލްޑޯ މެޗަކަށް ސަސްޕެންޑް ކުރިއެވެ. އެހެން ނަމަވެސް ކުރިން ރޮނާލްޑޯ ރެއާލްގައި އުޅުނު އިރު، 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެފަދަ އިޝާރާތެއް ކޮށްގެން،. އެތުލެޓިކޯ ކޯޗު ޑިއޭގޯ ސިމިއޯނީއާއި ރޮނާލްޑޯވެސް ކުރީ ޖޫރިމަނާ އެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ބޮޑަށް ބެލެވެނީ އަންނާނީ ޖުރިމަނާއެއް ނަމަވެސް، ސްލޮވޭކިއާ ޓީމުގެ ވާހަކަތަކަށް ބިނާކޮށް ބެލިންހަމްއަށް ސަސްޕެންޝަނެއް އައުންވެސް އެކަށީގެންވެއެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް