ޔޫރޯ 2024 ގެ ގަދަ 16 ގައި މިރޭ ކުޅުނު މެޗުގައި ތުރުކީން އޮސްޓްރިއާ ބަލިކޮށްފިއެވެ.
ލެއިޕްޒިގުގައި ތުރުކީން މިރޭ އޮސްޓްރިއާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެޓީމުން ޔޫރޯގެ ކުއާޓާއަށް ދަތުރުކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ޔޫރޯގެ ކުއާޓާ ކުޅެފައިވަނީ 2000 ވަނަ އަހަރާއި 2008 ވަނަ އަހަރުގައެވެ.
ތުރުކީން 2008 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ގަދަ 16 ޔަގީން ކުރީ ގްރޫޕް އެފްގެ ތާވަލުގެ ދެވަނަ މަގާމުގައި ނިންމާލައިގެންނެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ތުރުކީން އެންމެފަހުން ޗެކު ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗަކީ މިހާތަނަށް ޔޫރޯ ތާރީހުގައިވެސް އެންމެ ގިނައިން ކާޑު ފެނިގެން ދިޔަ، ހޫނުގަދަ މެޗެކެވެ. ތުރުކީ ޓީމަށް އެކަނިވެސް އެ މެޗުގައި 11 ކާޑު ދައްކާފައިވާ އިރު، ދެ ރީނދޫ ކާޑު ހަމަވެގެން ޓީމުގެ ކެޕްޓަން ހަކާން ޗަލަނޮގްލޫ އާއި ޑިފެންޑަރު ސަމެޓް އަކޭޑިންއަށް މިރޭގެ މެޗު ނުކުޅެވެއެވެ.
މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޮސްޓްރިއާގެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކޯޗު ރަލްފް ރަންގްނިކާއެކު އޮސްޓްރިއާއިން އޮތީ މިރޭ މެޗުގެ ފެވަރިޓް ޓީމުގެ ގޮތުގައެވެ. އެއީ އެޓީމުން ގަދަ 16 އަށް ނުކުތީ ފްރާންސާއި ނެދަލޭންޑްސް ފަދަ ގައުމުތައް ހިމެނުނު ގްރޫޕެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ކަމަށްވެސް ވާތީއެވެ. ގްރޫޕް ސްޓޭޖުގައި އޮސްޓްރިއާއިން ވަނީ ނެދަލޭންޑްސް 3-2 އިން ބަލިކޮށް، ޕޮލެންޑް 3-1 އިން ބަލިކޮށްފައެވެ. އެޓީމު ބަލިވީ ފްރާންސް އަތުން 1-0 އެކަންޏެވެ. އެ މެޗުގައި ގޯލު ވަނީ ބައިކޮޅަށެވެ.
ހާލަތު ގޯސްކޮށް އޮތް ތުރުކީއަށް މެޗުގެ ފެށުންވީ ތަފާތު ފުރިހަމަ ފެށުމަކަށެވެ. އޮސްޓްރިއާގެ ބަލިފައިގެ ގޮތުގައި ފެނިގެން ދިޔަ ސެޓް ޕީސްގެ ބޭނުން ހިފައި ގޯލު ޖެހިއެވެ. ފުރަތަމަ މިނެޓުގައި ލިބުނު ކޯނަރެއްގެ ތެރެއިން އޮސްޓްރިއާ ޑިފެންސަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ތުރުކީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެރީހް ޑެމިރާލެވެ.
އެ ފެށުމާއެކު ތުރުކީން އޮސްޓްރިއާ ހިފަހައްޓަން ފަހަތަށް ޖެހިލިއެވެ. އެވަގުތު އޮސްޓްރިއާއިން ފުރުސަތައް ހޯދި ނަމަވެސް މަދުވީ ގޯލެކެވެ. ޕެނަލްޓީ އޭރިއާ ބޭރުން ކްރިސްޓޮފް ބައުމްގާޓްނާ ފޮނުވާލި ހަމަލާ ދިޔައީ ތުރުކީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އަދި ރޮމާނޯ ޝްމިޑް ނަގައިދިން ބޯޅަ ތުރުކީގެ ޑިފެންސަށް ރަނގަޅަށް ދިފާއުނުކުރެވުނު އިރު، ގޯލު ކުރިމަތީ ހުސްކޮށް ހުރި އޮސްޓްރިއާގެ ކްރިސްޓޮފް ބައުމްގާޓްނާގެ ފައިގައި ވެސް ލައްވާލައިފައެއް ނުވެއެވެ.
އެ ފުރުސަތުތަކަށްފަހު ތުރުކީގެ ހަމަލާއެއް، ހާފުގެ ފަހުކޮޅުގައި ފެނުނު އިރު، އާދާ ގުލާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޑެމިރާލް ބޮލުން ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އޮސްޓްރިއާއިން ދެވަނަ ހާފަށް ގެނައި ބަދަލާއެކު، އެޓީމުން ހާފު ފެށީ ރަނގަޅު ކުޅުމަކާއެކުގައެވެ. ފިލިޕް މުވޭނީ އާއި ރޮމާނޯ ޝްމިޑްގެ ބަދަލުގައި ކުޅެން ނުކުތީ އެލެކްސެންޑާ ޕްރާސް އަދި މައިކަލް ގްރެގޮރިޗެވެ. އެޓޭކަށް ގެނައި އެ ބަދަލުން ހަމަލާތައް އުފެއްދިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ސްޓެފަން ޕޮޝް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ގްރެގޮރިޗް ބޮލުން ފޮނުވާލި ހަމަލާ، ތުރުކީގެ ގޯލާ އަމާޒުވެފައި ނުވާ އިރު، ކޮންރަޑް ލައިމާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ކެޕްޓަން މާކޯ އާނަޓޮވިޗް ފޮނުވާލި ހަމަލާ، ތުރުކީ ކީޕަރު މެރްތު ގުނޮކް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ހުސް ފުރުސަތެއް ބޭކާރުވިއެވެ.
އެ ހަމަލާތަކާއެކު އޮސްޓްރިއާގެ އުންމީދު އާވިތަނާ، ވާރޭ ވެހެމުންދިޔަ ލައިޕްޒިގުގައި ދެވަނަ ގޯލެއް ޖެހީވެސް ތުރުކީއެވެ. އެވެސް ކޯނަރެއްގައެވެ. ގުލާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ތުރުކީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކުރި މެރީހް ޑެމިރާލެވެ.
ތުރުކީން 2008 ވަނަ އަހަރުގެ ހަނދާންތަކާއެކު ސެމީގެ އުންމީދު އާކުރިއެވެ. އެ އުފާވެރިކަމުގެ އިހުސާސް މަޑު ޖައްސާލީ އިރުކޮޅެއްފަހުން އޮސްޓްރިއާ ޖެހި ގޯލުންނެވެ. މެޗުގެ 66 ވަނަ މިނެޓުގައި ކޯނަރެއްގެ ތެރެއިން ޕޮޝް ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އޮސްޓްރިއާއަށް ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މައިކަލް ގްރެގޮރިޗެވެ.
އެ ގޯލާއެކު މެޗު ހުޅުވިގެން ދިޔައެވެ. ދެ ޓީމުންވެސް ފަހުވަގުތު ހިތްވަރާއެކު ކުޅެން މަޖުބޫރުވިއެވެ. އެ ޕްރެޝަރުގައި މެޗުގެ ފަހުވަގުތު ފޯރިގަދަކޮށް ފެނުނު އިރު، ހަމަލާތައްވެސް ފެނުނެވެ. ޔިލްމާޒް ތުރުކީއަށް ގޯލެއް ޖަހަން ކުރި މަސައްކަތް ނާކާމިޔާބުވިއެވެ. އޭގެ އިތުރުން ފަހު ސިކުންތު ހަރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އޮސްޓްރިއާގެ ބައުމްގާޓްނާ ބޮލުން ފޮނުވާލި ހަމަލާ، ކީޕަރު ގުނޮކް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އެ ސޭވާއެކު އޮސްޓްރިއާގެ އުންމީދުތައް ފުނޑުފުނޑުވިއެވެ.
ބޮޑު އުންމީދެއް ކުރެވުނު އޮސްޓްރިއާގެ ދަތުރު ނިމިގެން ދިޔައީ، މާޗު މަހު ދެ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗަށް ބަދަލު ހިފައިގެންނެވެ. މާޗު މަހުގެ އެކުވެރިކަމުގެ މެޗުގައި ތުރުކީން އޮސްޓްރިއާ އަތްދަށުވެފައި އޮތީ 6-1 ގެ ނަތީޖާއަކުންނެވެ. އެ ބައްޔަށް މިރޭ ބަދަލު ހިފިއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024