ޔޫރޯ 2024 ގެ ގަދަ 16 ގައި މިރޭ ކުޅުނު މެޗުގައި ނެދަލޭންޑްސްއިން ރުމޭނިއާ ބަލިކޮށްފިއެވެ.
ބަޔާން މިއުނިކްގެ އެލިއާންޒް އެރީނާގައި މިރޭ ކުޅުނު މެޗުގައި ނެދަލޭންޑްސްއިން ރުމޭނިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ރުމޭނިއާއަކީ މިފަހަރުގެ ޔޫރޯގައި ގްރޫޕް އީގައި ވާދަކޮށް ގަދަ 16 އަށް ނުކުތީ އެ ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. އެޓީމުން ގްރޫޕްގެ އެއްވަނަ ހޯދީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ރުމޭނިއާއިން ވަނީ ޔުކްރެއިން ބަލިކޮށް، ސްލޮވޭކިއާއާ އެއްވަރުކޮށްފައެވެ. އެޓީމުން ބަލިވީ ބެލްޖިއަމް އަތުން އެކަންޏެވެ. މިރޭގެ ގަދަ 16 ގެ މެޗަކީ 2000 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދާން މަސައްކަތް ކުރަން ލިބުނު ފުރުސަތެވެ.
މެޗަށް އަނެއްކޮޅުން ނުކުތް ނެދަލޭންޑްސްއަށްވެސް މިދިޔަ 16 ވަރަކަށް އަހަރުގައި ޔޫރޯ ދިޔައީ އެންމެ ކާމިޔާބުކޮށެއް ނޫނެވެ. މިރޭ މެޗުގެ ކުރިން 2008 ވަނަ އަހަރުގެ ޔޫރޯއަށްފަހު ނެދަލޭންޑްސް އަދި މުބަރާތުގެ ކުއާޓާއަށް ގޮސްފައި ނުވާ އިރު، މިފަހަރު ނުކުތީ އެ ނާކާމިޔާބީގެ ސިލްސިލާ ނިންމުމަށެވެ.
ނެދަލޭންޑްސްއަށް މިއީ މިހާތަނަށް ފުރިހަމަ ޔޫރޯއެއް ނޫނެވެ. އެޓީމަށް ގްރޫޕް ސްޓޭޖުގައި އުނދަގޫތަކާ ކުރިމަތިވިއެވެ. ނެދަލެންޑްސްއަށް ގަދަ 16 އިން ފުރުސަތު ލިބުނީ ގްރޫޕުގެ ތިންވަނަ ހޯދައި، ގްރޫޕުތަކުގެ ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމުގެ ތެރޭގައި ހިމެނުމުންނެވެ. ނެދަލެންޑްސްގެ ފުރަތަމަ މެޗުގައި 2-1 އިން ޕޮލެންޑް ބަލިކުރި އިރު، ފްރާންސް އަތުން ވަނީ އެއްވަރުވެފައެވެ. އަދި ފަހު މެޗުގައި އޮސްޓްރިއާ އަތުން 3-2 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.
މިރޭގެ މެޗުގެ ފުރަތަމަ 10 ވަރަކަށް މިނެޓުގައި ރުމޭނިއާއިން ނެދަލޭންޑްސްއަށް ޕްރެޝަރު ކޮށްލައިގެން ކުޅުނު ނަމަވެސް، އޭގެ އިރުކޮޅެއްފަހުން ނެދަލޭންޑްސް ހިންދެމިލިއެވެ. ކުރިއަށް ޖެހިލައި އެޓޭކަށް ވިސްނިއެވެ. ނަތީޖާއެއްގެ ގޮތުން 20 ވަނަ މިނެޓުގައި ނެދަލޭންޑްސްއިން ލީޑު ނެގިއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯއެވެ. އޭނާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ހަނި އޭންގަލުން ބާރު ހަމަލާއެއްގައެވެ. އެއީ މުބާރާތުގައި ގަކްޕޯ ޖެހި ތިންވަނަ ގޯލެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓްގައި ގަކްޕޯ މިހާރު ހިމެނެއެވެ.
އެ ގޯލަށްފަހުވެސް ނެދަލޭންޑްސްއިން ފުރަތަމަ ހާފުގައި ނުރައްކާ ކުރި އިރު، މެމްފިސް ޑިޕާއީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސްޓެފަން ޑިވްރައި ބޮލުން ފޮނުވާލި ހަމަލާ، ރުމޭނިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އެއީ ހުސް ފުރުސަތެކެވެ. އަދި އޭގެފަހުން އޭރިއާ ތެރޭ ހުސްކޮށް ހުރެ ޒަވީ ސިމޮންސް ފޮނުވާލި ހަމަލާ ދިޔައީ ރުމޭނިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
ދެވަނަ ހާފުގެ އޮއިވަރުވެސް އޮތީ ނެދަލޭންޑްސް ކޮޅުގައެވެ. ހާފުގެ ކުރީކޮޅުގައި ޑެންޒެލް ޑަމްފްރީސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑޮންޔެލް މަލެން ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފައެވެ. އަދި ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ޑިޕާއީ ފޮނުވާލި ހަމަލާ ވެސް ރުމޭނިއާ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ. އޭގެ ހަތަރު ވަރަކަށް މިނެޓްފަހުން ކެޕްޓަން ވާޖިލް ވެން ޑައިކް ފޮނުވާލި ހަމަލާ އަމާޒުވީ ރުމޭނިއާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ނެދަލޭންޑްސްއިން ދެވަނަ ގޯލަކަށް މަޑުމަޑުން ފުރުސަތު ތަނަވަސް ކުރަމުންދިޔަ އިރު، އެންމެ ނުރައްކާކޮށް ފެނުނީ ގަކްޕޯއެވެ. މެޗުގެ 73 ވަނަ މިނެޓުގައި ގަކްޕޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖޯއީ ވީމަން ފޮނުވާލި ހަމަލާ ދިޔައީ ރުމޭނިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
އެ ފުރުސަތުތަކުގެ ހެޔޮ ނަތީޖާ ފެނިގެން ދިޔައީ 83 ވަނަ މިނެޓުގައި ޖެހުނު ދެވަނަ ގޯލާއެކުގައެވެ. ލިވަޕޫލްގެ ނެދަލޭންޑްސް ފޯވަޑް، ގަކްޕޯ ދިން ބޯޅައަކުން ގޯލު ކުރިމަތީ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑޮންޔެލް މަލެންއެވެ. ގަކްޕޯ ފުރުސަތު ތަވަސްކުރަން އަރިމަތިން ދެމިގަތީ ހިތްގައިމު ކޮށެވެ.
އެ ގޯލާއެކު ނެދަލޭންޑްސްއަށް ދިރުން ލިބި، ނިންމާލީ ތިންވަނަ ގޯލެއްވެސް ޖަހައިގެންނެވެ. ކުރިއަށް، އޭރިއާ ތެރެއަށް ދެމިގަނެ، އެ ގޯލުވެސް ޖެހީ ދެވަނަ ގޯލު ޖެހި މާލެންއެވެ.
އެ ގޯލާއެކު ނެދަލޭންޑްސްއިން ހަމަޖެހިލައި، 2008 ވަނަ އަހަރަށްފަހު ފުރަތަމަ ކުއާޓާ ފައިނަލް ޔަގީންކުރިއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024