މާލެ އާއި ހުޅުމާލެ މުޅިން އާ ފައިބާ އޮޕްޓިކް ނެޓްވޯކަކުން މިއަދު ގުޅާލައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ މީގެ ކުރިން ހުޅުމާލޭގެ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި އެ ނެޓްވޯކު ގާއިމްކޮށްފައިވީ ނަމަވެސް، އެއީ އެޗްޑީސީން މާލެ އާއި ހުޅުމާލެއާ ދެމެދު އެ ހިދުމަތް ގުޅާލާ ފުރަތަމަ ފަހަރު ކަމަށެވެ.

ހުޅުމާލެ އާއި މާލެ ޑިޖިޓަލީ ގުޅުވާލަދޭ މުޅިން އާ ހައި ކެޕޭސިޓީ ފައިބާ އޮޕްޓިކް ނެޓްވޯކް އެ ކޯޕަރޭޝަނުން ގާއިމްކޮށް، އެ ނެޓްވޯކުގެ ތެރެއިން އެޗްޑީސީން ލީސް ލައިން އާއި ޑާކް ފައިބާގެ ހިދުމަތަށް އެދުމުގެ ފުރުސަތު ވިޔަފާރިތަކަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެއީ ވިޔަފާރިތަކަށް އެކަށީގެންވާ ކުޑަ އަގެއްގައި ދޫކުރާ ހިދުމަތްތަކެއް ކަމަށާއި ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ޑޭޓާ ކަނެކްޓިވިޓީ ފޯރުކޮށްދިނުމަކީ އެޗްޑީސީގެ އަމާޒެއް ކަމަށެވެ. އަދި އެ ނެޓްވޯކް މާލެ އާއި ހުޅުމާލެއާ ދެމެދު ގުޅުވާލެވުމާ އެކު، ވިޔަފާރިތައް ބާރުވެރިކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ޑާކް ފައިބާ ކަނެކްޓިވިޓީ ހިދުމަތަށް ފުރަތަމަ ސޮއިކުރި ކަސްޓަމަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ކަމަށެވެ. އެ ބޭންކާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހު ހަތަރެއްގައި ކަމަށެވެ.

"މި ހިދުމަތަށް އެދޭ ވިޔަފާރިތަކަށް އެންމެ އަވަސް ސްޕީޑުގައި ކަނެކްޝަން ގުޅައިދެވޭނެ އެވެ. އެއާއެކު ކަސްޓަމަރުންނަށް ދިމާވެދާނެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެންގެ ޓީމުގެ ފަރާތުން 24 ގަޑިއިރުގެ ހިދުމަތް ލިބިގެންދާނެ އެވެ،" އެޗްޑީީސީން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި، މި ހިދުމަތް ފެށުމާ އެކު މިހާރު ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަންގެ ތެރެއިން، ކޮންމެ ކަސްޓަމަރަކަށް ވެސް އެއް މަސް ދުވަހުގެ ފްރީ ޓްރަޔަލް ޕީރިއަޑެއް ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ވިޔަފާރިތަކަށް އަތްފޯރާ ފަށުގައި ޑޭޓާ ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ އިތުރުން އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީހާ ވެސް ލުއިގޮތްތަކެއް ހޯދައިދިނުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.