ށ. ބިލެއްފަހި ބަނދަރު ތަރައްގީގެ މަސައްކަތުގެ 86 ޕަސަންޓު ނިމިއްޖެއެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން މިއަދު ބުނީ ބިލެއްފަހި ބަނދަރު ތަރައްގީގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް މަސައްކަތު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ބިލެއްފަހި ބަނދަރުގެ 10,500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 3825 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަރު ބޭސިން ފުންކުރުމާއި 9,800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުން ހިމެނެއެވެ.

އޭގެ އިތުރުން 3500 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދު ފުންކުރުމާއި 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 181 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 170 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށްވެސް ހަމަޖެހިފައިވަ ކަމަށް އެމްޓީސީން ބުންޏެވެ.

ބިލެއްފަހި ބަނދަރު ތަރައްގީގެ އިތުރު މަސައްކަތުގެ ތެރޭގައި 1549 އަކަ މީޓަރުގެ ސަރަހައްދެއްގެ ހާބަރު ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި ބުރިޖެއް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

ޕްލޭނިގް މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 40.73 މިލިއަން ރުފިޔާއަށެވެ.