އެންމެ ހައިރާން ކޮށްލައި، ޔުރޯ 2024 ކާމިޔާބު ކުރުމަކީ އޮސްޓްރިއާއަށް ނުވާނެ ކަމެއް ނޫން ކަމަށް އެޓީމުގެ ތަޖުރިބާކާރު ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.
މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޮސްޓްރިއާގެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރަންގްނިކާ އެކު ޔޫރޯގައި އެޓީމު ދަނީ ފިޔަ ޖަހަމުންނެވެ. އެޓީމުން ގަދަ 16 އަށް ނުކުންނަނީ ފްރާންސާއި ނެދަލޭންޑްސް ފަދަ ގައުމުތައް ހިމެނުނު ގްރޫޕެއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި އޮސްޓްރިއާއިން ވަނީ ނެދަލޭންޑްސް 3-2 އިން ބަލިކޮށް، ޕޮލެންޑް 3-1 އިން ބަލިކޮށްފައެވެ. އެޓީމު ބަލިވީ ފްރާންސް އަތުން 1-0 އިންނެވެ. އެ މެޗުގައި ގޯލު ވަނީ ބައިކޮޅަށެވެ.
"އަހަރެން މުބާރާތް ފެށުމުގެ ކުރިންވެސް ކުޅުންތެރިން ގާތުގައި ބުނިން ފައިނަލާ ހަމައަށް ދިޔުން، އަދި މުބާރާތް ނެގުންވެސް އެއީ ނުވާނެ ކަމެއް ނޫނޭ. އެހެންވިޔަސް، އަހަރެމެން ރިޔަލިސްޓިކް ވާން ޖެހޭ. އެންމެ ދުރަށް ދާން އޮތް ގޮތަކީ އިހަށް އެހިސާބަށް ނުވިސްނައި، މެޗަކަށްފަހު މެޗެއް ވިސްނައިގެން. އެގޮތަށް ގްރޫޕް ސްޓޭޖު ކާމިޔާބުވީވެސް،" ރަންގްނިކް ބުންޏެވެ.
ޕްރީ މެޗު ޕްރެސްގައި އިއްޔެ ރަންގްނިކް އިތުރަށް ބުނީ ސްޕެއިން ކަހަލަ ޓީމުތަކުގައި ތަފާތު ހުނަރުވެރި މޮޅު އެތައް ކުޅުންތެރިންނެއް ތިބެ، ޓެކްނިކަލީ އެންމެ މަތީ ފަންތީގައި ކުޅެމުން ދާއިރުވެސް އެ ޓީމުންވެސް ވިސްނާނީ މެޗަކަށްފަހު މެޗަކަށް ކަމަށެވެ.
މިރޭ ރަންގްނިކްގެ އޮސްޓްރިއާއިން ތުރުކީއާ ދެކޮޅަށް ނުކުންނަ އިރު، ފެވަރިޓަކީވެސް ތުރުކީއެވެ. ރަންގްނިކް ކޯޗުކަމާ ހަވާލުވިފަހުން ތުރުކީއާ ދެކޮޅަށް އެންމެފަހުން ކުޅުނު މެޗުގައި އޮސްޓްރިއާއިން ވަނީ 6-1 އިން މޮޅުވެފައެވެ. މިއަހަރުގެ މާޗު މަހު އެ ކުޅުނު މެޗާއި މިރޭގެ މެޗާ ތަފާތު ވާނެ ކަމަށް ރަންގްނިކް ބުނެފައިވެއެވެ. އޭނާ ބުނީ މިރޭގެ މެޗުގެ ނަތީޖާ ބަރޯސާ ވާނީ "ހިތަށް" ކަމަށެވެ.
"ތުރުކީއަކީ ވަރަށް ގައުމީ ރޫހުގައި، ޖަޒުބާތުގައި ކުޅޭ ޓީމެއް. އެހެންވީމަ ތުރުކީގެ އެ ޗެލެންޖާ އަހަރެމެންވެސް ކުރިމަތިލާން ޖެހޭނީ ނިކަން ޖޯޝުގައި. މި މެޗުގައި އަހަރެމެން ޖެހޭނެ ގައުމީ ރޫހުގައި ކުޅޭ ހިތުން ކުޅެން. އެއީ މެޗުގެ ނަތީޖާ ނުކުންނާނެ ގޮތަކީ،" ރަންގްނިކް ބުންޏެވެ.
މިހާތަނަށް ޖަރުމަނުގައި އެންމެ ސަޕޯޓަރުން ގިނަ ދެ ޓީމުގެ ގޮތުގައި އޮސްޓްރިއާ އާއި ތުރުކީ ފާހަގަކޮށްލެވެއެވެ. އޮސްޓްރިއާގެ މައިގަނޑު އެޑްވާންޓޭޖަކަށް މިދިޔަ މެޗުތަކުގައި ސަޕޯޓަރުންވެފައިވާ އިރު، ޖަރުމަނުގައި ދިރިއުޅޭ ތުރުކީގެ މަސައްކަތްތެރިން ގިނަވުމުން، މިރޭގެ މެޗުގައި ގިނަވާނީ އެގައުމުގެ ސަޕޯޓަރުން ކަމަށް ބެލެވެއެވެ.
އޮސްޓްރިއާ އާއި ތުރުކީ ވާދަކުރާ ގަދަ 16 ގެ މެޗު އޮންނާނީ މިރޭ 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024