އޮސްޓްރިއާއާ ދެކޮޅަށް ޔޫރޯގެ ގަދަ 16 ގެ މެޗުގައި ނުކުންނަ އިރު، ތުރުކީގެ މުހިއްމު ދެ ކުޅުންތެރިޔަކު ސަސްޕެންޝަނުގައި ތިބުމަކީ ކަންބޮޑުވުމެއް ކަމަށް ކޯޗު ވިންސެންޒޯ މޮންޓޭލާ ބުނެފިއެވެ.

ތުރުކީން 2008 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ގަދަ 16 ޔަގީން ކުރީ ގްރޫޕް އެފްގެ ތާވަލުގެ ދެވަނަ މަގާމުގައި ނިންމާލައިގެންނެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. އެ ގްރޫޕްގެ އެއްވަނަ ޕޯޗުގަލްއިން ހޯދި އިރު، ތިންވަނައިގައި ގަދަ 16 އަށް ދިޔަ ޖޯޖިއާ ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިފައެވެ. އެޓީމުގެ ގޯލް ޑިފަރެންސަކީ ސުމެކެވެ. ޗެކު ނިންމާލީ ގްރޫޕް ފުލުގައެވެ.

ތުރުކީން އެންމެފަހުން ޗެކު ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗަކީ މިހާތަނަށް ޔޫރޯ ތާރީހުގައިވެސް އެންމެ ގިނައިން ކާޑު ފެނިގެން ދިޔަ، ހޫނުގަދަ މެޗެކެވެ. ތުރުކީ ޓީމަށް އެކަނިވެސް އެމެޗުގައި 11 ކާޑު ދައްކާފައިވާ އިރު، ދެ ރީނދޫ ކާޑު ހަމަވެގެން ޓީމުގެ ކެޕްޓަން ހަކާން ޗަލަނޮގްލޫ އާއި ޑިފެންޑަރު ސަމެޓް އަކޭޑިންއަށް މިރޭގެ މެޗު ނުކުޅެވެއެވެ.

"އަހަރެންވެސް ބޭނުން ވާނީ ސްކޮޑު އެއްކޮށް އެވޭލަބަލް ވާންތާ. އެހެންވިޔަސް އެ ފުރުސަތެއް މިހާރު ނެތް. އަހަރެމެން މިރޭގެ މެޗުގައި ނުކުންނަން ޖެހޭނީ ފޫ ނުބެއްދޭނެ ދެ ކުޅުންތެރިޔަކު ނުލާ. އެއީ އަހަންނަށް އޮތް ކަންބޮޑުވުމެއް. އެހެންވިޔަސް އެމަގާމުތަކަށް ދެން ނުކުންނަން ކުޅުންތެރިންވެސް ތަފާތު ދައްކާނެކަން ޔަގީން،" މޮންޓޭލާ ބުންޏެވެ.

އިއްޔެގެ ޕްރި މެޗު ޕްރެސްގައި މޮންޓޭލާ ބުނީ އޭނާގެ ޓީމުގެ އެޓޭކިން އަދަދުތަކުން ހިތްހަމަ ޖެހުން ލިބޭ ކަމަށެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ޖުމުލަ 50 ޝޮޓް ތުރުކީން ހަދާފައިވާ އިރު، އެއީ މެޗަކަށް އެވަރެޖް 16.67 ޝޮޓެވެ. ތުރުކީން 161 އެޓޭކް ތިން މެޗުގައި އުފައްދާފައިވާ އިރު، އެއީ މުޅި މުބާރާތުގައިވެސް ފަސްވަނައަކަށް އެންމެ ގިނައިން އެޓޭކް އުފެއްދި ޓީމެވެ. މޮންޓޭލާ ބުނީ އަދަދުތަކަށް ބަލައި، ތުރުކީއާ މެދު އުންމީދު އެބައޮތް ކަމަށެވެ.

މޮންޓޭލާ އިތުރަށް ބުނީ އޮސްޓްރިއާއަކީ މިހާތަނަށް މުބާރާތުގައި ފެނުނު "ޓީމެއްގެ ގޮތުގައި އެންމެ މޮޅު ޓީމް" ކަމަށެވެ. ހާއްސަކޮށް ތުރުކީއަށްވުރެ ޓީމް ރޫހު އޮސްޓްރިއާގެ ވަރުގަދަ ކަމަށްވެސް މޮންޓޭލާ ބުންޏެވެ.

ތުރުކީ އާއި އޮސްޓްރިއާ އެންމެފަހުން ވާދަކުރި އެކުވެރިކަމުގެ މެޗުގައި، ރަލްފް ރަންގްނިކްގެ އިރުޝާދާ އެކު އޮސްޓްރިއާއިން ވަނީ 6-1 އިން ތުރުކީ ބަލިކޮށްފައެވެ. މޮންޓޭލާ ބުނީ އެ މެޗަށް ބަދަލުހިފަން ނުވިސްނާ ކަމަށާއި އޮސްޓްރިއާއާ ކުރިމަތިލާން ޖެހޭނީ އެމޯޝަނަލީ ވިސްނަައިގެން ނޫން ކަމަށާއި "ދަނޑުމަތިން މަޑުމައިތިރި ކަމާއެކު ކުޅެން،" ހޭނިގެން ކަމަށެވެ.

ތުރުކީން މީގެ ކުރިން 2008 ވަނަ އަހަރު ޔޫރޯގެ ސެމީ ފައިނަލަށް ގޮސްފައިވާ އިރު، މޮންޓޭލާގެ އުންމީދަކީ އެ ކާމިޔާބީ ތަކުރާރު ކުރުމެވެ. މިރޭ އެޓީމުން އޮސްޓްރިއާއާ ދެކޮޅަށް ނުކުންނަ މެޗު އޮންނާނީ މެންދަމު 12:00 ގައެވެ.