ނެދަލެންޑްސްގެ ފެންވަރު ހުއްޓުވުމަށް ރުމޭނިއާ އިން ވަރަށް ފުރިހަމަ ކުޅުމެއް ދައްކަން ޖެހޭ ކަމަށް އެޓީމުގެ ކޯޗު އެޑްވާޑް ލޯޑަނެސްކޫ ބުނެފިއެވެ.
ރުމޭނިއާ އިން 24 އަހަރަށްފަހު ފުރަތަމަ ފަހަރަށް ޔޫރޯގެ ގަދަ 16 އިން ފުރުސަތު ހޯދާފައިވަނީ "ގްރޫޕު އީ"ގެ އެއްވަނަ ހޯދައިގެންނެވެ. ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި ޔޫކްރެއިން އަތުން މޮޅުވި އިރު، ދެވަނަ މެޗުގައި ބެލްޖިއަމް އަތުން ވަނީ ބަލިވެފައެވެ. އަދި ފަހު މެޗުގައި ރުމޭނިއާ އިން ވަނީ ސްލޮވާކިއާ އަތުން ޕޮއިންޓެއް ހޯދައިފައެވެ.
ގަދަ 16 ގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރުމޭނިއާގެ ކޯޗު ލޯޑަނެސްކޫ ބުނީ އެ މެޗަކީ ފަސޭހަކޮށްލެވެން އޮތް މެޗެއް ނޫން ކަމަށާއި ރަނގަޅު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށެވެ.
"އޮސްޓްރިއާއާ ދެކޮޅަށް ނެދަލެންޑްސް އިން ކުޅުނު މެޗުގެ ނަތީޖާއަށް ބެލުމަކީ މޮޔަކަމެއް. އެއްވެސް މެޗަކީ ފަސޭހަ މެޗެއް ނޫން. ހާއްސަކޮށް ކުއާޓާ ފައިނަލަށް ދާން ކުޅޭ މެޗު ފަސޭހައެއް ނުވާނެ. މެޗުގެ ފޭވަރިޓަކީ ނެދަލެންޑްސް. އެޓީމުގައި މޮޅެތި، ފެންވަރު ރަނގަޅު ކުޅުންތެރިން އެބަތިބި. އެކަމަކު އަހަރެމެންގެ ހިތްވަރު އެބަހުރި. ނެދަލެންޑްސްގެ އެ ފެންވަރު ހުއްޓުވުމަށް ފުރިހަމަ ކުޅުމެއް ދައްކަން ޖެހޭނެ،" އޭނާ ބުންޏެވެ.
ލޯޑަނެސްކޫ ބުނީ މުބާރާތުގައި ރުމޭނިއާއަށް ކުރިއަށްދެވުނީ ޑިފެންސިވް ޑިސިޕްލިން އަދި ޓީމުގެ ހިތްވަރާއެކު ކަމަށާއި ސަޕޯޓަރުންގެ ތަރުހީބު ވެސް ވަރަށް ބޮޑު ދައުރެއް އަދާކުރި ކަމަށެވެ. އަދި ކުރިއަށްއޮތް މެޗުގައި ޓީމަށް ބަދަލުތަކެއް ގެންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ޔޫރޯ 2024 ގެ ގަދަ 16 ގައި ނެދަލެންޑްސްއާ ދެކޮޅަށް ރުމޭނިއާ އިން ނުކުންނާނީ ރާއްޖޭގަޑިން މިރޭ 9:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024