ގްރޫޕު ސްޓޭޖުގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކުރުމަށް ވަރަށް ވަގުތު ލިބުނު ކަމަށް ނެދަލެންޑްސްގެ ކޯޗު ރޮނަލްޑް ކޫމަން ބުނެފިއެވެ.
ޔޫރޯ 2024 ގެ ގްރޫޕު ސްޓޭޖުގައި ނެދަލެންޑްސް އިން ކުޅުނު ފަހު މެޗުގައި އޮސްޓްރިއާ އަތުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު "ގްރޫޕު ޑީ"ގެ ތިންވަނައިގައި ނިންމާލި ނެދަލެންޑްސްއަށް ގަދަ 16 އިން ފުރުސަތު ލިބުނީ ގްރޫޕުތަކުގެ ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާތައް ހޯދި ހަތަރު ޓީމުގެ ތެރޭގައި ހިމެނުމުންނެވެ.
ގަދަ 16 ގައި ރުމޭނިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޫމަން ބުނީ މެޗުތައް ނުކުޅެ ދިގު މުއްދަތެއް ހޭދަކުރުމުގެ ބަދަލުގައި އަވަހަށް މެޗު ކުޅެން ޖެހުން މާ ރަނގަޅު ކަމަށެވެ. ނަމަވެސް ދިގު މުއްދަތެއް ލިބުމުން ވެސް ފައިދާތަކެއް ހުރިކަން އޭނާ ފާހަގަކުރިއެވެ.
"މިއީ ވަރަށް ދިގު ހަފުތާއެއް. މިފަދަ މުބާރާތެއްގައި މެޗެއް ނުކުޅެ ހަތް ދުވަހަކީ ވަރަށް ދިގު މުއްދަތެއް. ހަމަ ޔަގީނުން ވެސް އަހަރެމެންނަށް އޮސްޓްރިއާ މެޗުގެ މައްސަލަތައް ބަލައި، ހައްލުކުރަން ދިގު މުއްދަތެއް ލިބުނު. އަހަރެމެންނަށް ކައިރިން ރަނގަޅަށް ނުކުޅެވުނު. ބައެއް ފަހަރު އެންމެ ވަރުގަދައަށް ވެސް ނުކުޅެވުނު،" ކޫމަން ބުންޏެވެ.
ކޫމަން ބުނީ ކުޅުންތެރިންނާއި ޓީމުގެ އެހެން ކޯޗުންނާ ދެމެދު ވަރަށް ރަނގަޅަށް ވާހަކަދެކެވޭ ކަމަށާއި ކަންކަން ރަނގަޅުކުރަން ހުރިކަން އެންމެން ވެސް ގަބޫލުކުރާ ކަމަށެވެ. އަދި ރުމޭނިއާގެ މެޗަށް ނުކުންނާނީ އެކަންކަމަށް މަސައްކަތްކުރަން ކަމަށް އޭނާ ބުންޏެވެ.
ޔޫރޯ 2024 ގެ ގަދަ 16 ގައި ރުމޭނިއާއާ ދެކޮޅަށް ނެދަލެންޑްސް އިން ނުކުންނާނީ ރާއްޖޭގަޑިން މިރޭ 9:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024