ޔޫއެފާ ޔޫރޯ 2024 ގެ ގަދަ 16 ގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ޕެނަލްޓީ ޖަހައިގެން ސްލޮވީނިއާ ބަލިކޮށް، ޕޯޗުގަލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ފްރޭންކްފާޓްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވި އިރުވެސް ގޯލެއް ނުޖެހި އޮތް އިރު، ޕެނަލްޓީގައި ޕޯޗުގަލުން މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖައަކުންނެވެ.
ޕޯޗުގަލުން ގަދަ 16 އަށް ނުކުތީ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ޗެކު ރިޕަބްލިކާއި ތުރުކީ ބަލިކޮށްފައެވެ. ޕޯޗުގަލުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަލިވީ ޖޯޖިއާ އަތުންނެވެ. އެ މެޗަށް ޓީމުގެ 11 އަށް ބޮޑެތި ބަދަލުތަކެއް ގެނައިކަން ފާހަގަވިއެވެ. އެ ބައްޔާއެކު މާޔޫސް ނުވާ ކަމަށް ކޯޗު ރޮބާޓޯ މާޓިނޭޒް ޕްރި މެޗު ޕްރެސްގައި ބުނެފައިވާ އިރު، ޕޯޗުގަލްއިން މިރޭގެ މެޗަށް ނުކުތީ ފެވަރިޓުންގެ ގޮތުގައެވެ.
އަނެއްކޮޅުން ނުކުތް ސްލޮވީނިއާގެ ތާރީހުގައިވެސް މިއީ ދެވަނަ ޔޫރޯ މުބާރާތެވެ. އަދި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ނުކުތް ގަދަ 16 ގެ މެޗަކީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައިވެސް ޔޫރޯއެއްގެ ނޮކްއައުޓް ބުރުގައި ކުޅުނު ފުރަތަމަ މެޗެވެ. ސްލޮވީނިއާއިން ގްރޫޕް ސީން ގަދަ 16 އަށް ދެމިގަތީ ސާބިއާއާ 1-1 އިން އެއްވަރުކޮށް، ޑެންމާކާވެސް 1-1 އިން އެއްވަރުކޮށް، އިންގްލެންޑް 0-0 ގައި ހިފަހައްޓާލައިގެންނެވެ. އެޓީމަކީ ގްރޫޕް ސީގެ ތިންވަނަ ޓީމެވެ.
އުންމީދުވެސް ކުރި ގޮތަށް ސްލޮވީނިއާއިން އެންމެ އިސްކަމަކަށް ހެދީ ޕޯޗުގަލްގެ އެޓޭކް ހުއްޓުވުމެވެ. އެޓީމުން އެޓޭކް ކުރީ ކައުންޓާ ފުރުސަތުތަކުގައެވެ. ޕޯޗުގަލްއަށް ބޯޅަ ގެންގުޅެން ދޫކޮށްލައި، މަޑުކުރީ ވަރަށް ބޮޑަށް ފަހަތުގައެވެ. އެ ޓެކްޓިކްސްގެ ފައިދާ ފެންނަންވެސް ފެނުނެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ޕޯޗުގަލްއަށް ހުސް ފުރުސަތެއްވެސް ނުހޯދި، ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ.
ޕޯޗުގަލްގެ ނުރައްކާ ފުރަތަމަ ހާފުގައި ބޮޑަށް ފެނުނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުންނެވެ. ބޮލުން ގޯލަށް ފޮނުވާލަން ލިބުނު ދެ ފުރުސަތެއް އޭނާ އަތުން ބޭކާރުވެގެން ދިޔަ އިރު، ފޮނުވާލި ބާރު ހިލޭ ޖެހުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ޕޯޗުގަލްގެ ރުބެން ޑިއާޒާއި ބްރޫނޯ ފެނާންޑޭޒްގެ ހަމަލާތައްވެސް ކާމިޔާބުވެފައިނުވާ އިރު، ހާފު ނިމެންދަނިކޮށް، ރަފައެލް ލިއާއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޖޮއާ ޕަލީނިއާ ފޮނުވާލި ހަމަލާ އަމާޒުވީ ސްލޮވީނިއާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ސްލޮވީނިއާއިން މަޑުމަޑުން އެޓޭކަށް މަސައްކަތް ކުރި އިރު، ފުރަތަމަ ހާފުގައި އެޓީމުގެ ހަމައެކަނި ހަމަލާ ފެނުނީ ބެންޖެމިން ޝެޝްކޯގެ ފަރާތުންނެވެ. ޝެޝްކޯ ދުރުން ފޮނުވާލި ހަމަލާ އަމާޒުވީ ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާގެ އަތަށެވެ.
ދެވަނަ ހާފުގައިވެސް ކުޅުމުގެ އޮއިވަރު ދިޔައީ ފުރަތަމަ ހާފާ ދާދި އެއްގޮތަކަށެވެ. ޕޯޗުގަލުން ފަޅި ފުރުސަތުތަކުގައި ނުރައްކާކުރިއެވެ. ހާފުގެ ކުރީކޮޅުގައި ޖާއޯ ކަންސެލޯ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ސްލޮވީނިއާ ޑިފެންޑަރު ވަންޔާ ޑޫކުސިޗް ވަނީ ދިފާއުކޮށްފައެވެ. އަދި ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ބެނާޑޯ ސިލްވާ ފޮނުވާލި ހަމަލާ، ސްލޮވީނިއާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެފަހުން ރޮނާލްޑޯގެ ހިލޭ ޖެހުން އަމާޒުވީ ސީދާ، ޔާން އޮބްލަކު އަތަށެވެ.
އެ ހަމަލާއަށްފަހު ގިނަ ވަގުތުތަކެއް ވަންދެން މެޗުގައި ރަނގަޅު ފުރުސަތެއް ތަނަވަސްވެފައި ނުވާ އިރު، މެޗު ނިމެން ދަނިކޮށް، ރޮނާލްޑޯއަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައިން ލިބުނު އެ ފުރުސަތުގައި، ރޮނާލްޑޯ ފޮނުވާލި ހަމަލާ އަމާޒުވީ އޮބްލަކާ ދިމަލަށެވެ. އޭނާ ވަނީ ބާރު ހަމަލާ ހިފައިފައެވެ.
މެޗުގެ ފުރިހަމަ ވަގުތުގައި ގޯލެއް ނުޖެހި އިތުރު ވަގުތަށް ގޮސްފައިވާ އިރު، އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމުނީ ޑްރާމާއާއެކުގައެވެ. މެޗުގެ 103 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ޑިއޯގޯ ޖޮޓާއަށް ސްލޮވީނިއާ ޑިފެންޑަރު ވަންޔާ ޑޫކުސިޗް ކުރި ފައުލަކާ ގުޅިގެން ޕޯޗުގަލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީގައި ރޮނާލްޑޯ ފޮނުވާލި ބޯޅަ ސްލޮވީނިއާ ކީޕަރު އޮބްލަކް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
އެ ވަގުތުކޮޅާއެކު ރޮނާލްޑޯގެ ރޮމުން ދެވަނަ ހާފަށް ނުކުތީ، އިތުރު ފުރުސަތެއް ހޯދުމަށެވެ. އެހެން ނަމަވެސް އެޓީމަށް މާ ބޮޑު ފުރުސަތެއް ތަނަވަސް ނުކުރެވި، ސްލޮވީނިއާގެ ޝެޝްކޯއަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ. މެޗުގެ 115 ވަނަ މިނެޓުގައި ޕެޕޭއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާ ބޭރުން ޝެޝްކޯ ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗު ޕެނަލްޓީއަށް ގޮސް، ސްލޮވީނިއާގެ ފުރަތަމަ ތިން ޕެނަލްޓީވެސް ޕޯޗުގަލް ގޯލްކީޕަރު ކޮސްޓާ ވަނީ މަތަކޮށްފައެވެ. ޕޯޗުގަލްއަށް ރޮނާލްޑޯއާއި ފެނާންޑޭޒް އަދި ބެނާޑޯ ސިލްވާ ވެސް ޕެނަލްޓީ ކާމިޔާބު ކޮށްދިން އިރު، ސްލޮވީނިއާގެ އިލިޗިޗް އާއި ބަލްކޮވެޗް އަދި ވާބިޗް ފޮނުވާލި ޕެނަލްޓީގެ ހުރަހަކަށްވީ ޕޯޗުގަލް ކީޕަރު ކޮސްޓާއެވެ.
ކުއާޓާ ފައިނަލުގައި ޕޯޗުގަލް ނުކުންނަން ޖެހޭނީ ފްރާންސްއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން އަންނަ ހުކުރު ދުވަހުގެ ރޭ މެންދަމު 12:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024