ޔޫރޯ 2024 ގައި މިރޭ ކުޅުނު ގަދަ 16 ގެ މެޗުގައި ފްރާންސުން ބެލްޖިއަމް ބަލިކޮށްފިއެވެ.
ޑުސެލްޑޯފް އެރީނާގައި މިރޭ ކުޅުނު މެޗުން ފްރާންސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މީގެ ދެ އަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ފްރާންސުން ޔޫރޯ ފެށީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އެންމެ ފުރަތަމަ އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، އޮސްޓްރިއާ އަތުން ބައިކޮޅަށް ވަން ގޯލަކާ އެކު ފްރާންސުން 1-0 އިން މޮޅުވި ނަމަވެސް، ދެން ނެދަލޭންޑްސްއާ ދެކޮޅަށް އަދި ޕޮލެންޑާ ދެކޮޅަށް ކުޅެގެންވީ އެއްވަރެވެ. ފްރާންސަށްވެސް ބޮޑުވެފައި އޮތީ ގޯލު ނުޖެހުމުގެ މައްސަލައެވެ.
އަނެއްކޮޅުން ނުކުތް، ބެލްޖިއަމުން ގަދަ 16 ގައި މިރޭ ފްރާންސާ ދެކޮޅަށް ނުކުންނަނީ ގްރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމަށްވެސް މިހާތަނަށް މިއީ ބަދު ނަސީބު މުބާރާތެކެވެ. ފުރަތަމަ މެޗުގައި ސްލޮވޭކިއާ އަތުން 1-0 އިން ބަލިވެފައިވާ އިރު، ބެލްޖިއަމް މޮޅުވީ 2-0 އިން ރުމޭނިއާ އަތުން އެކަންޏެވެ. ފަހު މެޗުގައި އެޓީމު އެއްވަރުވީ ޔުކްރެއިން ކައިރީ 0-0 ގެ ނަތީޖާއަކުންނެވެ.
ބެލްޖިއަމްގެ ފުޓުބޯޅައަށް މިއީ ޖީލެއްގެ ނިމުމެވެ. ކެވިން ޑި ބްރޭނާއާއި ރޮމެލޫ ލުކާކޫ ފަދަ ކުޅުންތެރިންނާއެކު ރަން ޖީލެއް ބިނާކުރި ބެލްޖިއަމަށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ހިތްދަތިކޮށް ނިމިގެން ދިޔަ އިރު، އެޓީމަށް 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ލޯ މެޑަލް ނޫން އެހެން ބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.
ދެޓީމަށްވެސް ކުރިމަތިވެފައި އޮތީ ގޯލު ޖެހުމުގެ މައްސަލައެވެ. ރަނގަޅު ފުރުސަތުތަކެއްވެސް ތަނަވަސް ނުކުރެވި އޮތުމުގެ މައްސަލައެވެ. މިރޭ މެޗުގެ ފުރަތަމަ ހާފުންވެސް އެ މަންޒަރު ފެނުނެވެ. ހަމަލާތައް މަދު، ފޫހި ހާފެއްގެ ގޮތުގައި ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހިއެވެ.
ފްރާންސްގެ ހަމަލާތަކަށް ބަލައިލާ އިރު، ޕެނަލްޓީ އޭރިއާ ބޭރުން އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާގައި އެއްވެސް ބާރެއް ނެތި ދިޔަ އިރު، ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ގޯލާ އަމާޒުވެފައެެއް ނުވެއެވެ. މާސްކްގައި ކުޅެމުންދިޔަ އެމްބާޕޭއަށް މެޗުގައި އުނދަގޫތައް ކުރިމަތިވިތަން ފެނުނެވެ. ހާއްސަކޮށް އޭނާގެ ފަރާތުން ކޮއްޓާފައި ވަދެގެންދާ ފަހަރުތައް ފެނުނީ މަދުންނެވެ.
ބެލްޖިއަމުން ކެވިން ޑި ބްރޭނާގެ ހިލޭ ޖެހުމަކުން ނުރައްކާކުރި ނަމަވެސް، އެޓީމަށް ފުރަތަމަ ހާފުގައި ފްރާންސްގެ ޑިފެންސަށް މާ ބޮޑު އުނދަގޫތަކަކާ ކުރިމަތިކުރެވިފައެއް ނުވެއެވެ.
ދެވަނަ ހާފަށް ފްރާންސުން ތަންކޮޅެއް ބޮޑަށް ކުޅުން ރަނގަޅުކުރިއެވެ. ހާފުގެ ކުރީކޮޅުގައި އެންގޯލޯ ކަންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އޯރެލިއެން ޗުއަމެނީ ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ބެލްޖިއަމް ކީޕަރު ކޮއޭން ކަސްޓީލްސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އަދި ކޫންޑޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ހުރެ، މާކަސް ތުރާމް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ބެލްޖިއަމް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
އޭގެފަހުންވެސް ފްރާންސުން ބޮޑަށް ނުރައްކާކުރި އިރު، އެމްބާޕޭއަށް އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ ދިޔައީ މާ ބޮޑަށްވެސް މަތިންނެވެ. އަނެއްކޮޅުން ދެވަނަ ހާފުގައި ބެލްޖިއަމުން އުފެއްދި ހަމައެކަނި ނުރައްކާތެރި ހަމަލާގައި ރޮމެލޫ ލުކާކޫ ފޮނުވާލި ހަމަލާ ޑިފެންޑަރު ފައިގައި ޖެހި ގޯލާ ދިމާލަށް ދިޔުމުން މަތަކުރީ މައިކް މައިގްނަންއެވެ.
މެޗުގެ ފުރިހަމަ ވަގުތު ނިމިނިމި އޮއްވައިވެސް ބެލްޖިއަމުން ނުރައްކާކުރިއެވެ. ޑި ބްރޭނާ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ފޮނުވާލި ބާރު ހަމަލާވެސް މަތަކުރީ މައިކް މައިގްނަންއެވެ.
އެ ހަމަލާއަށްފަހު މެޗުގެ އޮއިވަރު ބަދަލުވާން ފެށީ ފްރާންސުން އެޓީމުގެ ފޯވަޑް، ރަންޑަލް ކޯލޯ މުއާނީ ކުޅެން ނެރުނު ހިސާބުންނެވެ. ކުޅުމުގެ ޓެމްޕޯއަށް އައި ބަދަލާއެކު 85 ވަނަ މިނެޓުގައި ފްރާންސުން ލީޑު ނެގިއެވެ. އެންގޯލޯ ކަންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރަންޑަލް ކޯލޯ މުއާނީ ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ގޯލު ކާމިޔާބުވީ ޔާން ވަޓޮންގަން އަތުން ބައިކޮޅަށް ވަން ގޯލާއެކުގައެވެ.
މިދިޔަ ޔޫރޯ 2020 ގެ ގަދަ 16 އިން ހިތްދަތިކޮށް ކަޓައިގެން ދިޔަ ފްރާންސުން ކުއާޓާ ޔަގީންކޮށްފައިވާ އިރު، އެޓީމާ ދެކޮޅަށް ކުޅެން ޖެހޭ ޓީމު އެނގޭނީ މިރޭ ޕޯޗުގަލްއާއި ސްލޮވީނިއާ ވާދަކުރާ މެޗުންނެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024