ޔޫރޯ 2024 ގެ ގަދަ 16 ގައި ފްރާންސާއި ބެލްޖިއަމް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މީގެ ދެ އަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ފްރާންސުން ޔޫރޯ ފެށީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫން. އެންމެ ފުރަތަމަ އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، އޮސްޓްރިއާ އަތުން ބައިކޮޅަށް ވަން ގޯލަކާ އެކު ފްރާންސުން 1-0 އިން މޮޅުވި ނަމަވެސް، ދެން ނެދަލޭންޑްސްއާ ދެކޮޅަށް އަދި ޕޮލެންޑާ ދެކޮޅަށް ކުޅެގެންވީ އެއްވަރު. އޭގެ ތެރެއިން ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސަށް ގޯލެއްވެސް ޖެހިފައެއް ނުވޭ. ޕޮލެންޑާ ކުޅެގެން އެއްވަރުވީ 1-1 ގެ ނަތީޖާއަކުން.

ބެލްޖިއަމުން ގަދަ 16 ގައި މިރޭ ފްރާންސާ ދެކޮޅަށް ނުކުންނަނީ ގްރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައި. އެޓީމަށް ގްރޫޕް ސްޓޭޖް ވެފައިވަނީ ބޮޑު މާޔޫސް ކަމަކަށް. ފުރަތަމަ މެޗުގައި ސްލޮވޭކިއާ އަތުން 1-0 އިން ބަލިވެފައިވާ އިރު، ބެލްޖިއަމް މޮޅުވީ 2-0 އިން ރުމޭނިއާ އަތުން އެކަނި. ފަހު މެޗުގައި އެޓީމު އެއްވަރުވީ ޔުކްރެއިން ކައިރީ 0-0 ގެ ނަތީޖާއަކުން.

  • ބެލްޖިއަމާއި ފްރާންސް މިހާތަނަށް ބައިނަލްއަގުވާމީ ފުޓުބޯޅައިގައި 75 މެޗު ކުޅެފައިވޭ.
  • އޭގެ ތެރެއިން ފްރާންސް 26 މެޗަކުން މޮޅުވި. ބެލްޖިއަމް މޮޅުވީ 30 މެޗުން.
  • ދެ ޓީމުގެ ކުރިމަތިލުންތައް އެއްވަރުވެފައި ވަނީ 19 މެޗެއްގައި.
  • ދެ ގައުމުން އެންމެ ފުރަތަމަ 1904 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއް ކުޅުނު އިރު، އެންމެފަހުން ކުޅުނީ 2021 ވަނަ އަހަރު.
  • އެ ފަހަރު ވާދަކުރީ ނޭޝަންސް ލީގު މެޗެއްގައި، އެ މެޗުން ފްރާންސް މޮޅުވީ 3-2 އިން.
  • 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީގައި ދެ ގައުމުން ވާދަކުރި މެޗު، ފްރާންސުން ކާމިޔާބުކުރީ 1-0 އިން.
  • ދެ ގައުމުން އެންމެފަހުން ޔޫރޯގައި ކުޅުނީ 1984 ވަނަ އަހަރު. އެފަހަރު ފްރާންސް މޮޅުވީ 5-0 އިން.