ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދަނީ އެ މަނިކުފާނު އެފަދަ މައްސަލައެއް ހުށަހަޅުއްވައިގެން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒުއާ "ސިޔާސީ ގޮތުން ގާތްވުމުގެ" ބޭނުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް ސަލީމާއި އޭނާގެ ކޮއްކޮ ސަނާ ސަލީމް އެ މަނިކުފާނަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި ޖޫން 26 ވަނަ ދުވަހު އެ ދެ މީހުން ހައްޔަރުކޮށް ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފައެވެ.

ހީނާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިހުރުގެ މައްސަލައާ ގުޅިގެން ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އާއިލާއާ ގުޅުވައި މީޑިއާގައި ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއާއި އެ މަނިކުފާނުގެ އާއިލާ އިން އެފަދަ (ސިހުރުގެ) އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި އެ މަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ދޮގު ހަބަރުތަކެކެވެ." ޝަމްނާޒްގެ ކޭސްއަށް ހަވާލާދީ ހީނާ ވިދާޅުވިއެވެ.

ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވެސް ވަނީ ފުލުހުން ތަހުގީގު ކުރަމުންދާ އެ މައްސަލައަކީ ރައީސް މުއިއްޒު ނުވަތަ އެ މަނިކުފާނުގެ އާއިލާ އިން ހުށަހަޅައިގެން ތަހުގީގު ކުރަމުންދާ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލައިގައި ޝަމްނާޒާއި އޭނާގެ ކޮއްކޮ ސަނާގެ އިތުރުން ސިހުރު ހެދި ކަމަށް ބުނާ ތ. ކިނބިދޫ، ހުސައިން ސަމީރުވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށެވެ.

ސިހުރު ހެދި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ޝަމްނާޒު ވަނީ ސްޓޭޓް މިނިސްޓަރުކަމުން ސަސްޕެންޑުވެސް ކޮށްފައެވެ. ޝަމްނާޒް އަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. ޝަމްނާޒްގެ އިތުރުން ރަމީޒުވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ.