ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ނުކުންނާނީ ސަމާލުވާން ޖެހޭ ކަންކަން ދަނެގެން ކަމަށް ސަސްގެ ކޯޗު އާފިއު މުހައްމަދު ބުނެފިއެވެ.
ބުރު ސްޕޯޓްސް ކްލަބާ އެކު ދެވަނަ ޑިވިޝަން ކާމިޔާބު ކުރި ކޯޗު، އާފިއު އިއްޔެ ގައުމީ ދަނޑުގައި ބޭއްވި ޕްރި މެޗު ޕްރެސްގައި ބުނީ ޓީސީ ވަރަށް ބެލެސް ކަމަށާއި ޓީސީއަކީ ފިޒިކަލީވެސް އެންމެ ރަނގަޅު ކުޅުންތެރިންތަކެއް ތިބި ޓީމު ކަމަށެވެ.
"ޓީސީއަކީ ވަރަށް ބެލެންސް ޓީމެއް. އެވްރެޖްކޮށް އެންމެ ރަނގަޅު ފިޒިކަލް ކުޅުންތެރިންތަކެއް ތިބީ ޓީސީގައި. އެކަމަކު ކުޅުމުން އެހާ ބޮޑަކަށް އެ ތަފާތެއް ނުފެނޭ. އެކަމަކު ޓެކްޓިކަލީ އެ ފެންނަ ތަފާތު ފެނޭ. ޓީސީން ކުރާ ކަންތައްތަކެއް އެބަހުރި، އެހެންވީމަ އެކަމަށް ސަމާލުވާނީ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗެއް ނޫން މިހާރު ކުޅެން މިއުޅެނީ. ފައިނަލެއް މިއޮތީ ކުރިއަށް. ފައިނަލް ތަފާތުވާނެ،" އާފިއު ބުންޏެވެ.
އާފިއު ފާހަގަކުރީ ސަސްގެ 19 އަހަރުން ދަށުގެ ޓީމަކީ ވެސް އެކަޑެމީ މެދުވެރިވެގެން އައި ޓީމަކަށްވުރެ ބޮޑަށް، 19 އަހަރުން ދަށު ޓީމުގެ ޓްރަޔަލްސްއިން އައި ޓީމެއް ކަމަށެވެ. އެޓީމުގެ ތެރޭގައި އަތޮޅު ތެރޭގެ ބައެއް ކުޅުންތެރިންވެސް ހިމެނޭ ކަމަށެވެ.
އާފިއު ބުނީ އަތޮޅު ތެރެއިން އަންނަ ކުޅުންތެރިންގެ ހާއްސަ ހުނަރުތަކެއް ހުރި ނަމަވެސް، ޓެކްޓިކަލީ ވަކި ޑިސިޕްލިންއެއްގައި މެޗަކަށް ނުކުންނަން ޖެހުމުން އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ. އެ އުނދަގޫ އަންނަނީ ފަރިތަކުރުންތަކަށް އެކަށީގެންވާ ވަގުތެއް ނުލިބޭތީ ކަމަށާއި ބޮޑަށް ސަމާލުކަން ދިނީ ކުޅުންތެރިންނަށް ހާއްސަކޮށް ކުޅެވޭނެ ސިސްޓަމަކަށް މެޗުތައް ކުޅުމަށް ކަމަށެވެ.
"މާގިނަ ފަރިތަކުރުންތަކަކަށް ވަގުތެއް ނުލިބޭ. އަޅުގަނޑުމެން ބެލީ މެޗުތަކަށް ކުރެވެން އޮތް ކަމެއް ބަލައިގެން ވަކިވަކި މެޗުތަކަށް ތައްޔާރުވީ. މުބާރާތުގައި ފެނުނީ އެވަރެޖް އެއްވަރު ޓީމުތަކެއް. ވަކި ޓީމެއް މާ މޮޅުކޮށް ފެނިގެން ނުދޭ،" އާފިއު ބުންޏެވެ.
އާފިއު އިތުރަށް ބުނީ ޓެކްނިކަލީ އެންމެ މޮޅު ޓީމަށް ފައިނަލަށް ނާދެވުނު ނަމަވެސް، ފައިނަލާ ހަމައަށް އައި ދެ ޓީމުންވެސް ބޮޑަށް ފެނުނީ ވަކިވަކި ކުޅުންތެރިންގެ ހުނަރު ކަމަށެވެ. ކުޅުންތެރިންގެ ހުނަރުން ފައިނަލާ ހަމައަށް ސަސް ނުކުންނަނީ ވަރަށް ބޮޑަށް ކުޅުންތެރިން މޯޓިވޭޓް ތިބެފައި ތިބި ކަމަށް އާފިއު ބުންޏެވެ.
ސަސް އާއި ޓީސީ ކުޅޭ 19 އަހަރުން ދަށުގެ ފައިނަލް އޮންނާނީ މިރޭ 9:00 ގައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް