އިންގްލެންޑުން ޔޫރޯ 2024 ގެ ގަދަ 16 ގައި ރޭ ސްލޮވޭކިއާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އިންގްލެންޑުން މުބާރާތަށް ނުކުތީ ފެވަރިޓުންގެ ގޮތުގައެވެ. އެޓީމުން 1966 ވަނަ އަހަރު ހޯދި ވޯލްޑް ކަޕް ތަށްޓަށްފަހު، ފުރަތަމަ ތަށްޓަކަށް މަސައްކަތް ކުރަމުންދާ އިރު، އެޓީމަށް މިފަހަރުގެ ގްރޫޕް ސްޓޭޖު އުނދަގޫވިއެވެ. ގްރޫޕް ސީގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ފުރަތަމަ މެޗުންނެވެ. ސާބިއާ ކައިރިން 1-0 އިން އިންގްލެންޑް މޮޅުވި ނަމަވެސް، އޭގެފަހުން ދެން ކުޅުނު ދެ މެޗުވެސް ވީ އެއްވަރެވެ. އެއީ ޑެންމާކާ 1-1 އިން އެއްވަރުވި މެޗުގެ އިތުރުން 0-0 އިން ސްލޮވީނިއާ ކައިރިން ލިބުނު ޕޮއިންޓެވެ.
އެ ނަތީޖާތަކާ އެކު ރޭގެ ގަދަ 16 އަށް އިންގްލެންޑަށް ބޮޑު ޕްރެޝަރެއް އޮތް އިރު، އެޓީމުން ކުޅުނު މެޗުގެ ނަތީޖާ ކަނޑައަޅަން ޖެހުނީ އިތުރު ވަގުތަށް ގޮސްގެންނެވެ. އިންގްލެންޑަށް މެޗު އެއްވަރު ކުރެވުނީ ފުރިހަމަ ވަގުތުގެ ފަހު ސިކުންތުގައެވެ. އެގޯލު ޖެހީ ޖޫޑް ބެލިންހަމްއެވެ. އިތުރު ވަގުތުގައި ނަތީޖާ އަނބުރާލި ގޯލު ޖެހީ ހެރީ ކޭންއެވެ. ރޭވެސް އެކަށީގެންވާ ތަފާތު ކުޅުމެއް އިންގްލެންޑަށް ދެއްކިފައިނުވާ އިރު، އެޓީމަށް އަދިވެސް ފާޑުކިޔުންތައް އަމާޒުވާނެ ކަމަށް ކޯޗު ގެރެތު ސައުތުގޭޓް ވަނީ ބުނެފައެވެ.
"އަހަރެމެންނަށް އަދިވެސް ފާޑު ކިޔާނެ. އަދިވެސް ސުވާލުތައް އުފައްދާނެ. އެހެންވިޔަސް ގަބޫލު ކުރަން ޖެހޭ، އަހަރެމެން މުބާރާތުގައި ކުރިއަށް މިދަނީ ބައެއް ކޮލިޓީތައް ޓީމުގަ ހުރީމަ. އަހަރެމެންގެ ކުޅުންތެރިންގެ ޓީމު ރޫހާއި ލީޑާޝިޕަށް އަހަރެން ތައުރީފް ކުރަން،" ރޭގެ މެޗަށްފަހު ސައުތުގޭޓް ބުންޏެވެ.
ސައުތުގޭޓް އިތުރަށް ބުނީ ރޭގެ މެޗުގައި މެދުތެރެއިން ޕްރެޝަރުގައި ކުޅެން އުނދަގޫވި ކަމަށާއި ޓެކްޓިކްސްއަށް ފިޓްވާން ޓީމަށް ވަގުތު ނެގި ކަމަށެވެ.
"އަހަރެމެންނަށް ވަރަށް ގިނަ މެޗުތަކުގައި ދިމާވާ މައްސަލައެއް އެއީ، ޕްރެޝަރުގައި މެދުތެރެއިން ކުޅެން އުނދަގޫވާ މައްސަލަ. ރޭގެ މެޗުގައިވެސް ޓެކްޓިކްސްއަށް ރަނގަޅަށް ހޭނުނީ ފަހުން. އަހަރެމެން ބޭނުންވި ފަހުވަގުތު ވެސް ފުރުސަތެއް ހޯދަން. ހަގީގަތުގައި އެ ފުރުސަތު ލިބުނީ ރީތި ކުޅުމަކުން ނޫން ނަމަވެސް، އެ ރޫހާ އެކު ފަހު މިނެޓަށް މަސައްކަތް ކުރުން މުހިއްމީ،" ސައުތުގޭޓް ބުންޏެވެ.
ރޭގެ މެޗަށްފަހު އޭނާ ވަނީ ކެޕްޓަން ހެރީ ކޭން އާއި ޖޫޑް ބެލިންހަމްގެ އިތުރުން މުޅި ޓީމަށް ތައުރީފް ކޮށްފައެވެ. އިންގްލެންޑުން ދެން ކުޅޭ ކުއާޓާ މެޗުގައި ނުކުންނަން ޖެހޭނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024