ޕޯޗުގަލްގެ ސްކޮޑަށް ބަލައިލުމުން، ހުނަރުވެރި އެތައް ކުޅުންތެރިންގެ ނަންތައް ފެނި ބޮލުގައި ރިހޭ ނަމަވެސް، އެޓީމާ ދެކޮޅަށް ނުކުންނަން ސްލޮވީނިއާ ޖެހިލުން ނުވާނެ ކަމަށް ކޯޗު މަޓްޖާޒް ކެކް ބުނެފިއެވެ.

މިއީ ސްލޮވީނިއާގެ ތާރީހުގައިވެސް ދެވަނަ ޔޫރޯއެވެ. އަދި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ނުކުންނަ ގަދަ 16 ގެ މެޗަކީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައިވެސް ޔޫރޯއެއްގެ ނޮކްއައުޓް ބުރުގައި ކުޅޭނެ ފުރަތަމަ މެޗެވެ. ސްލޮވީނިއާއިން ގްރޫޕް ސީން ގަދަ 16 އަށް ދެމިގަތީ ސާބިއާއާ 1-1 އިން އެއްވަރުކޮށް، ޑެންމާކާވެސް 1-1 އިން އެއްވަރުކޮށް، އިންގްލެންޑް 0-0 ގައި ހިފަހައްޓާލައިގެންނެވެ. އެޓީމަކީ ގްރޫޕް ސީގެ ތިންވަނަ ޓީމެވެ.

މިރޭގެ މެޗުގައި އެޓީމުން ނުކުންނަނީ މުބާރާތުގެ ފެވަރިޓެއް ގޮތުގައި ގުނޭނެ ވަރުގަދަ ޕޯޗުގަލްއާ ދެކޮޅަށެވެ. ކޯޗު ކެކްވެސް އެކަން ގަބޫލުކޮށް، ޕޯޗުގަލްއަށް ތައުރީފް ކޮށްފައިވެއެވެ.

"ޕޯޗުގަލްގެ ސްކޮޑަށް ބަލާލިޔަސް ބޮލިގައި ރިހޭ. އެޓީމަށް ރޮޓޭޓްކޮށް، ބަދަލުކޮށް، ބޭނުން ގޮތަކަށް ކުޅުންތެރިން ބޭނުން ކުރެވޭނެ. އެ ސްކޮޑުގައި އޮތީ ހުސް ތަރިން. އެހެންވިޔަސް އަހަރެމެން ގޭމް ޕްލޭން ބަދަލެއް ނުކުރާނަން. ގަބޫލުކުރަން ޕޯޗުގަލްއަކީ ފެވަރިޓެއް ކަންވެސް. އެހެންވިޔަސް، ސްލޮވޭނިއާ ގްރޫޕް ސްޓޭޖުގައިވެސް ކުޅުނީ ފެވަރިޓެއްގެ ގޮތުގައެއް ނޫން. އެހެންވީމަ ޕޯޗުގަލްއާ ދެކޮޅަށް ފެވަރިޓެއް ގޮތުގައި ނެތުމަކީ މައްސަލައެއް ނޫން،" ކެކް ބުންޏެވެ.

"އަހަރެމެން ޖެހިލުމެއް ނުވޭ ޕޯޗުގަލް ދެކެއެއް. އަހަރެމެންނަށް ވަރަށް ބޮޑު ފަހުރެއް ޕޯޗުގަލް ކަހަލަ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ޔޫރޯއެއްގައި ކުޅެވުމަކީ،" ކެކް އިތުރަށް ބުންޏެވެ.

މިހާތަނަށް ޕޯޗުގަލް އާއި ސްލޮވީނިއާ ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ކުޅެފައި ވަނީ އެންމެ މެޗެކެވެ. އެއީ މާޗު މަހު ސްލޮވީނިއާގައި ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. އެމެޗު ބަލަން ސްލޮވީނިއާގެ ސަޕޯޓަރުން ދަނޑު ފުރާލިއެވެ. ޓީމުގެ މިޑްފީލްޑަރު ނެޒްޑާ ސެރިންގެ ނަޒަރުގައި އެމެޗަށް ސަޕޯޓަރުން ދިޔައީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބަލާލަން ނަމަވެސް، އެ މެޗުގެ ނަތީޖާއިން މިހާރު ސަޕޯޓަރުން ޓީމު ފަހަތުގައި ތިބި ކަމަށެވެ.

"ޖުބްލްޖާނާގައި ކުޅުނު އެކުވެރިކަމުގެ މެޗަށް ސަޕޯޓަރުން ދިޔައީ ރޮނާލްޑޯ ބަލާލަން. އެއީ އަހަރެމެންނަށް އުންމީދުކޮށްގެން ތިބި މެޗެއް ނޫން. އެހެން ތިއްބާ އެމެޗު 2-0 އިން ކާމިޔާބުކޮށް، އަހަރެމެން ދިނީ ސަޕްރައިޒެއް. އެހިސާބުން މި ޔޫރޯއާ ހަމައަށް ޓީމު އޮތް ފޯމުން މިހާރު ދަނޑުތަކުން އިވެމުންދަނީ ހިތްގައިމު ސަޕޯޓެއްގެ އަޑު. އަދި ބޭނުން ޖަރުމަނުގައި މަޑުކުރަން. އެކަން ވާނެ،" ސެރިން ބުންޏެވެ.

އޭނާ ބުނީ މި ޔޫރޯގައި ކޮންމެ ޓީމަކަށްވެސް ކޮންމެ ޓީމެއް ބަލިކުރެވިދާނެ ކަމަށާއި ފެވަރިޓުންނެއް ނެތް ކަމަށެވެ. ނަން މަޝްހޫރު ނޫން ޓީމުތައް މާ މޮޅަށް ކުޅެމުންދާ ކަންވެސް ޕެނަތޮނައިކޮސްއަށް ކުޅޭ ސެރިން ބުންޏެވެ.

މިރޭ ސްލޮވީނިއާ އާއި ޕޯޗުގަލް ވާދަކުރާ މެޗު އޮންނާނީ މެންދަމު 12:00 ގައެވެ.