މިފަހަރުގެ ޔޫރޯގައި މިހާތަނަށް ބެލްޖިއަމް ޓީމުން ދެއްކި ކުޅުމާ މެދު ސުވާލު އުފައްދާ ސްޕޯޓަރުންގެ ފަރާތުން ރުޅިވެރިކަން ފެނުނު ނަމަވެސް، އެކަމަށް މާ ބޮޑަށް ނުވިސްނާ ކަމަށް އިޓަލީއަށް އުފަން ބެލްޖިއަމް ކޯޗު، ޑޮމެނިކޯ ޓަޑެސްކޯ ބުނެފިއެވެ.
ބެލްޖިއަމުން ގަދަ 16 ގައި މިރޭ ފްރާންސާ ދެކޮޅަށް ނުކުންނަނީ ގްރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމަށް ގްރޫޕް ސްޓޭޖް ވެފައި ވަނީ ބޮޑު މާޔޫސް ކަމަކަށެވެ. ފުރަތަމަ މެޗުގައި ސްލޮވޭކިއާ އަތުން 1-0 އިން ބަލިވެފައިވާ އިރު، ބެލްޖިއަމް މޮޅުވީ 2-0 އިން ރުމޭނިއާ އަތުން އެކަންޏެވެ.
އެންމެފަހު މެޗުގައި ޔުކްރެއިން ކައިރިންވީ އެއްވަރެވެ. އެ މެޗަށްފަހު ސަޕޯޓަރުން ބައެއް ކުޅުންތެރިންނަށް "ބޫ" ކޮށް، ފާޑު ކިޔާފައިވެއެވެ. އެ ފާޑު ކިޔުންތަކަށް ހިތްހަމަ ނުޖެހި، ކެޕްޓަން ކެވިން ޑި ބްރޭނާ ސަޕޯޓަރުންނާ ދިމާއަށް ދިޔަތަންވެސް ފެނިގެން ގޮސްފައިވެއެވެ.
އެ މެޗުގައި ބެލްޖިއަމް ކުޅުންތެރިންގެ ފަރާތުން ފެނުނު ދަށް ކުޅުމަށް ފާޑުކިޔައި، ސަޕޯޓަރުންގެ ފަރާތުން ޓީމަށް ހާއްސަ ސިޓީއެއް ފޮނުވާފައިވެއެވެ. އެ ސިޓީގައި ފުރަތަމަވެސް ކޮށްފައިވަނީ ސުވާލެކެވެ.
"ގްރޫޕް ސްޓޭޖުގައި ކުޅުނު އެންމެ ފަހު މެޗުގައި ޔުކްރެއިން ބަލިކޮށް، ގްރޫޕްގެ އެއްވަނަ ހޯދަން މަސައްކަތް ނުކުރީ ކީއްވެ؟ އެ މެޗުގައި މަސައްކަތްކޮށް އެއްވަނަ ހޯދިނަމަ، ތި ހުރިހާ ކުޅުންތެރިންނާއި އަހަރެމެންނަށްވެސް ފަސޭހަ ގޮތަކަށް ފައިނަލަށް ދެވޭނެ ކަމަށް އުންމީދު ކުރެވުނީސް. އަހަރެމެން ސަޕޯޓަރުން އެތައް ހަރަދެއްކޮށްގެން މިތަނަށް އައިސް ތި ޓީމަށް ސަޕޯޓް މި ކުރަނީ. އަހަރެމެން އައީ އެތައް ގަޑިއިރަކު ދުއްވައިގެން، އެތައް ގޮތަކުން ފައިސާވެސް ހޯދައިގެން. އަހަރެމެން އަބަދުވެސް ތި ކުޅުންތެރިންނާއެކު ތިބޭނަން. އެކަމަކު އެންމެ ޝަރުތެއް އެބައޮތް. އެއީ ގައުމީ ޓީމަށް ލޯބި ދީގެން، އެ ރޫހުގައި ކުޅުން. ގައުމަށް ޖާނުދޭން ޖެހޭނެ،" ސަޕޯޓަރުންގެ ސިޓީގައިވެއެވެ.
އެ ނުތަވަސްކަމަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށް ޕްރި މެޗު ޕްރެސްގައި ޓެޑެސްކޯ ވަނީ ބުނެފައެވެ.
"އެއީ އަހަރެމެންނަށް މައްސަލައެއް ނޫން. ސަޕޯޓަރުން ބޮޑު ހަރަދެއް ކޮށްފައި އަންނަކަން ގަބޫލުކުރަންވެސް ޖެހޭ. އެއީ މައްސަލައެއް ނޫން. އަދި އަހަރެމެން ކޮލިފައިވުމުންވެސް އެ ހިތްހަމަ ނުޖެހުން ހުރުންވެސް އެއީ މައްސަލައެއް ނޫން. އެކަން ދެން އެ ނިމުނީ. ހުރިހާވެސް ކަމަކީ އެއް ރޫހެއްގައި އޮތުން،" ޓެޑެސްކޯ ބުންޏެވެ.
ޓެޑެސްކޯގެ ނަޒަރުގައި ބެލްޖިއަމަށް މިހާތަނަށް އައި އިރު ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ ގޯލު ނުޖެހުމުގެ މައްސަލައެވެ. އެއީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން އެޓީމަށް ޖެހުނީ އެންމެ ދެ ގޯލް ކަމަށްވާތީއެވެ. ޓެޑެސްކޯ ބުނީ، އެއީ ބެލްޖިއަމަށް އެކަނި ދިމާވާ ކަމެއްވެސް ނޫން ކަމަށާއި، ފްރާންސްވެސް އޮތީ އެހާލުގައި ކަމަށެވެ. އެކަން ހައްލުކުރަން ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށްވެސް ޓެޑެސްކޯ ބުންޏެވެ.
ފްރާންސާ ދެކޮޅަށް ބެލްޖިއަމް ނުކުންނަ ގަދަ 16 ގެ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024