ޔޫރޯ 2024 ގެ ގަދަ 16 އިން ފެށިގެން އެ ފެށެނީ މުބާރަތުގެ ތެރެއިން އާ މުބާރާތެއް ކަމަށާއި މިފަހަރުގެ މުބާރާތުގައި ދެވަނަ ފުރުސަތެއް ނުލިބޭނެކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.
މީގެ ދެ އަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ފްރާންސުން ޔޫރޯ ފެށީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އެންމެ ފުރަތަމަ އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، އޮސްޓްރިއާ އަތުން ބައިކޮޅަށް ވަން ގޯލަކާ އެކު ފްރާންސުން 1-0 އިން މޮޅުވި ނަމަވެސް، ދެން ނެދަލޭންޑްސްއާ ދެކޮޅަށް އަދި ޕޮލެންޑާ ދެކޮޅަށް ކުޅެގެންވީ އެއްވަރެވެ. އޭގެ ތެރެއިން ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސަށް ގޯލެއްވެސް ޖެހިފައެއް ނުވެއެވެ. ޕޮލެންޑާ ކުޅެގެން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި ޖެހި ހަމައެކަނި ގޯލު ޕެނަލްޓީއަކުން ޖަހައިދިނީ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ. އޮސްޓްރިއާ މެޗުގައި އެމްބާޕޭގެ ނޭފަތް ބިންދައިގެން ގޮސް، ނެދަލޭންޑްސްއާ ދެކޮޅަށް އޭނާ ކުޅެފައިވެސް ނުވެއެވެ. ޑިޝޭމްޕްސް މިރޭ ބެލްޖިއަމާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން އެމްބާޕޭއާ އެކު ޕްރެސްގައި އިނދެ ބުނީ ގޯލު ނުޖެހޭ ވާހަކައެވެ.
"މިއީ މުބާރާތުގެ އާ މަރުހަލާއެއް. މިއީ މުބާރާތުގެ ތެރެއިން ފެށީ އިތުރު މުބާރާތެއް. ދެން ނުލިބޭނެ ދެވަނަ ފުރުސަތެއް. ހަމަ ޔަގީނުންވެސް ގްރޫޕްތަކުން ކޮލިފައިވި ޓީމުތަކަކީ ކަޓައިގެން ދިޔަ ޓީމުތަކަށްވުރެ ވަރުގަދަ ޓީމުތަކެއް. މިހާރު އެންމެ މުހިއްމުވާނީ ގޯލު ކުރިމަތީގައި ތަފާތު ދެއްކުން. މޮޅުވަންޏާ ގޯލު ޖަހަން މަޖުބޫރު. އެއީ އަހަރެމެންނަށް މިހާތަނަށް މި މުބާރާތުގައި ނުވެ އޮތް ކަމަކޫވެސް. އެއީ ވެދާނެ ކަމެއް މޮޅެތި ޓީމުތަކަށްވެސް. މޮޅެތި ކުޅުންތެރިންނަށްވެސް،" ޑިޝޭމްޕްސް ބުންޏެވެ.
ފްރާންސުން ޔޫރޯ 2020 ގެ ގަދަ 16 ކަޓައިގެން ގޮސްފައިވަނީ ސްވިޒަލޭންޑް ކައިރީ ޕެނަލްޓީ ޖަހައިގެންނެވެ. އެ މެޗުގައި އެމްބާޕޭގެ ޕެނަލްޓީވެސް ވަނީ ނާކާމިޔާބުވެފައެވެ. ޑިޝޭމްޕްސް ބުނީ މިރޭ ބެލްޖިއަމާ ދެކޮޅަށް ނުކުންނާނީ ޕެނަލްޓީއަށްވެސް ތައްޔާރުވެގެން ކަމަށެވެ.
"އަހަރެމެން ޖެހޭނެ ޕްނަލްޓީއަށް ތައްޔާރުވާން. އަހަރެމެން އަތުގައި އެބަހުރި އިދިކޮޅު ކުޅުންތެރިންގެ މައުލޫމާތު ވެސް. އަދި އަހަރެންގެ ކުޅުންތެރިންގެ މައުލޫމާތުވެސް އެނގޭ ރަނގަޅަށް. އެހެންވިޔަސް އެހާލަތަށް ދާއިރު، އަބަދު ދަނޑުމަތީގައި ނުތިބޭނެ ކުރީބައިގައި ޕެނަލްޓީ ޖަހުވަން ތައްޔާރުކުރާ ކުޅުންތެރިންނެއް. އެހެންވީމަ ހުރިހާ ކުޅުންތެރިން ޖެހޭ ތައްޔާރުވާން،" ފްރާންސާ އެކު ކުޅުންތެރިއެއްގެ ގޮތުގައި ޔޫރޯ އުފުލައިލި ޑިޝޭމްޕްސް އިތުރަށް ބުންޏެވެ.
ފްރާންސާއި ބެލްޖިއަމްގެ ކުރިމަތިލުން ފަށާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024