ޔޫރޯ 2024 ގެ ގަދަ 16 ގައި މިރޭ ސްޕެއިނުން ޖޯޖިއާ ބަލިކޮށްފިއެވެ.

ކޮލޯންގައި ކުޅުނު މެޗުގައި ސްޕެއިނުން ޖޯޖިއާ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

ސްޕެއިނަކީ މިފަހަރުގެ ޔޫރޯގައި މިހާތަނަށް އެންމެ ފޯމު ރަނގަޅުކޮށް އޮތް ޓީމެވެ. ސްޕެއިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައެވެ. އެއީ ކޮޅަށް ގޯލެއްވެސް ވަނަ ނުދީއެވެ. މަރުގެ ގްރޫޕްގެ ގޮތުގައި އޮތް ގްރޫޕް ބީގައި ސްޕެއިން ވަނީ އެންމެފަހުގެ ޗެމްޕިއަން އިޓަލީ އާއި ކްރޮއޭޝިއާގެ އިތުރުން އަލްބޭނިއާވެސް ބަލިކޮށްފައެވެ.

އަނެއްކޮޅުން ނުކުތް ޖޯޖިއާ، އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް ނުކުމެ ގަދަ 16 ޔަގީންކުރުމުން އެޓީމަށް ވަނީ ތައުރީފު އޮއްސާލައިފައެވެ. ޖޯޖިއާއިން ތާރީހީ ޔޫރޯ ދަތުރެއްގައި ކުރިއަށްދާ އިރު، އެޓީމުގެ ކާމިޔާބީއާ އެކު މުޅި ގައުމު ދަނީ މިހާރުވެސް އުފާފާޅު ކުރަމުންނެވެ. ޖޯޖިއާ ގްރޫޕް އެފްގެ ތިންވަނަ ހޯދީ ޗެކު ރިޕަބްލިކާ އެއްވަރުކޮށް، އެންމެ ފަހު މެޗުގައި ޕޯޗުގަލް ބަލިކޮށްގެންނެވެ. އެޓީމު ބަލިވީ ތުރުކީ ކައިރިން އެކަންޏެވެ.

ޖޯޖިއާގެ ހުވަފެނީ ދަތުރުގައި މިރޭ ސްޕެއިނާ ދެކޮޅަށް ނުކުތީ ހާސްކަމެއް ނެތި، ގެއްލޭނެ އެއްޗެއްވެސް ނެތިއެވެ. އަނެއްކޮޅުން ސްޕެއިން ނުކުތީ ޖޯޖިއާ ފަސޭހަކޮށް ނުނެގޭނެކަން އެނގިތިބެއެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ސްޕެއިން ހަމަލާއަކަށްފަހު ހަމަލާއެއް އުފެއްދިއެވެ. ޑެނިއެލް ކާވަހާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޕެޑްރީ ފޮނުވާލި ހަމަލާ، ޖޯޖިއާގެ ކީޕަރު ގިއޯގީ މަމާޑަޝްވިލީ ވަނީ މަތަކޮށްފައެވެ. އޭގެ އިތުރުން ކަވަހާލްގެ ބާރު ހަމަލާއަކާއި ޕެނަލްޓީ އޭރިއާ ތެރެއިން ފަބިއަން ރުއިޒް ފޮނުވާލި ހަމަލާ، ޖޯޖިއާ ކީޕަރު މަމާޑަޝްވިލީ ވަނީ މަތަކޮށްފައެވެ.

މަމާޑަޝްވިލީގެ ފޯމު ގްރޫޕް ސްޓޭޖުގައިވެސް ފެނިގެން ގޮސްފައިވާ އިރު، ސްޕެއިނަށް ހުރަސް އެޅީ އޭނާއެވެ. އަނެއްކޮޅުން ޖޯޖިއާ ވަނީ 17 ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި ސްޕެއިން ނުތަވަސްކޮށްލައި، ގޯލު ޖަހައިފައެވެ. އެ ގޯލަކީ ސްޕެއިން ޑިފެންޑަރު ރޮބިން ލެ ނޯމަންޑް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭނާ އަތުން އެ ގޯލު ބައިކޮޅަށް ވަދެފައިވަނީ ޖޯޖިއާގެ އޮޓާ ކަކަބަޑްޒޭ ނަގައިދިން ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ.

އެ ގޯލުން މެޗުގެ އޮއެވަރެއް ބަދަލެއް ނުވެއެވެ. ސްޕެއިން އެޓީމުގެ ރަސްމީ ކުޅުމުގައި ހަމަލާއަކަށްފަހު ހަމަލާއެއް އުފެއްދިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން މާކް ކުކުރެއާ ފޮނުވާލި ބާރު ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ޖޯޖިއާގެ ކީޕަރު މަމާޑަޝްވިލީ މަތަކުރި އިރު، އެ ހުރިހާ ޕްރެޝަރަކާއެކު ސްޕެއިނުން ނަތީޖާ ހަމަހަމަ ކުރީ 39 ވަނަ މިނެޓުގައެވެ. ނިކޯ ވިލިއަމްސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ. އޭނާ ބޯޅަ އަމާޒުކޮށްލީ ޖޯޖިއާ ގޯލުގެ ތިރީ ކަނަކަށެވެ.

ދެވަނަ ހާފު ފެށީ އަނެއްކާވެސް ޖޯޖިއާގެ ކައުންޓާ އެޓޭކް ހަމަލާއަކުންނެވެ. ސްޕެއިން ކީޕަރު އުނައި ސިމޮން ކުރިއަށް ނުކުމެ ހުރުމުން ކައުންޓާ އެޓޭކެއްގައި، ކަވިޗާ ކަވަރަޓްސްޝޭލިއާ މެދު ރޮނގުން ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

އެ ގޯލަށްފަހު އަނެއްކާވެސް ފެނުނީ ސްޕެއިނުން އެޓޭކަކަށްފަހު އެޓޭކެއް ކުރިތަނެވެ. އެޓީމުގެ ފެންވަރު ފެނުނީ މާ ބޮޑަށްވެސް ރަނގަޅުކޮށެވެ. އުމުރުން 16 އަހަރުގެ ލަމީން ޔަމާލާއި 21 އަހަރު ނިކޯ ވިލިއަމްސްގެ ދުވެއްޔާއި ހުނަރު، ޖޯޖިއާއަކަށް ނުހުއްޓުވުނެވެ. މެޗުގެ 51 ވަނަ މިނެޓުގައި ސްޕެއިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކުރިއެވެ.

ލަމީން ޔަމާލް ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފަބިއަން ރުއިޒް އެވެ. އެއީ މި މުބާރާތުގައި އޭނާ ޖެހި ދެވަނަ ގޯލެވެ.

އެ ގޯލާއެކު ސްޕެއިނަށް ހަމަޖެހިލަން ފުރުސަތު ލިބި، އެޓީމުގެ އަސްލު ފެންވަރު ސާބިތުކޮށްދިނެވެ. މާ ބޮޑަށްވެސް މޮޅެވެ. ޔަމާލަށް ދެ ފުރުސަތެއް ލިބި ބޭނުންނުކުރެވުނު ނަމަވެސް، 75 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖެހިއެވެ. ކައުންޓާ އެޓޭކެއްގައި ފަބިއަން ރުއިޒް ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ނިކޯ ވިލިއަމްސްއެވެ.

ޑިފެންޑަރު ނައްޓާލުންވެސް ހިތްގައިމެވެ. ވިލިއަމްސް ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައި، ނިންމާލި ނިންމާލުން ފުރިހަމައެވެ. އޭގެފަހުން މަޑުޖެހިލުމެއް ނެތި ކުޅުނު ސްޕެއިނުން މެޗު ނިންމާލީ ހަތަރުވަނަ ގޯލެއްވެސް ޖަހައިގެންނެވެ. މެޗުގެ 83 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ޖޯޖިއާ ގޯލުގެ ތިރީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑެނީ އޮލްމޯއެވެ.

ސްޕެއިނުން ކުއާޓާގައި ނުކުންނަން ޖެހޭނީ ހޯސްޓް، ޖަރުމަނާ ދެކޮޅަށެވެ.