ޔޫއެފާ ޔޫރޯ 2024 ގެ ގަދަ 16 ގައި މިރޭ އިންގްލެންޑުން އިތުރު ވަގުތު ކުޅެގެން ސްލޮވާކިއާ ބަލިކޮށްފިއެވެ.
މިރޭ ޖަރުމަނުގެ ޝާލްކޭ ދަނޑުގައި ކުޅުނު މެޗުގައި އިންގްލެންޑާއި ސްލޮވޭކިއާ ކުޅުނު މެޗު، އިތުރު ވަގުތަށް ދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ ނަތީޖާއާއެކު އެއްވަރުވެގެން އިތުރު ވަގުތަށް ދިޔަ އިރު، އިންގްލެންޑުން މެޗުގެ ނަތީޖާ އަނބުރާލީ އިތުރު ވަގުތުގެ ކުރީކޮޅުގައި ގޯލު ޖަހައި 2-1 އިން މޮޅުވެގެންނެވެ.
އިންގްލެންޑުން މުބާރާތަށް ނުކުތީ ފެވަރިޓުންގެ ގޮތުގައެވެ. އެޓީމުން 1966 ވަނަ އަހަރު ހޯދި ވޯލްޑް ކަޕް ތަށްޓަށްފަހު، ފުރަތަމަ ތަށްޓަކަށް މަސައްކަތް ކުރަމުންދާ އިރު، އެޓީމަށް މިފަހަރުގެ ގްރޫޕް ސްޓޭޖު އުނދަގޫވިއެވެ. ގްރޫޕް ސީގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ފުރަތަމަ މެޗުންނެވެ. ސާބިއާ ކައިރިން 1-0 އިން އިންގްލެންޑް މޮޅުވި ނަމަވެސް، އޭގެފަހުން ދެން ކުޅުނު ދެ މެޗުވެސް ވީ އެއްވަރެވެ. އެއީ ޑެންމާކާ 1-1 އިން އެއްވަރުވި މެޗުގެ އިތުރުން 0-0 އިން ސްލޮވީނިއާ ކައިރިން ލިބުނު ޕޮއިންޓެވެ.
އަނެއްކޮޅުން މިރޭ ނުކުތް ސްލޮވޭކިއާއަށް މިއީ ތާރީހުގައި ދެވަނަ ގަދަ 16 ގެ މެޗެވެ. މީގެ ކުރިން އެޓީމުން 2016 ވަނަ އަހަރު ގަދަ 16 ކުޅެފައިވާ އިރު، މިރޭ ނުކުތީ އަލަށް ޔޫރޯގެ ކުއާޓާ ފައިނަލަށް ދިޔުމަށެވެ.
ޕްރެޝަރު އޮތީ އިންގްލެންޑަށެވެ. އެއީ ފެވަރިޓުންގެ ޓެގުގައި އޮތުމުންނެވެ. އެ ޕްރެޝަރު މީޑިއާއިންވެސް އެޓީމަށް ކުރަމުންދިޔަ އިރު، މިރޭގެ މެޗަށްވެސް ކޯޗު ގެރެތު ސައުތުގޭޓް ވަނީ ފުރަތަމަ 11 އަށް ބަދަލެއް ގެނެސްފައެވެ. ކޯނޯ ގަލެގާގެ ބަދަލުގައި މެޗުގެ ފުރަތަމަ 11 އިން ފުރުސަތު ދީފައިވަނީ ކޯބީ މައިނޫއަށެވެ.
ޒުވާން މައިނޫއާއެކު އިންގްލެންޑުން ފެށި މެޗުގެ ފެށުން، އެޓީމަށް އެންމެ ރަނގަޅަކަށް ނުދިޔައެވެ. ޕްރެޝަރުގައި ފެށި އިންގްލެންޑް ކޮޅަށް ސްލޮވޭކިއާއިން ނުރައްކާ ކުރިއެވެ. ފަސްވަނަ މިނެޓުގައި ލޫކަސް ހަރާސްލިން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑޭވިޑް ހެންކޯ ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. ނުރައްކާތެރިކަމުގެ އެ ސިގްނަލުން އިންގްލެންޑް ސިހުނެވެ.
އެޓީމުން ސަމާލުވެ ފަހަތަށް ޖެހިލައި ހަމަލާއަކަށް މަސައްކަތް ކުރި އިރު، ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކިއެރެން ޓްރިޕިއާ ފޮނުވާލި ހަމަލާ، ސްލޮވާކިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އަދި އޭގެފަހުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ހެރީ ކޭން ބޮލުން ފޮނުވާލި ހަމަލާ، ސްލޮވާކިއާ ޑިފެންޑަރު ޑޭވިޑް ހެންކޯ ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 25 ވަނަ މިނެޓުގައި ސްލޮވޭކިއާއިން ތާރީހީ ގޯލެއް ޖަހައި ލީޑު ނެގިއެވެ. ޑޭވިޑް ސްޓްރެލެކް ދިން ބޯޅައަކުން ސްލޮވާކިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިވާން ޝްރާންޒެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ބޯޅަ އަމާޒުކޮށްލީ އިންގްލެންޑް ގޯލުގެ ތިރީ ކަނަކަށެވެ. އެއީ މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ. އެ ގޯލާއެކު އިންގްލެންޑް ހާސްވިއެވެ.
އިންގްލެންޑަށް ގޯލެއް ނުޖެހިގެން އުޅެނިކޮށް ފުރަތަމަ ހާފު ނިމިގެން ގޮސްފައިވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި އިންގްލެންޑުން ބޯޅަ ގޯލަށް ވައްދާލިއެވެ. ކިއެރެން ޓްރިޕިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފިލް ފޮޑެން، ސްލޮވާކިއާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައެވެ.
އޭގެފަހުން ސްލޮވޭކިއާ ނުރައްކާ ކުރިއިރު، އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑް ކުރިއަށް ނުކުމެ ހުރުމާއެކު ސްލޮވާކިއާ ފޯވަޑް ޑޭވިޑް ސްޓްރެލެކް ދުރުން ފޮނުވާލި ހަމަލާ ދިޔައީ އިންގްލެންޑް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ ފަހުކޮޅުގައި އިންގްލެންޑުން ލަދަކު ނުބެދެން ކުރެވުނު މަސައްކަތެއް ކުރިއެވެ. ހެރީ ކޭނަށް ލިބުނު ދެ ފުރުސަތެއް ބޭކާރުވެގެން ދިޔަ އިރު، ޑެކްލަން ރައިސް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތި ދަނޑިއަށެވެ. އިންގްލެންޑުން ގޯލަކަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު ސިކުންތުގައެވެ.
މާކް ގުއޭހީ ބޮލުން ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ފޮނުވާލި އޯވަހެޑް ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމްއެވެ. އިންގްލެންޑަށް ދިރުން ލިބުނެވެ. ސަޕޯޓަރުންނަށް ލިބުނީ ހަމަޖެހުމެކެވެ.
ބެލިންހަމްގެ ގޯލުން އުންމީދު އާވި އިންގްލެންޑުން މެޗުގެ އިތުރު ވަގުތަށް ނުކުތީ ފޯމުގައެވެ. ނުކުތް ގޮތަށް ނުކުމެ، ގޯލުވެސް ޖެހިއެވެ. އިވާން ޓޯނީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ކޭންއެވެ. އިންގްލެންޑުން ނަސީބު ބަދަލުކޮށްލައި، މެޗުގެ ނަތީޖާވެސް އަނބުރާލިއެވެ. ފުރަތަމަ ފަހަރަށް ޔޫރޯގައި އިންގްލެންޑަށް އުފާވެރިކަމެއް ލިބުމުގެ އިހުސާސް ކުރެވުނެވެ.
އެ ގޯލާއެކު އިންގްލެންޑުން އިތުރު ވަގުތުގައި ވަރަށް ބޮޑަށް ޑިފެންސް ކޮށްފައިވާ އިރު، ސްލޮވޭކިއާއަށް ގޯލެއް ނުޖެހުނި ނިމުނީ، މާޔޫސްކަމުގައެވެ. އެޓީމުގެ ޔޫރޯ ދަތުރުގެ ގްރޫޕް ސްޓޭޖު މަރުހަލާ އުފާވެރި ނަމަވެސް، އިންގްލެންޑް ބައްޔެއް ނުކުރެވުނެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024