ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް ބަލައި ކޮންމެ ހަފުތާއަކަށް މަސް ގަންނަ އަގު ކަނޑައަޅައި އިއުލާންކުރުމަށް މިފްކޯ އިން ނިންމައިފިއެވެ.

މިފްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިން އެ ކުންފުންނަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަން ޖެހިފައިވާ ފައިސާ ސަރުކާރާއި މިފްކޯއާ ގުޅިގެން ކުރެވުނު މަސައްކަތުން މާދަމާ ދެވިގެންދާނެ ކަމަށާއި އެ ކުންފުނިން ބައިނަލްއަގުވާމީ ބާޒާރުގައި މަސް ވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ހަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށެވެ.

"އެކެއް ޖުލައިގައި ދޫކުރާ ފައިސާ ހިމަނައިގެން މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެގޮތުން ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވަނީ މަސް ދޯނިފަހަރަށް ދޫކުރެވިފައެވެ. މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއް ނޫނެވެ..،" މިފްކޯ އިން ބުންޏެވެ.

އެހެންކަމުން އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މާދަމާ އިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގައްގައި ކަމަށާއި އެ އަގު ކޮންމެ ހަފުތާއަކު އާއްމުކޮށް މިފްކޯއިން އިއުލާންކުރަމުންގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން މިފްކޯގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްގޮތް ބަލައި، ހަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާ ގުޅޭ ވުޒާރާތަކާ ގުޅިގެން އަޅަމުންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.