ޖޯޖިއާއަށް މިހާރުވެސް ޔޫރޯ 2024 ކާމިޔާބުވެއްޖެ ކަމަށާއި މިރޭ ސްޕެއިނާ ދެކޮޅަށް ނުކުންނާނީ ގެއްލޭނެ އެއްވެސް އެއްޗެއް ނެތް ކަމަށް ވިސްނައިގެން ކަމަށް ކޯޗު ވިލީ ސަގްނޯލް ބުނެފިއެވެ.

ޖޯޖިއާ، އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް ނުކުމެ ގަދަ 16 ޔަގީންކުރުމުން އެޓީމަށް ވަނީ ތައުރީފު ބަންޑުން ވެފައެވެ. ޖޯޖިއާއިން ތާރީހީ ޔޫރޯ ދަތުރެއްގައި ކުރިއަށްދާ އިރު، އެޓީމުގެ ކާމިޔާބީއާ އެކު މުޅި ގައުމު ދަނީ މިހާރުވެސް އުފާފާޅު ކުރަމުންނެވެ. ޖޯޖިއާ ގްރޫޕް އެފްގެ ތިންވަނަ ހޯދީ ޗެކު ރިޕަބްލިކާ އެއްވަރުކޮށް، އެންމެ ފަހު މެޗުގައި ޕޯޗުގަލް ބަލިކޮށްގެންނެވެ. އެޓީމު ބަލިވީ ތުރުކީ ކައިރިން އެކަންޏެވެ.

މިރޭ ގަދަ 16 ގައި ޖޯޖިއާއާ ދެކޮޅަށް ނުކުންނަ ސްޕެއިނަކީ މިފަހަރުގެ ޔޫރޯގައި މިހާތަނަށް އެންމެ ފޯމު ރަނގަޅުކޮށް އޮތް ޓީމެވެ. ސްޕެއިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައެވެ. އެއީ ކޮޅަށް ގޯލެއްވެސް ވަނަ ނުދީއެވެ.

"އަހަރެމެން މެޗަށް ނުކުންނާނީ ވަރަށް ކޮންފިޑެންސް ރަނގަޅަށް އޮވެގެން. އެއީ އަހަރެމެންނަށް މި މެޗުން ގެއްލޭނެ ހަމަ އެއްވެސް އެއްޗެއް ނެތީމަ. އަހަރެންގެ ނަޒަރުގައި މިހާރު ޖޯޖިއާއަށް މިފަހަރުގެ ޔޫރޯ ކާމިޔާބުވެއްޖެ. އަހަރެންގެ ޓީމުން މިހާރު ދަނޑަށް ނުކުންނާނީ ވަރަށް އުފާވެރި މޫނުތަކަކާއެކު،" ކޮލޯންގައި އިއްޔެ ކުރިއަށްދިޔަ ޕްރި މެޗު ޕްރެސްގައި ބަޔާން މިއުނިކްގެ ލެޖެންޑް،" ސަގްނޯލް ބުންޏެވެ.

ސަގްނޯލްގެ ކޯޗުކަމުގެ ދަށުގައި ޖޯޖިއާއިން މިހާތަނަށް ހަތަރު ފަހަރު ސްޕެއިނާ ވާދަކޮށްގެންވެސް، މޮޅުވެފައި އޮތީ ސްޕެއިނުންނެވެ. މިދިޔަ 2022 ވަނަ އަހަރު ޔޫރޯ ކޮލިފިކޭޝަންގައި ދެ ފަހަރަށް ސްޕެއިނާއި ޖޯޖިއާ ކުރިމަތިލިއެވެ. އެ ދެ ފަހަރުވެސް ސްޕެއިން މޮޅުވި އިރު، އޭގެ ތެރެއިން އެއް މެޗުގައޮ ސްޕެއިން ވަނީ 7-1 އިން ޖޯޖިއާ ބަލިކޮށްފައެވެ.

"އެއީ އަހަރެމެން ޓީމަށް ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވި ބައްޔެއް. އެހެންވިޔަސް، ބައެއް ފަހަރު ދިރިއުޅުމުގައި ކުރިއަށްދާން އެކަހަލަ އުނދަގޫ ހާލަތަކާ ކުރިމަތިލާން ޖެހޭ. އެއީ އެންމެ ދަތި ހާލަތަށް ގޮސްގެން ރަނގަޅު ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ. އަހަރެމެން މިފަހަރު މި ނުކުންނަނީ އެ 7-1 ގެ ނަތީޖާއިން ބައިވަރު ކަންތައްތަކެއް ދަސްކޮށްގެން. އެހެންވިޔަސް ސްޕެއިނަކީ މި މުބާރާތުގައި މިހާތަނަށް ކުޅުނު އެންމެ މޮޅު ޓީމު،" އުމުރުން 47 އަހަރުގެ ފްރާންސަށް އުފަން ކޯޗު، ސަގްނޯލް ބުންޏެވެ.

ޖޯޖިއާއާއި ސްޕެއިން ވާދަކުރާ މެޗު ފަށާނީ މިރޭ 12:00 ގައެވެ.