ޖޯޖިއާއަކީ ބަލި ޓީމެއްގެ ގޮތުގައި ބަލައިގެން މެޗަށް ނުކުތުމުގެ ގޯސް ނުހަދާނެ ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.

ސްޕެއިނަކީ މިފަހަރުގެ ޔޫރޯގައި މިހާތަނަށް އެންމެ ފޯމު ރަނގަޅުކޮށް އޮތް ޓީމެވެ. ސްޕެއިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައެވެ. އެއީ ކޮޅަށް ގޯލެއްވެސް ވަނަ ނުދީއެވެ. މަރުގެ ގްރޫޕްގެ ގޮތުގައި އޮތް ގްރޫޕް ބީގައި ސްޕެއިން ވަނީ އެންމެފަހުގެ ޗެމްޕިއަން އިޓަލީ އާއި ކްރޮއޭޝިއާގެ އިތުރުން އަލްބޭނިއާވެސް ބަލިކޮށްފައެވެ.

އަނެއްކޮޅުން ނުކުންނަ ޖޯޖިއާ، އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް ނުކުމެ ގަދަ 16 ޔަގީންކުރުމުން އެޓީމަށް ވަނީ ތައުރީފު ބަންޑުން ވެފައެވެ. ޖޯޖިއާއިން ތާރީހީ ޔޫރޯ ދަތުރެއްގައި ކުރިއަށްދާ އިރު، އެޓީމުގެ ކާމިޔާބީއާ އެކު މުޅި ގައުމު ދަނީ މިހާރުވެސް އުފާފާޅު ކުރަމުންނެވެ. ޖޯޖިއާ ގްރޫޕް އެފްގެ ތިންވަނަ ހޯދީ ޗެކު ރިޕަބްލިކާ އެއްވަރުކޮށް، އެންމެ ފަހު މެޗުގައި ޕޯޗުގަލް ބަލިކޮށްގެންނެވެ. އެޓީމު ބަލިވީ ތުރުކީ ކައިރިން އެކަންޏެވެ.

"އަހަރެމެންނަށް ފެނިއްޖެ ފުޓުބޯޅައިގައި ހައިރާން ކުރުވަނިވި މަންޒަރުތައް. އަހަރެން އުންމީދެއް ނުކުރަން އެ މަންޒަރުތައް ފެނުން ހުއްޓޭނެ ކަމަކަށްވެސް. ޖޯޖިއާއިން ޕޯޗުގަލް ބަލިކުރި. އަހަރެމެން އިދިކޮޅަށް ނުކުންނަ އިރު އެޓީމަށް ފުރިހަމަ އިހުތިރާމް ދޭން ޖެހޭ. ޖޯޖިއާއިން އޮތީ ޕޯޗުގަލްވެސް ބަލިކޮށްފައި. އަހަރެމެން ޖެހޭ ޖޯޖިއާ މެޗު މުހިއްމު ކަމަށް ބަލަން. އެއޯ ޕޯޗުގަލްއަށް ވީހެން ނުވުމަށް،" ޑެ ލަ ފުއެންޓޭ ޕްރި މެޗު ޕްރެސްގައި ބުންޏެވެ.

ޔޫރޯ 2024 ގެ ކޮލިފިކޭޝަންގައި ސްޕެއިނުން ޖޯޖިއާ ކައިރިން 7-1 އިން މޮޅުވެފައިވާ އިރު، ޑެ ލަ ފުއެންޓޭ ބުނީ އެ މެޗަށްފަހު ޖޯޖިއާއިން ޓީމަށް ގެނައި ބަދަލުތައް ފާހަގަވާ ކަމަށެވެ. އަދި އެ މެޗުގައި ފެނުނު މަންޒަރު މިރޭ ޔަގީނުންވެސް ނުފެންނާނެ ކަމަށް ޑެ ލަ ފުއެންޓޭ ބުންޏެވެ.

ޑެ ލަ ފުއެންޓޭ ޖޯޖިއާއަށް ތައުރީފް ކުރަމުން ބުނީ މިހާރު އެޓީމުގެ ކައުންޓާ އެޓޭކްތައް ނުރައްކާ ކަމަށާއި ޓީމެއްގެ ގޮތުގައި ބުރަކޮށް މަސައްކަތް ކުރާތަން ފެންނަ ކަމެވެ.

ސްޕެއިނުން ޖޯޖިއާއާ ދެކޮޅަށް ނުކުންނަ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.