ގޭންގު ކުށްތައް ހުއްޓުވުމަށް ފުލުހުންގެ ވަކި ޑިޕާޓްމަންޓެއް އުފައްދައިފިއެވެ.

ފުހުލުން މިއަދު ބުނީ އެ މުއައްސަސާގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މުޅި އޮނިގަނޑު ވަނީ ލޯކަލް ޕޮލިސިން ރީޖަންތައް ހިމެނޭގޮތަށް ކޮމާންޑް/ ޑައިރެކްޓްރޭޓް ލެވަލްގެ 17 ބަހާއެއްގެ މައްޗަށް ބައްޓަންކޮށްފައި ކަމަށެވެ.

އޭގެތެރޭގައި ކޮމާންޑް ލެވަލްގައި ގޭންގް ކްރައިމް އެންފޯސްމަންޓް، ޑިޖިޓަލް ޓޭޑާ އެންޑް ޓެކްނޮލޮޖީ ބަހާއެއް ގާއިމްކޮށް، ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް މުޅިން އަލަށް ގާއިމްކުރި ކަމަށެވެ.

"ހުޅުމާލޭގައި ކުރެވޭ ޕޮލިސިން އިތުރަށް ހަރުދަނާކޮށް ތަނާ އެކަށީގެންވާ ޕޮލިސިން ހިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިން ކޮމާންޑެއް ވަނީ ގާއިމްކޮށްފަ. އަދި ސްކޭމްގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ގާއިމްކުރުމުގެ އިތުރުން މާލެއާއި ހުޅުމާލޭގައި ޓްރެފިކް ޕޮލިސް ވަނީ ގާއިމްކޮށްފަ" ފުލުހުން ބުންޏެވެ.

އިދާރީ ހިންގުމުގެ އޮނިގަނޑަށް އަންނަ ބަދަލާ އެކު ގޭންގް ކުށްތައް މަދުކުރުމަށްޓަކައި އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަކީ މުހިންމު މަގުސަދެއް ކަމަށާއި ތަައުލީމާއި ތަމްރީނާ ގުޅޭގޮތުން ކޮމާންޑް/ ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކުގެ ވެރިން އައްޔަންކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

"ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ފުލުހުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭނުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ ކޮންބެޓިންގް ކްރައިމްސް. ހާއްސަގޮތެއްގައި ގައުމުގައި އެންމެ ކަންބޮޑުވާ ޑްރަގު މައްސަލައިގެ އިތުރުން ކުށްކުރާ ގްރޫޕުތަކުގެ ބިވުރެވިކަމުން ދިވެހި ގައުމު ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެން އާ މަސައްކަތްތަކެއް ކުރުމަށް މި ޕްލޭނުގައި ހިމެނިފައި އެބަވޭ،" އިސްކަންދަރު ކޮށީގައި މިމަހުގެ 5 ވަނަ ދުވަހު ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވެފައިވަނީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގައި ކެރިގެން ކުރިމަތިލާ ބައެއްކަމުގައި ފުލުހުން ވާނެ ކަމަށެވެ.

ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނު އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ ގައުމުގެ އަމަންކަމާއި ސުލްހަމަސަލަސްކަން ކަށަވަރުކޮށް، ކުށުގެ ވެށިން ސަލާމަތްކުރެވި ރައްކާތެރިކުރެވިފައިވާ މުޖުތަމައުއަކަށް ރާއްޖެ ހެދުން ކަމަށާއި އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރެވިފައިވާ ކުށްކުރާ ގުރޫޕުތަކަށް ނިސްބަތްކޮށް ނުވަތަ އެ ކަންތައްތައް އެންފޯސްކުރުމަށްޓަކައި އެ ޕްލޭން ވުޖޫދުވާ ހިސާބުން ފެށިގެން އެކަމަށްޓަކައި މަސައްކަތްކުރާނެ ވަކި ބަހާއެއް ގާއިމުކުރެވިގެންދާނެ ކަަމަށް ޝުޖާއު ވިދާޅުވެފައިވެއެވެ.

ސީޕީ ވިދާޅުވީ އެ ގްރޫޕުތައް އުޅޭ ސަރަހައްދުތަކާއި އެމީހުންގެ ކަންކަން ގާތުން ބެލުމަށް ފުލުހުންގެ އޯގަނައިޒޭޝަންގެ ލެވެލްގައި ކުރެވޭނެ ކަންތައްތަކާއި އަދި އެކަމުން މުޖުތަމައު ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތައް ތަރުތީބު ކުރާނެ ކަމަށެވެ.