ސަރުކާރުގެ ހަރަދު ކުޑަކޮށް ގެންނަ މާލީ އިސްލާހުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 10 ފިޔަވަޅެއް އަޅަން ނިންމައިފިއެވެ.
އެމްއޭސީއެލްގެ ހަރަދު ކުޑަކުރުމަށް ކުރިޔަށްގެންދަން ރާވާފައި ހުރި ކަންކަމާގުޅޭ މައުލޫމާތު ދިނުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލައުންޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެކުންފުނިން ވެސް ގިނަ ކަންކަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެ ފަދަ މުހިންމު ނިންމުންތައް ނިންމާ އިރު، އެމްއޭސީއެލްގެ ޓީމުން ރައްޔިތުންނަށް އެކަންކަން އަންގައިދިނުން މުހިންމު ކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ފިޔަވަޅު ކާމިޔާބުވުމަށް ވަރަށް މުހިންމު ނިންމުމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ސަރުކާރުގެ ފަރާތުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެކަށައަޅުއްވައި. މި ސިޔާސަތުގެ ދަށުން އަޅުގަނޑުމެން (އެމްއޭސީއެލް) ކަހަލަ ބޮޑެތި ކުންފުނިތަކުން އެއަށް ފޮލޯކުރުމަކީ ވަރަށް މުހިންމު ކަމެއް. އެހެންކަމުން އެ ފަދަ މުހިންމު ނިންމުންތައް ނިންމާ އިރު އެމްއޭސީއެލްގެ ޓީމުން ރައްޔިތުންނަށް އެކަންކަން އަންގައިދިނުން މުހިންމު. އެމްއޭސީއެލަކީ 4000 ވުރެއިން ގިނަ މުވައްޒަފުން އުޅޭ ވަރަށް ތަފާތު ޑައިވާސް މަސައްކަތްތަކެއް ކުރާ ކުންފުންޏެއް،" ޝަރީފް ވިދާޅުވިއެވެ.
ހަރަދު ކުޑަކުރުމަށް ނިންމި ނަމަވެސް އާޓާމިނަލް ހުޅުވުމަށް އެއްވެސް ހުރަހެއް ނާންނާނެ ކަމަށާއި އަދި މުވައްޒަފުންގެ މުސާރައަށް ނުވަތަ މިހާރު ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ވިސްނުމެއް ވެސް ނުގެންގުޅޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"10 އާއި 20 ދެމެދުގެ އިންސައްތައެއް މަދުކުރާނީ ޖުމްލަ. ހުރިހާ އެއްޗެއް އެއްކޮށްލައިގެން. އަޅުގަނޑުމެން މުވައްޒަފުންނެއް ނުކަނޑާނަން މުވައްޒަފުންގެ މުސާރައެއް ކުޑަނުކުރާނަން. އަޅުގަނޑުމެންގެ މުވައްޒަފުންނަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ބައެއް،" ޝަރީފް ވިދާޅުވިއެވެ.
- ތެލަށް ކުރާ ހަދަރު
- ކޮންސިއުމަބަލްސްއަށް ކުރާ ހަރަދު
- ފެނާއި ކަރަންޓަށް ކުރާ ހަރަދު
- ދަތުރުފަތުރު ކުރުމަށް ކުރާ ހަރަދު
- ކުންފުނީގެ އެތެރޭގެ މަސައްކަތްތަކަށް ކުރާ ހަރަދުތައް
- ބެންކް ޗާޖަސް ރެޑިއުސް ކުރުމަށް ކުރާ ހަރަދުތައް
- ކޮމިއުނިކޭޝަންއަށް ކުރާ ހަރަދުތައް
- އެތެރޭގެ އިންވެންޓްރީއަށް ކުރާ ހަރަދުތައް
- އިވެންޓުތައް ބާއްވަން ކުރާ ހަރަދުތައް
އޭގެ އިތުރުންވެސް އެ ކުންފުނީގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ޓްރޭނިންތަކަށް ފޮނުވުމުގެ ބަދަލުގައި ރާއްޖެއަށް ޓްރޭނަރުން ގެނެސް، މުވައްޒަފުން ޓްރޭން ކުރުމާއި އެ ކުންފުނިން ކުރާ މަތީފަންތީގެ ދަތުރުތައް ކުޑަކުރުންވެސް އެމްއޭސީއެލުގެ ކުރިޔަށް އޮތް ދުވަސްތަކުގައި މަދު ކުރަން ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު