އާންމުންނާއި ފާޑުކިޔާ މީހުން ބުނާ ވަރަށް އިންގްލެންޑް ބަލި ނޫން ކަމަށް ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.
އިންގްލެންޑުން މިރޭ ޔޫރޯ 2024 ގެ ގަދަ 16 ގައި ނުކުންނާނީ ސްލޮވޭކިއާއާ ދެކޮޅަށެވެ. އެޓީމުން ގްރޫޕް ސީގައި ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ފުރަތަމަ މެޗުންނެވެ. ސާބިއާ ކައިރިން 1-0 އިން އިންގްލެންޑް މޮޅުވި ނަމަވެސް، އޭގެފަހުން ދެން ކުޅުނު ދެ މެޗުވެސް ވީ އެއްވަރެވެ. އެއީ ޑެންމާކާ 1-1 އިން އެއްވަރުވި މެޗުގެ އިތުރުން 0-0 އިން ސްލޮވީނިއާ ކައިރިން ލިބުނު ޕޮއިންޓެވެ.
"އަހަރެމެންގެ ޓީމުވެސް މީހުން އެހީކުރާހާ ބައްޔެއް ނޫން. އެއީ ޓީމުތައް އާންމުކޮށް މީހުން ހީކުރާހާ މޮޅެއް އަދި ބައްޔެއްވެސް ނުވާނެ. އަހަރެމެން ބޭނުންވި ކުޅުމަށްވުރެ ފަސް ވަރަކަށް ޕަސެންޓް ދަށްކޮށް އަދި މިފެންނަނީ. އެހެންވިޔަސް އެއީ ކޮންފިޑެންސް ގެއްލުވާލައި، އުންމީދުވެސް ކަނޑާލަން ޖެހޭނެ ކަމެއް ނޫން،" ސައުތުގޭޓް ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
ސައުތުގޭޓް އިތުރަށް ބުނީ ބަލިވެދާނެތީ އެ ގަންނަ ބިރު ކަނޑުވާލަން ޖެހޭ ކަމަށާއި ބަލިވިޔަސް އެއީ ހުރިހާ ކަމެއްގެ ނިމުންވެސް ނޫން ކަމަށެވެ.
"މިއީ އަހަންނަށް ގައުމީ ޓީމާއެކު، ސަޕޯޓަރުންނަށްޓަކައި ތާރީހު ލިޔެލަން ލިބޭ އިތުރު ފުރުސަތެއް. އަހަރެން ގައުމީ ޓީމާއެކު ބޮޑު މުބާރާތެއްގެ ސެމީ ކުޅެ، މި ޓީމަށް ބޮޑު މުބާރާތެއްގެ ސެމީ އާއި ފައިނަލްގައިވެސް ކޯޗުކަން ކޮށްދީފިން. އަހަންނަށް ސްލޮވޭކިއާ މެޗަކީ ކުރިއަރަން ލިބޭ އިތުރު ފުރުސަތެއް. އަހަރެމެންގެ އޮވެގެން ނުވާނެ ބަލިވެދާނެ ކަމަށް އެ އޮންނަ ބިރެއް. މިއީ ފުރުސަތެއް. ޗެލެންޖަކާ އެކު ކުރިމަތިލާންވީ. މެޗަކުން ބަލިވިޔަސް އެއީ އަދި ހުރިހާ ކަމެއްގެ ނިމުމެއް ނޫން،" ސައުތުގޭޓް ބުންޏެވެ.
މިރޭގެ މެޗަށް އިންގްލެންޑްގެ މެދުތެރެއަށް ބަދަލު ގެންނާނެ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ. އެގޮތުން އެންމެފަހުން މެޗުގައި މެދުތެރެއިން ފެނުނު ކޯނޯ ގަލެގާގެ ބަދަލުގައި މިރޭ ކޯބީ މައިނޫ ފަށަން ތައްޔާރުވެފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ.
ސައުތުގޭޓްގެ ނަޒަރުގައިވެސް ފުރުސަތު ތަނަވަސްކުރުމުގައި ޓީމުން ކުރިއެރުންތަކެއް ހޯދަން ޖެހެއެވެ. އޭނާ ބުނީ ޓީމުން ގައުމަށްޓަކައި ނަތީޖާ ނެރެން ފުރިހަމައަށް ތައްޔާރު ކަމަށެވެ.
އިންގްލެންޑުން މިރޭ ސްލޮވޭކިއާއާ ދެކޮޅަށް ނުކުންނާނީ މިރޭ 9:00 ގައި އޮންނަ މެޗުގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024