އިންޑިޔާގެ ޕާލަމަންޓް ނުވަތަ ލޮކްސަބާގައި ރަސްމީ އިދިކޮޅު ލީޑަރުގެ ގޮނޑި ހުސްކޮަށް ހުންނަތާ ދިހަ އަހަރު ވެއްޖެއެވެ. މިހާ ގިނަދުވަހު މި މަގާމު ނުވަތަ ގޮނޑި ހުސްކޮށް ހުރުމުގެ ސިއްރަކީ އިދިކޮޅު މެންބަރުންނާއި ލީޑަރުން ނެތުމެއް ނޫނެވެ. ގާނޫނުއަސާސީގައި ބަޔާންވެގެންވާ ޝަރުތުތައް އިދިކޮޅު އެއްވެސް ޕާޓީއެއްގެ ލީޑަރުގެ ކިބައިގައި ފުރިހަމަ ނުވަނީއެވެ. ގާނޫނުއަސާސީގައި ވާގޮތުން ޕާލަމަންޓަރީ އިދިކޮޅު ލީޑަރުގެ މަގާމަކީ ރަސްމީ ފުލްޓައިމް ވަޒީފާއެކެވެ. ދައުލަތުގެ ޚާއްސަ މަގާމެކެވެ. އެ މަގާމަށް އާދެވޭނީ ޕާލަމަންޓުގެ ޖުމްލަ ގޮނޑީގެ ތެރެއިން މަދުވެގެން ދިހަ އިންސައްތަ ގޮނޑި ކާމިޔާބުކޮށްފައިވާ އިދިކޮޅު ޕާޓީއެއްގެ ލީޑަރަކަށެވެ. އެއީ 55 ގޮނޑިއެވެ. ކަންދިމާކުރި ގޮތުން 2014 ވަނަ އަހަރުގެ ފަހުން މިއަހަރު ބޭއްވުނު އާއްމު އިންތިޚާބާ ހަމައަށް އިދިކޮޅު އެއްވެސް ޕާޓީއަކަަށް މިއަދަދަށް ގޮނޑިއެއް ނުހޯދެއެވެ. އެހެންވީމާ ޕާލަމަންޓަރީ އިދިކޮޅު ލީޑަރުގެ ރަސްމީ މަގާމު ހުސްކޮށްއޮތީއެވެ.
ލީޑަރ އޮފް ދި އޮޕޮޒިޝަން، ނުވަތަ އެލްއޯޕީއަކީ ވަރަށް ބާރުގަދަ މަގާމެކެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުވުމުގައި އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ދައުރު ވަރަށް ބޮޑެވެ. ޕާލަމަންޓުގެ ބާރުގަދަ މުހިންމު ކޮމިޓީތަކުގައި ބޮޑުވަޒީރާއެކު އިންނެވުމުގެ ގާނޫނީ ހައިސިއްޔަތާއި ފުރުސަތު މި މަގާމުން ލިބިދެއެވެ. މިނިވަން މުއައްސަސާތަކަަށް ވެރިން އައްޔަންކުރުމާއި ވަކިކުރުމުގައި ބަސް އިއްވުމުގެ ބާރު ލިބިދެއެވެ. ސަރުކާރުން ހިންގާ ހަމަކޮންމެ ކަމަކަށް ފާރަވެރިވެ ޑިމޮކްރަޓިކް ހަމަތައް ހިފެހެއްޓުމުގެ ބާރު ލިބިދެއެވެ. ކުރިން ދެންނެވިހެން ފާއިތުވި ދިހަ އަހަރު މި މަގާމު ހުސްކޮށް އޮތުމުގެ ސަބަބުން ޕާލަމަންޓުގައި އިދިކޮޅު ޕާޓީތަކުގެ ދައުރު އޮތީ ވަރަށް ހަނިވެފައެވެ. ފާއިތުވި ދެ ދައުރުގައިވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަން ކުރެެއްވީ ސުޕަރ މެޖޯރިޓީއަކާ އެކުގައެވެ. ޕާލަމަންޓުގެ ތެރެއިން ކަންކަން ގިނަފަހަރަށް ނިންމައިލަނީ ބަހުސްކުރުމަކާވެސް ނުލައެވެ.
ޕާލަމަންޓުގެ ތަޅުމުގައި ސަރުކާރާ އިދިކޮޅަަށް އަޑުއުފުލައިފި މެންބަރަކު ސަސްޕެންޑް ކުރުންވެސް އަވަހެވެ. ޕާލަމަންޓަރީ އިދިކޮޅު ލީޑަރަކު ނެތުމުގެ ނަތީޖާއެއްގެ ގޮތުން ބޮޑުވަޒީރު މޯދީ ވެރިކަން ކުރެއްވީ ޚުދުމުޚުތާރު ސިފައަކަށެވެ. ޖަވާބުދާރީވުމެއް ޒިންމާދާރުވުމެއް ނެތިއެވެ. އެންމެފަހު ދައުރުގެ ތެރެއިން ޕާލަމަންޓުގެ 143 މެންބަރަކު ސަސްޕެންޑުވެފައި ތިއްބެވި ދުވަސްވަރެއްވެސް އައެވެ. އެންމެފަހުން މިއަހަރު ބޭއްވުނު އާއްމު އިންތިޚާބާއެކު މިކަންކަން ބަދަލުވެއްޖެއެވެ. އިދިކޮޅު ކޮންގްރެސް ޕާޓީ ވަނީ އެމީހުން އަމިއްލައަށް 99 ގޮނޑި ނަގައިފައެވެ. ކޮންގްރެސް ޕާޓީ އިސްވެ އޮވެގެން އެކުލަވާލާފައިވާ އިދިކޮޅު އިއްތިހާދުން ވަނީ ޖުމްލަ 232 ގޮނޑި ނަގައިފައެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީގެ މެޖޯރިޓީ ވަނީ ގެއްލިފައެވެ. އެކަމަކު އަދިވެސް ހަނި މެޖޯރިޓީއެއް އޮތީ ބީޖޭޕީ އިސްވެ އޮޮވެގެން އުފައްދާފައިވާ ކޯލިޝަނަކަށެވެ. އެގޮތުން މޯދީއަށް ވެރިކަމުގެ އައު ދައުރެއް ލިބިވަޑައިގަތީއެވެ.
އަލަށް އިންތިޚާބުވި ޕާލަމަންޓުގައި ކޮންގްރެސް ޕާޓީއަށް އެކަނިވެސް ދިހަ އިންސައްތަ ގޮނޑިއަށްވުރެ ގިނަ ގޮނޑި ލިބިފައިވާތީއާއި އިދިކޮޅު އިއްތިހާދަށް ޖުމްލަ 232 ގޮނޑި ލިބިފައިވާތީ މި އިއްތިހާދުގެ އެންމެހައި ވެރިންގެ ރުހުމާއެކު ޕާލަމެންޓުގައި ރަސްމީ އިދިކޮޅު ލީޑަރުގެ ގޮނޑީގައި ކޮންގްރެސް ޕާޓީގެ ލީޑަރު ރަހޫލް ގާނދީ ވަނީ ހުސްވި ހަފުތާގައި އިށީދެވަޑައިގެންފައެވެ. މިއީ 1999 ވަނަ އަހަރު ސިޔާސީ މައިދާނަށް ނުކުންނެވިފަހުން ޕާލަމެންޓަރީ އިދިކޮޅު ލީޑަރުގެ މަގާމަށް އޭނާ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ފާއިތުވި ފަންސަވީސް އަހަރުގެ ތެރޭގައި އޭނާ ހުންނެވީ ޕާލަމެންޓުގެ އާދައިގެ މެންބަރެއްގެ ގޮތުގައެވެ. އިދިކޮޅު ޕާޓީއެއްގެ ލީޑަރުގެ ގޮތުގައެވެ. އެހެންނަމްވެސް ގާނޫނީ ހައިސިއްޔަތު ލިބިވަޑައިގެންފައިވާ ޕާލަމެންޓަރީ އިދިކޮޅު ލީޑަރުގެ ގޮތުގައެއް ނޫނެވެ. އައު މި މަގާމުގެ ސަބަބުން ރަހޫލް ގާނދީ ވެގެންދާނީ މޯދީގެ ބާރުތައް ހަމަހަމަ ކުރުމުގެ ގާނޫނީ ތިލަފަތަކަށެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސުޕަރ މެޖޯރިޓީ ގެއްލި އިދިކޮޅު އިއްތިހާދުގެ ހިއްސާ ބޮޑުވެފައިވާ އައު ޕާލަމެންޓު ވާނީ ވަރަށް ހަލަބޮލި ޕާލަމެންޓަކަށެވެ. ބަހުސްތަކާއި ޒުވާބުތަކުގެ އަޑުގަދަ ޕާލަމެންޓަކަށެވެ. މިކަހަލަ ހަލަބޮލި މާހައުލެއްގެ ތެރޭގައި ރަހޫލް ގާނދީއަށް އިދިކޮޅު ލީޑަރެއްގެ ގޮތުގައި އެންމެ ފުރިހަމައަށް ޒިންމާ އަދާކުރެވޭނެތޯ ނުވަތަ ނޫންތޯ، އެއީ އަދި ޖަވާބުނެތް ސުވާލެކެވެ. އޭނާގެ ލީޑަރޝިޕަކީ މިފެންވަރުގައި އަދި އިމްތިހާނު ނުކުރެވޭ އެއްޗެކެވެ. އޭނާ އަދާކުރެއްވި މިނިސްޓަރުކަމެއް ނެތެވެ. އެހެންވީމާ އައު މަގާމުގައި ހުންނަވައިގެން ހޯއްދަވާނީ ކޮންކަހަލަ ރިޕޯޓެއްކަން ދެނެގަތުމަށް އެންމެންވެސް މިހާރުތިބީ އިންތިޒާރެއްގައެވެ. ޕާލަމަންޓް ތެރޭގައި ކަންކަން ހިނގާ ގޮތަކުން އެކަމުގެ ކްރެޑިޓްވެސް ނެންގެވޭނީ އޭނާއަށެވެ. އަދި ގޯސްކޮށް ކުރެވޭ ކަންކަމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނީވެސް ހަމަ އޭނާއަށެވެ. ބޮޑުވަޒީރު ކަމަށް ކުފޫހަމަވޭތޯ ނޫންތޯ އެނގޭނީ މިކަމުގެ ތެރެއިންނެވެ.
ޕާލަމެންޓަރީ އިދިކޮޅު ލީޑަރުގެ ގޮނޑީގައި ހުސްވި ހަފުތާގެ ބުދަދުވަހު ރަސްމީކޮށް އިށީދެވަޑައިގެން ރަހޫލް ގާނދީ އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅުން ފާހަގަކުރެވިގެން ދިޔައީ ޑިމޮކްރަޓިކް ހަމަތަކަށް ތަބާވެވަޑައިގަތުމުގެ ސިފައެވެ. އެންމެ ފުރަތަމަވެސް އޭނާ ވަނީ ޕާލަމަންޓުގެ އައު ސްޕީކަރު ބީޖޭޕީގެ އޯމް ބިރްލާއަށް މަރުހަބާ ވިދާޅުވެފައެވެ. ޕާލަމަންޓުގެ ކަންކަން އޮމާންކޮށް ރިވެތިކޮށް ގެންދިއުމުގައި އިދިކޮޅު މެންބަރުންގެ އެއްބާރުލުން އައު ސްޕީކަރަަށް ލިބޭނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އެ އެއްބާރުލުން ލިބޭނީ އިދިކޮޅު މެންބަރުންނަށް ބަސްބުނެ ބަހުސްކުރުމާއި އެނޫން ފުރުސަތުތައް ތަނަވަސްކޮށްދޭ މިންވަރަކުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މީގެ ކުރީ ދެ ދައުރުގައި ބީޖޭޕީގެ ސުޕަރ މެޖޯރިޓީ އޮވެގެން އިދިކޮޅު ލީޑަރަކާ ނުލައި ޕާލަމަންޓުގެ ކަންކަން ޚުދުމުޚުތާރުކޮަށް ގެންދިޔަ ބީދައިން ދެން އެކަންކަން ތަކުރާރުވާން ފުރުސަތު ނުދެއްވާނެ ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ