ޔޫރޯ 2024ގެ ގަދަ 16 ގައި ޖަރުމަނާއި ޑެންމާކު ވާދަކުރަމުންދާ މެޗު، މޫސުން މާ ބޮޑަށް ގޯސްވެގެން މެދުކަނޑާލައިފިއެވެ.

ޖަރުމަނުގެ ޑޯޓްމުންޑްގައި ކުޅެމުންދާ މެޗު މެދުކަނޑާލަން ރެފްރީ ނިންމީ، ވަރަށް ގަދަޔަށް ވިދައި، ތޫފާނުގެ އަސަރު ދަނޑަށް ކުރުމުންނެވެ. ޖަރުމަނަށް ތޫފާނީ ވިއްސާރަ ކުރަމުންދާ އިރު، މިހާރު ކުޅުންތެރިން ދަނޑުމަތިން ފައިބައި ޑްރެސިން ރޫމަށް ވަނީ ގޮސްފައެވެ. އެއީ ވަރަށް ބޯކޮށް ވާރޭވެސް ވެހެން ފެށުމުންނެވެ.

މެޗުގެ 35 މިނެޓެއްހާއިރު ކުޅެވުނުތަނާ ރެފްރީ މައިކަލް އޮލިވާ މެޗު މެދުކަނޑާލި އިރު، ދެޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައެއް ނުވެއެވެ.

ޔޫއެފާއިން ރަސްމީކޮށް ބުނެފައިވަނީ މޫސުން މާ ބޮޑަށް ގޯސްވުމުން މެޗު މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި، މެޗުގެ ބާކީބައި ކުޅުމާ މެދު ނިންމާ ގޮތެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ. މިވަގުތު ދަނޑަށް ބަލައިލާ އިރު، ސްޓޭޑިއަމް ފުރާޅުގެ އެކިއެކި ދިމާދިމާލުން ފެން ބޯކޮށް ފައިބަމުން ދާތަން ފެނެއެވެ.

މިއީ މިފަހަރުގެ ޔޫރޯގެ ގަދަ 16 ގައި ކުޅޭ ދެވަނަ މެޗެވެ. މިރޭ ކުރިން ކުޅުނު މެޗުގައި އިޓަލީ ބަލިކޮށް، ސްވިޒަލޭންޑް ވަނީ ކުއާޓާ ޔަގީން ކޮށްފައެވެ.