ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، ޔޫރޯ 2024ގެ ގްރޫޕު ސްޓޭޖުގެ މެޗުތައް ނިމި، ޓީމުތައް ގަދަ 16 އަށް ނުކުތުމަށް ތައްޔާރުވެއްޖެއެވެ. މުބާރާތަށް ޓީމުތައް ނުކުތް އިރު، ބައެއް ޓީމުތައް ފާހަގަވެގެން ދިޔައީ ތަރީންގެ ޓީމުތަކުގެ ގޮތުގައެވެ. އެހެންކަމުން ގްރޫޕު ސްޓޭޖުގައި އެ ޓީމުތަކުގެ ފެންވަރު ވަރަށް ބޮޑުތަނުން ތަފާތުވާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ނަތީޖާތައް ފެނުނީ މުޅިން އެހެން ގޮތަކަށެވެ. ތަރިން ހިމެނޭ ބައެއް ބޮޑެތި ޓީމުތަކުން ވަރަށް ހާލުގައި އުޅެން ޖެހުނުތަންވެސް ފެނުނެވެ.
ގްރޫޕު ސްޓޭޖަށްފަހު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިން އަދި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިންގެ ލިސްޓުގައިވެސް ބޮޑު ތަރިއެއްގެ ނަމެއް ނެތެވެ. މިހާތަނަށް އެންމެ ގިނަ ގޯލާއެކު ލިސްޓުގެ އެންމެ ކުރީގައި އޮތީވެސް އަލަށް މުބާރާތުގައި ވާދަކުރާ ޖޯޖިއާގެ ކުޅުންތެރިއެކެވެ. ތިން ގޯލާއެކު ލިސްޓުގެ އެންމެ ކުރީގައި އޮތީ އެ ޓީމުގެ ޖޯގެސް މިކައުޓަޑްޒޭއެވެ. ދެ ގޯލު ޖަހާފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނެދަލެންޑްސްގެ ކޯޑީ ގަކްޕޯ އާއި ސްލޮވާކިއާގެ އިވާން ޝްރާންޒާއި ޖަރުމަންގެ ޖަމާލް މުސިއާލާ އާއި އެ ޓީމުގެ ނިކްލަސް ފުލްކުރުގް އަދި ރުމޭނިއާގެ ރަޒްވާން މަރިންއެވެ. އެންމެ ގިނަ އެސިސްޓް ހަދާފައިވަނީ ރުމޭނިއާގެ ޑެނިސް މޭން އާއި ތުރުކީގެ އޯކުން ކޮކްޗޫ އަދި ސްވިޒަލެންޑްގެ ރެމޯ ފްރޮއިލާއެވެ. އެއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ އެސިސްޓް ހަދައިފައެވެ.
މި ފަހަރުގެ މުބާރާތަށް އެންމެ ބޮޑު އެއް ތަރިއަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިހާތަނަށް ރޮނާލްޑޯއަށް ގޯލެއް ޖެހިފައި ނުވާއިރު، އޭނާ ބޮޑަށް ފާހަގަވާ ކަމަކީ ދަނޑުމައްޗަށް އަރާ ސަޕޯޓަރުންނާއެކު ސެލްފީ ނެގުމެވެ. އޭގެ އިތުރަށް ދެން ފާހަގަވީ ބްރޫނޯ ފެނާންޑޭޒަށް އޭނާ ހަދިޔާކުރި ގޯލެވެ. އެހެންކަމުން އޭނާ ގްރޫޕު ސްޓޭޖު ނިންމާލީ ގޯލެއް ނުޖެހި، އެންމެ އެސިސްޓަކާއެކުއެވެ.
ފްރާންސް ތަރި ކިލިއަން އެމްބާޕޭ އަދި އަނިޔާ އަކާއެކު މުބާރާތް ފެށި ޕޮލެންޑް ތަރި ރޮބާޓް ލެވަންޑޯސްކީގެ ފުރަތަމަ ގޯލު ފެނިގެންދިޔައީ ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ޕެނަލްޓީންނެވެ. އެއީ ގްރޫޕު ސްޓޭޖުގައި ފްރާންސާއި ޕޮލެންޑް ބައްދަލުކޮށް، 1-1ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައެވެ. ބަޔާން މިއުނިކުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އެ ކްލަބަށް އެންމެ ގިނަ ގޯލު ޖަހައި ދިން ނަމަވެސް، އިންގްލެންޑް ކަޕްޓަން ހެރީ ކޭންވެސް ޔޫރޯގައި ފެންނަނީ ގެއްލިފައިވާ ތަނެވެ.
ކޮންމެ ހަތަރު ދުވަހަކުން ކްރޮއޭޝިއާ އާއެކު މެޗެއް ކުޅުނު ކެޕްޓަން ލޫކާ މޮޑްރިޗަށްވެސް ކެރިއަރު ނިމުނު ކަހަލައެވެ. އޭނާއަށް ދެއްކުނު ހަމައެކަނި ތަފާތަކީ ހިތްގައިމު ގޯލަކާއެކު މުބާރާތް ނިންމައިލުމެވެ. އަނެއްކޮޅުން އޭނާ އާއެކު ރެއާލް މެޑްރިޑަށް ކުޅޭ އިންގްލެންޑް ތަރި ޖޫޑް ބެލިންހަމްވެސް ފުރަތަމަ މެޗުގައި ސާބިއާ ކޮޅަށް ޖެހި ގޯލަށްފަހު ތަފާތު ދެއްކިފައެއް ނުވެއެވެ. ނަމަވެސް ޔޫރަޕުގެ ކްލަބުތަކަށް މިހާރު ނުކުޅޭ، ސައުދީ ޕްރޯ ލީގަށް ކުޅޭ ބައެއް ކުޅުންތެރިން ވަނީ ޔޫރޯގައި ތަފާތު ދައްކައިފައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭއެވެ.
ބައެއް މުހިންމު ކުޅުންތެރިން މުބާރާތުގައި ކުޅުނީ 100 ޕަސަންޓް ފިޓުނުވެ، އަނިޔާ އާއެކުއެވެ. ފުރަތަމަ މެޗުގައި އެމްބާޕޭގެ ނޭފަތުގެ ކަށިގަނޑު ބިންދައިގެން ދިއުމާ ގުޅިގެން މެދުކެނޑުމެއް އައެވެ. ދެވަނަ މެޗު ނުކުޅެ ހުރުމަށްފަހު ދެން އޭނާ ފެނުނީ ޕޮލެންޑް މެޗުގައެވެ. ލެވަންޑޯސްކީވެސް ޖަރުމަނަށް ދަތުރުކުރީ އަނިޔާއެއްގައި ހުރެއެވެ. އޭނާއަށް ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗު ގެއްލުނު އިރު، ދެވަނަ މެޗުގައި ފެނުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ލެވަންޑޯސްކީ ފުރަތަަމަ 11 ގައި ފެނުނީ ގްރޫޕުގެ ފަހު މެޗުގައެވެ. އެއީ މުބާރާތުން އަލްވަދާއު ކިޔަން ޖެހޭނެކަން ޔަގީންވެ، ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
ބައިނަލްއަގުވާމީ މެޗުތައް ކުޅުމަށް ކަލަންޑަރު ހަދާފައިވާ ގޮތުން ފިފްޕްރޯ އިން ވަނީ ފީފާއާ ދެކޮޅަށް މައްސަލައެއްވެސް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ވަނީ، ކްލަބު ފުޓުބޯޅައަށްފަހުވެސް ކުޅުންތެރިންނަށް އަރާމު ކުރުމަށް ފުރުސަތު ދިނުމެއް ނެތި ގައުމީ ޓީމުގެ ގިނަ މެޗުތައް ކުޅެން ޖެހޭކަން ފާހަގަކޮށްފައެވެ. ހާއްސަކޮށް ތަރިންނަށް ގިނަ މެޗުތަކެއް ކުޅެން ޖެހުމުން އަނިޔާގެ މައްސަލަތައް ގިނަވާކަން ފާހަގަކޮށްފައިވެއެވެ.
އެހެން ނަމަވެސް ކުޅުންތެރިންނަށް ފެންވަރު ނުދެއްކޭ މައިގަނޑު ސަބަބަކީ އެއީ ކަމަށް ބުނެވޭކަށް ނެތެވެ. މި ފަހަރު ޔޫރޯގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ޓީމުތަކުގެ ތެރޭގައި ޖަރުމަނާއި ސްޕެއިން އަދި އޮސްޓްރިއާ ހިމެނެއެވެ. އޭގެ ތެރެއިން ޖަރުމަނަށް ބަލައިލާ ނަމަ، ކްލަބު ފުޓުބޯޅައިގައި އެންމެ ބުރަކޮށް އުޅުނީ ޖަރުމަންގެ ކުޅުންތެރިންނެވެ. ބޮރޫޝިއާ ޑޯޓްމަންޑުގެ ކުޅުންތެރިން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ. އަދި ބަޔާ ލެވަކޫސަންގެ ކުޅުންތެރިން ވަނީ ޔޫރޮޕާ ލީގުގެ ފައިނަލާއި ޖަރުމަން ކަޕްގެ ފައިނަލުގައިވެސް ކުޅެފައެވެ.
ތަރިންނަށް ފެންވަރު ނުދެއްކޭ އެއް ސަބަބަކީ އެ ކުޅުންތެރިންގެ ޓީމުގެ ޓެކްޓިކަލް މައްސަލައެވެ. އަނެއް ސަބަބަކީ އިދިކޮޅު ޓީމުތައް މިހާރު އެ ފެންވަރަށް ހޭނެން ފަށައި، ރަނގަޅު ތަމްރީނު ތަކާއެކު ފުރިހަމައަށް ތައްޔާރުވެގެން މުބާރާތަށް ނުކުތުމެވެ. މުބާރާތުގައި ފެނުނު ފަސް އިޓަލީ ކޯޗުންގެ ތެރެއިން ހަތަރު ކޯޗެއް ވަނީ އިރުޝާދު ދިން ޓީމުތަކަށް ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ. ހާއްސަކޮށް މުޅިން އާ ތަޖުރިބާއެއް ކުރުމަށް ނުކުތް ޖޯޖިއާ ޓީމުގެ ކޯޗަކަށް ހުރި ވިލީ ސަގްނޯލް ފާހަގަކޮށްލެވެއެވެ.
އާޖެންޓީނާ ތަރި ލިއޮނެލް މެސީ ވަނީ ވޯލްޑް ކަޕް 2022ގެ ނޮކްއައުޓް ބުރުގެ ކޮންމެ ސްޓޭޖެއްގައިވެސް ގޯލެއް ޖަހައިފައެވެ. އުފެދޭ ސުވާލަކީ މި ފަހަރުގެ ޔޫރޯގެ ނޮކްއައުޓް ބުރު މިރޭ ފެށިގެންދާ އިރު، އެފަދަ ތަރިއެއް ފެނިދާނެ ހެއްޔެވެ؟
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024