ޖަރުމަނު ގައުމީ ޓީމުގެ ގޯލްކީޕަރު، މެނުއަލް ނޯޔާގެ އުމުރަކީ 38 އެކެވެ. އެ އުމުރުގެ ގޯލްކީޕަރަށާއި ޖަރުމަނުގެ ތަރިންގެ ޓީމަށް އިރުޝާދު ދީ، އެ ޓީމު "ހަންމަތަ" ކުރަމުން އެ ގެންދަނީ އުމުރުން އެންމެ 36 އަހަރާއި 327 ދުވަސްވެފައި ހުރި ކޯޗު، ޖޫލިއަން ނަގެލްސްމަންއެވެ. ޔޫރޯ ތާރީހުގައި ފެނުނު އެންމެ ޒުވާން ކޯޗެވެ. އެ ލިސްޓުގެ ދެވަނައިގައި މިހާރު އޮތީ، މިފަހަރު ބެލްޖިއަމްގެ ކޯޗަކަށް ހުރި ޑޮމެނިކޯ ޓެޑެސްކޯއެވެ. އެއީ 38 އަހަރުގެ ކޯޗެކެވެ. މި ފަހަރުގެ ޔޫރޯގެ ކުރިން އެ ރެކޯޑު އޮތީ ޔޫއެސްއެސްއަރާއެކު 1964 ވަނަ އަހަރު ޔޫރޯ ފައިނަލަށް ދިޔަ ކޯޗު، ކޮންސްޓެންޓިން ބެސްކޯވް އަތުގައެވެ.
މިހާތަނަށް ޔޫރޯގައި ފެނުނު ޒުވާން ކޯޗުންގެ މާޒީ އެހާ ނާކާމިޔާބެއްވެސް ނޫނެވެ. މި ފާހަގަކުރި 1964 ވަނަ އަހަރުގެ ފައިނަލުގައި ސްޕެއިނާއި ޔޫއެސްއެސްއާރް ވާދަކޮށް، ތަށި ނެގީ ސްޕެއިނުންނެވެ. އޭރު ސްޕެއިން ކޯޗަކަށް ހުރި ޖޯސޭ ވިލަލޯންގާއަކީ މިހާތަނަށް އެންމެ ހަގު އުމުރުގައި ޔޫރޯ ކާމިޔާބު ކޮށްފައިވާ ކޯޗެވެ. އެއީ 44 އަހަރާއި 192 ދުވަސްވެފައި ހުރެގެންނެވެ. އެ ތާރީހީ ރެކޯޑުގެ ފުލުގައި ވިއްދުމަށް ގަސްދުކޮށްގެން ހުރީ މިފަހަރު ޖަރުމަނުގެ ހުރި ނަގެލްސްމަންއެވެ.
ކެރިއަރު ނަސީބަކަށް ހަދައިގެން ހުއްޓަކަސް، އޭނާގެ ފެށުން ބަދުނަސީބޭ ބުނެވިދާނެއެވެ. ނަގެލްސްމަން 1999 ވަނަ އަހަރު ފުޓުބޯޅަ ކުޅެން ނުކުންނަން ގަސްދުކުރީ އެފްސީ އޯސްބާގުގެ އެކަޑެމީ ތެރެއިންނެވެ. ސެންޓަ ބެކެއްގެ ގޮތުގައި ނަގެލްސްމަން ފާހަގަވެފައިވަނީ ވަރުގަދަ، ލީޑާޝިޕް ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭގެ ތެރެއިންވެސް ހާއްސަވީ ލީޑާޝިޕުންނެވެ. އެއީ އެންމެ ޅައިރުއްސުރެ ނަގެލްސްމަންގެ ފުރިހަމަ ސިފައެއް ކަމަށް އޭނާއާއެކު ކުޅުނު ގިނަ ކުޅުންތެރިންތަކެއް ބުނެފައިވެއެވެ. އޭގެފަހުން 2002 ވަނަ އަހަރުން 2006 ވަނަ އަހަރުގެ ނިޔަލަށް ނަގެލްސްމަން 1860 މިއުނިކްގެ އެކަޑެމީއަށް ކުޅުނެވެ. އޭރު ޓީމުގެ ކެޕްޓަނަކީވެސް އޭނާއެވެ.
އެ ކުޅުނު ކުޅުމުން 2006 ވަނަ އަހަރު މިއުނިކްގެ ސީނިއާ ޓީމަށް ނަގެލްސްމަން އެރިވެސް މެއެވެ. އުންމީދީ ޒަމާނީ ޑިފެންޑަރެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އަނިޔާގެ މައްސަލަ ބޮޑުވިއެވެ. ދެފަހަރަކަށް ކަކުލަށް އަނިޔާވި އިރު، ނަގެލްސްމަންއަށް ދެވަނަ ފަހަރަށް ލިބުނު އަނިޔާއިން ރިކަވާ ނުވެވޭވަރުވެސް ވިއެވެ. އޭރުގެ ސިއްހީ ހާލަތަށް ބަލައި، މެނިސްކަން ދެވަނަ ފަހަރަށް ގޮސް، ކާޓިލޭޖަށް ގެއްލުންވުން އެއީ ކެރިއަރު ނިންމާލާ ކަހަލަ އަނިޔާތަކެވެ. އޭނާ ކުޅުންތެރިއެއްގެ ކެރިއަރު ނިންމާލީ، އެ ކެރިއަރު ފެށިތަން ކަމަށްވާ އޯސްބާގަށް ގޮހެވެ. އޭރު އޯސްބާގުގެ ކޯޗަކީ ތޯމަސް ޓުޗެލްއެވެ.
އަނިޔާގެ ސަބަބުން 20 އަހަރުގައި ނަގެލްސްމަން ކެރިއަރު ނިންމާލިއެވެ. ކުޅުންތެރިއެއްގެ ގޮތުގައި އެކަންޏެވެ. ކޯޗެއްގެ ގޮތުގައި އޭރުވެސް ހުރީ ފައްކާވެފައެވެ. 2008 ވަނަ އަހަރު ނަގެލްސްމަން ކެރިއަރު ހުއްޓާލި އިރު، އޭނާ ދިޔައީ ކޯޗު ޓުޗެލްއަށް އެސިސްޓެންޓް ކޯޗެއްގެ ދައުރު ފުރިހަމަ ކުރަމުންނެވެ. ކެރިއަރު ނިންމާލުމާއެކު ނަގެލްސްމަންއަށް ޓުޗެލް ހަވާލުކުރީ ސްކައުޓެއްގެ ޒިންމާއެވެ. ހުނަރު ހޯދަން ދުއްވުމުގެ ޒިންމާއެވެ.
ނަގެލްސްމަންގެ ހިތް ފުޓުބޯޅައަށް ދެވިފައި އޮތްލެއް ބޮޑުކަމުން، ބިޒްނަސް އެޑްމިނިސްޓްރޭޝަން ކިޔަވަމުން ގޮސް، ސްޕޯޓްސް ސައިންސަށް ތައުލީމީ މަރުހަލާ ކަސިޔާރުވެސް ކޮށްލިއެވެ. އޭގެފަހުން ކުއްލިއަކަށް މިއުނިކްގެ 17 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ނަގެލްސްމަން ދެމި ގަތެވެ. އޭރު އޭނާ މަސައްކަތްކުރީ މަގުބޫލު ކޯޗު، އަލެކްސްސެންޑާ ޝްމިޑްޓް ކައިރީގައެވެ.
ހޮފެންހެއިމްއިން ކޯޗިން ކެރިއަރު ފެށި ނަގެލްސްމަންއަކީ "މިނީ މޮރީނިއޯ"އެއްގެ ގޮތުގައި އޭރު ސިފަކޮށްފައިވެއެވެ. ހޮފެންހެއިމްގެ ޔޫތު ޓީމާއެކު ތަފާތު ކުރިއެރުންތަކެއް ހޯދައި، އޭނާ އެ ކްލަބުގެ ސީނިއާ ޓީމާ ހަވާލުވިއެވެ. އޭރު ނަގެލްސްމަންގެ އުމުރުން އެންމެ 28 އަހަރެވެ. ބުންޑަސްލީގާ ތާރީހު ދުށް އެންމެ ޒުވާން ކޯޗަކީވެސް ނަގެލްސްމަންއެވެ. ހޮފެންހެއިމް ރެލިގޭޝަނުން ސަލާމަތް ކޮށްދީ، 2016 ވަނަ އަހަރުވެސް އެ ޓީމު ލީގުގެ ހަތަރު ވަނައަށް އަރުވައިދިނެވެ. އަދި ދެން ޖެހިގެން އައި ސީޒަނުގައި ހޮފެންހެއިމް ނިންމާލީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އެއީ ނަގެލްސްމަންގެ ނަން ޔޫރަޕަކަށް އެނގިގެން ދިޔަ، އެ ކްލަބުގެ ރެކޯޑު ކާމިޔާބީއެކެވެ.
އެ އަރަމުން ދިޔަ ދިޔުމުގައި ދެން އާރްބީ ލެއިޕްޒިގަށް ގޮސް، ނަގެލްސްމަން ވަނީ އެޓީމާއެކު ހޭދަކުރި ފުރަތަމަ ސީޒަނުގައިވެސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ހަމައަށް ގޮސްފައެވެ. އެ ބުރުގައި ޖޯސޭ މޮރީނިއޯ ކޯޗުކަންކޮށްދެމުން ދިޔަ ޓޮޓެންހަމް 4-0 އިން ބަލިކުރިވެސް މެއެވެ. އަދި ދެވަނަ ސީޒަނުގައި ލެއިޕްޒިގަށް ޖަރުމަނު ލީގުގެ ދެވަނަ ހޯދައިދިނެވެ. ލެއިޕްޒިގުގެ 2020-21 ވަނަ އަހަރުގެ ސީޒަން އެއީ ނަގެލްސްމަންގެ ފެންވަރު ސާފުވި ސީޒަނެކެވެ. އެޓީމުން 15 މެޗުގައި ކްލީންޝީޓް ހޯދިއެވެ. މެޗުތަކުގައި ގޯލު ޖެހުމަށް ހަމަލާ އުފެއްދުމުގައިވެސް އެޓީމުން ލީޑު ކުރިއެވެ. އެއީ 29.6 ޝޮޓު، އެވަރެޖުކޮށް މެޗެއްގައި ހަދައިގެންނެވެ.
"ނަގެލްސްމަންގެ އިރުޝާދުގެ ދަށުން ޓީމެއް ކުޅުނުހެން، މިހާތަނަށް ޖަރުމަނު ލީގުގައި ޓީމެއް ކުޅެފައެއް ނުވޭ،" ޖަރުމަނު ލީގު ގާތުން ބަލަމުން ދިޔަ ސްކައި ސްޕޯޓްސްގެ ނޫސްވެރިޔާ ފިލިޕް ހިންޒޭ، ނަގެލްސްމަންގެ ޓީމާ ގުޅޭގޮތުން ބުނެފައިވެއެވެ.
ނަގެލްސްމަންގެ އެ އަވަސް ކުރިއެރުން، ބަޔާން މިއުނިކަށް އޭނާ ގެންދިޔައެވެ. ގެންގޮސް ލީގު ހޯދުމުންވެސް އަނެއް ސީޒަނުގައި ފޮނުވާލީއެވެ. އެންމެންނަށްވެސް އެނގުނު އެނގުމަކީ ނަގެލްސްމަންއަކީ އެ ހާލަތުގައި ފޮނުވާލަން ޖެހޭ ފެންވަރުގެ ކޯޗެއް ނޫން ކަމެވެ. ޗެލްސީއާއި ޓޮޓެންހަމްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުންވެސް އޭރު ތިބީ ނަގެލްސްމަން ހޯދަން އަބަދުހެން ،މަސައްކަތް ކޮށްކޮށެވެ. ނަގެލްސްމަންގެ އެ ޑިމާންޑް ބޮޑުވީ އޭނާގެ "މާސްޓާ މައިންޑް" ސިކުނޑި ބަޔާންގައިވެސް ދައްކުވައިދިނުމުންނެވެ.
ލެއިޕްޒިގްގައި ނަގެލްސްމަންގެ ދަށުން މަސައްކަތް ކުރި ކުޅުންތެރިން ބުނެފައިވަނީ ނަގެލްސްމަންއަކީ ކުޅުންތެރިންގެ އުމުރުގެ ކޯޗެއް ކަމަށްވުމުން، އޭނާގެ ވިސްނުން ކުޅުންތެރިންނާ މާ ބޮޑަށް ތަފާތު ނޫން ކަމަށެވެ. އެއީ ހާލަތު ދެނެގަންނަން ފަސޭހައެއް ކަމަށްވެސް ކުޅުންތެރިން ސިފަކުރެއެވެ. އޭގެ އިތުރުން، ނަގެލްސްމަންގެ ހާއްސަ ސިފައަކީ މަޑުމައިތިރި މިޒާޖެއް ދައްކުވައިދީ، ނިންމުން ނިންމަން ހަރުކަށި ވާން އެނގުމެވެ. ބަޔާންގައި ކީޕަރު، މިހާރު ޖަރުމަނުގެ ކީޕަރު ނޯޔާއަށް ޗުއްޓީ ހޭދަކުރަނިކޮށް އަނިޔާވުމުން ނަގެލްސްމަން ރުޅިގަދެވެ، ނޯޔާއާ މައްސަލަ ޖެހުނެވެ. އެކަމުގައި ގޮތް ނިންމުމުގެ ގޮތުން، ސާބިތުވެ، އެތައް ދުވަހެއް ވަންދެން އެ ކްލަބުގެ ގޯލްކީޕަރު ޓްރެއިނަރަކަށް ހުރި ޓޯނީ ޓަޕްލޮވިޗް މަގާމުން ދުރުވެސް ކުރިއެވެ. ނޯޔާ އެކަމުގައި ނަގެލްސްމަންއާ ޖެހިފައިވެއެވެ.
ޗެމްޕިއަންސް ލީިގުގެ ނަތީޖާއަކަށް ބަރޯސާވެ ބަޔާނުން ނަގެލްސްމަން ފޮނުވާލި ނަމަވެސް، މިއީ އޭނާއަށް ސާބިތުކޮށްދޭން ލިބޭ ދުވަސްވަރެވެ. ޔޫރޯގައި، ހޯމް ޓީމް ގޮވައިގެން ހުރީ ތަފާތު ދައްކާށެވެ. ގްރޫޕް ސްޓޭޖަށްފަހު އާންމުންގެ ވާހަކައިން ނަގެލްސްމަން ޖަރުމަނު އަނބުރާ ގެނެސްދީފިއެވެ.
އެންމެ އުމުރުން ހަގު ކޯޗުގެ ގޮތުގައިވިޔަސް، ނަގެލްސްމަން ޔޫރޯއަށް ނުކުތީ ޖަރުމަނުގެ ހިތްދަތިކަން ހަނދާނުން ފޮހެލާށެވެ. 2018 އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓާފައި އޮތް ޖަރުމަނެއްގެ ޕްރެޝަރު ކޮނޑުއަޅައިގެން ނަގެލްސްމަން ނުކުތީ ޕްލޭނެއް ނުކޮށް، ނޭނގިއެއްވެސް ނޫނެވެ. އެނގިގެންނެވެ.
ނަގެލްސްމަން 2023 ވަނަ އަހަރު ޖަރުމަނާއެކު ފެށީ އެކްސްޕެރިމެންޓަލް މަސައްކަތެކެވެ. ފުރަތަމަ ހޯދީ ސްޓައިލެކެވެ. އެއީ ވަރަށް ބޮޑަށް ވާޓިކަލީ ކުޅޭ، އަރިމަތި ބޭނުންނުކުރާ ސްޓައިލެކެވެ. ޖަރުމަނުން މިހާރު ކުރިއަށްވުރެ ބޮޑަށް ރިސްކް ނަގައެވެ. ދެން ހޯދީ ފުރަތަމަ 11 އެކެވެ. މާޗު މަހުގެ އެކުވެރިކަމުގެ މެޗުތަކުން 11 އަށް ނަގެލްސްމަން ކުޅުންތެރިން ހޯދީ ބަޔާން މިއުނިކް ފަދަ ބޮޑެތި ކްލަބުތަކަށް ބަރޯސާވެފައި އޮތް ގައުމީ ޓީމުގެ ސިސްޓަމް އުވާލައިގެންނެވެ.
އޭގެފަހުން ނަގެލްސްމަން ޕާޓްނާޝިޕްތަކަށް ނަޒަރު ހިންގިއެވެ. ކްލަބު ޕާޓްނާޝިޕްތައް ރޫޅާ ނުލައި، ޓީމު ތެރެއިން ގެނައީ މަދު ޕާޓްނާޝިޕްތަކެކެވެ. މެދުތެރެއިން ބަޔާން ލެވަކޫަސަންގެ ރޮބާޓް އެންޑްރިޗާއި ފްލޯރިއަން ވީޒްގެ ޕާޓްނާޝިޕް ފެންނަ އިރު، ޖޯޝުއާ ކިމިޗާއި ޖަމާލް މުސިއާލާއަކީ މާކުރިންވެސް ބަޔާންގެ ޕާޓްނާޝިޕެކެވެ. އަދި އެންޓޯނިއޯ ރުޑިގާއާއި ޖޮނަތަން ޓަހްގެ ޕާޓްނާޝިޕް ނަގެލްސްމަން އުފެއްދީ ފަސޭހަކޮށެވެ.
ނަގެލްސްމަން ޔޫރޯއަށްވެސް އޭނާ ކޮންމެހެން ބޭނުންވާ ނަންތައް ޓީމަށް ގެންދިޔައެވެ. ކޮންމެ ކުޅުންތެރިޔަކަށް އެ ކުޅުންތެރިޔަކު އަދާކުރަންވީ ދައުރު ސާފުކޮށްދެއެވެ. ކޯޗިން ޓީމުގައި ޒުވާން ސަންޑްރޯ ވެގްނާއާއި ދުވަސްވީ ރޫޑީ ވޮލާ ހިމެނި އިރު، އެއީވެސް ނަގެލްސްމަން ކުދިކުދި ކަންކަމަށް ވިސްނާ ވަރެވެ.
"ޖަރުމަނު ޓީމު ފުރަތަމަ އެއްވި އެއްވުމުގައިވެސް ނަގެލްސްމަން ދިން ވަރަށް ފުރިހަމަ ބާރުގަދަ ސްޕީޗެއް. ޕްރެޝަރު ވާނެ ކަމަށް ކުޅުންތެރިންނަށް ބުނެދިން. ނަގެލްސްމަން ވަނީ އެ ޕްރެޝަރު އުފަލަކަށް ހަދަން ކިޔައިދީފައި. ހާއްސަކޮށް ނަގެލްސްމަން ބޭނުންވީ ހޯމް ޕްރެޝަރު ރަނގަޅު އެއްޗަކަށް ހަދަން. އޭގެން މޯޓިވޭޓް ކުރަން،" ވޮލާ ބުންޏެވެ.
ބަޔާންގައި "ނަގެލްސްމަން އޯވާ ތިންކް" ކޮށް، މާ އުނދަގޫ ކަންކަން ކުރަން އުޅުނުކަމަށް ބަޔަކު ސިފަކުރި ނަމަވެސް، އޭނާ ގައުމީ ޓީމުގައި ވަރަށް ސިމްޕަލްއެވެ. ޔޫރޯގެ ކުރިން ޖަރުމަންގެ ދައުލަތުގެ މީޑިއާއިން ހެދި ސާވޭއަށް ސީދާ ޖަވާބު ދިނީ، އެއީ ނަސްލީ ތަފާތުކުރުންތައް ބޮޑު ކަމެއް ކަމަށް ބުނެއެވެ. އަދި ޖަރުމަނުން ސްކޮޑު އިއުލާނުކުރި ގޮތަށް އޭނާ ސެލިއުޓްވެސް ކުރީ ސާފުކޮށެވެ. ނަގެލްސްމަންގެ ބަސްމަގުން މުޅި ޖަރުމަނު ޓީމު ފަހަތަށް ލައިފިއެވެ. ސްވިޒަލޭންޑާ ދެކޮޅަށް ޖަރުމަނުން ކުޅުނު މެޗުގައި ނިކްލަސް ފުލްކްރޫގް ޖެހި ގޯލު، 25 މިލިއަން މީހުން ބެލި ކަމަށް ދިރާސާތަކުން ދައްކައެވެ.
ޒުވާނަކަސް ޖަރުމަނު ގެނެސްދީފިއެވެ. ކޮންމެ ހިސާބަކުން ޓީމު ކެޓިޔަސް، ނަގެލްސްމަންގެ ތަފާތު ދެއްކި ކަމަށް ބުނަން ޖެހެއެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024