ގްރޫޕް ސްޓޭޖުގެ ނަތީޖާގެ ސަބަބުން ޓީމާ މެދު ސަޕޯޓަރުން ކުރާ އުންމީދުތައް މަތިވެފައި އޮތް ނަމަވެސް، އެކަމުން ހާސްކަމެއް ނެތް ކަމަށް ޖަރުމަނުގެ ޒުވާން ކޯޗު، ޖޫލިއަން ނަގެލްސްމަން ބުނެފިއެވެ.

ޖަރުމަނަށް މިދިޔަ ބައެއް މުބާރާތްތައް އެހާ ކާމިޔާބެއް ނޫނެވެ. ހާއްސަކޮށް ވޯލްޑް ކަޕްގެ ނާކާމިޔާބީ ބޮޑެވެ. 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކަޓައިގެން ގޮސްފައިވާ އިރު، ޔޫރޯ 2020 ގައި އެޓީމު ގަދަ 16 އިން ކެޓީ އިންގްލެންޑް އަތުންނެވެ. އެ ދަށް ނަތީޖާތަކާއެކު މިފަހަރު ޖަރުމަނަށް ޕްރެޝަރު ބޮޑުވެފައި އޮތީ ކޮންމެހެންވެސް އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ނަތީޖާ ނެރުމަށެވެ.

ގްރޫޕް ސްޓޭޖުގައި އެޓީމުން ތަފާތު ދެއްކިއެވެ. ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް ކައިރިން މޮޅުވީ 5-1 ގެ ނަތީޖާއަކުންނެވެ. ދެން ކުޅުނު މެޗުގައި ޖަރުމަނުން ހަންގޭރީ ކައިރިން 2-0 އިން މޮޅުވި އިރު، އެންމެފަހުން މެޗުގައި ސްވިޒަލޭންޑް ކައިރިން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާތަކާއެކު ގަދަ 16 އަށް ޖަރުމަނަށް ސަޕޯޓަރުން ކުރާ އުންމީދު ބޮޑެވެ. އެޓީމުގެ އުންމީދުތައް މަތިވެ، ގައުމުގައި އުފާފާޅުކުރަމުންދާ ކަމަށް ނަގެލްސްމަންވެސް ބުންޏެވެ.

"މީގެ 18 އަހަރު ކުރިން ގައުމީ ޓީމާ ދޭތެރޭ ސަޕޯޓަރުން ބެހެއްޓި ލޯބި މިހާރު އެބަ ފެނިގެންދޭ. އޭގެ ޕޮސިޓިވް އަސަރު ފެނިގެން މިދަނީ ދަނޑުމަތިންވެސް. ސަޕޯޓަރުން ފޭން ޒޯންތަކުގައާއި ގޭގައިވެސް ޓީމަށް ސަޕޯޓްކޮށް ނަގާފައި ހުރި އުފާފާޅުކުރުމުގެ ފޮޓޯޓަކުން ޓީމަށް އެބަ ހިތްވަރު ލިބޭ، އަދި އިތުރަށް އެ އުފާވެރިކަން ސަޕޯޓަރުންނަށް ގެނެސްދޭން. އެހެންވީމަ ޖަރުމަނު ބޭނުންވަނީ ޔަގީނުންވެސް ކުރިއަށްދާން،" ނަގެލްސްމަން ބުންޏެވެ.

ނަގެލްސްމަން އިތުރަށް ބުނީ، ޖަރުމަނާ މެދު ސަޕޯޓަރުންގެ އުންމީދުތައް ކިތަންމެ އުހުގައި ހުރިނަމަވެސް، އެކަމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށާއި، ޓީމު ނުކުންނާނީ ވަރަށް ބޮޑަށް ހަމަޖެހި، "ރިލެކްސް" ކޮށް އޮވެގެން ކަމަށެވެ.

ޖަރުމަނުން މިރޭ ނުކުންނާނީ އެންމެފަހުން ޔޫރޯ 2020 ގައި ސަޕްރައިޒް ޓީމެއްގެ ގޮތުގައި ސެމީ ފައިނަލަށް ދިޔަ ޑެންމާކާ ދެކޮޅަށެވެ. ނަގެލްސްމަން ޕްރެސްގައި އިތުރަށް ބުނީ ޑެންމާކަކީ ވަރަށް ޑިސިޕްލިން، ވަރަށް އޮގަނައިޒް ޓީމެއް ކަމަށެވެ. އެހެން ނަމަވެސް ޓީމަށް އިތުބާރުކޮށް، ހަމަޖެހިފައި ހުރި ކަމަށްވެސް ނަގެލްސަމަން ބުންޏެވެ.

މިރޭ މެޗުގެ ކުރިން ޖަރުމަނުގެ ފޯވަޑް ލައިނަށް ސުވާލުތަކެއް މީޑިއާއިން އުފައްދާފައެއް ނުވެއެވެ. މިހާތަނަށް ޔޫރޯ ގްރޫޕް ސްޓޭޖުގެ ދެ މެޗުގައި ނިކްލަސް ފުލްކްރުގް ބެންޗުން އަރައި ދެ ގޯލު ޖަހާފައިވާ އިރު، އާންމުކޮށް އެޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ ކައި ހަވާޓްސްއަށް އަދި ގޯލެއް ޖެހިފައެއް ނުވެއެވެ. ގަދަ 16 އަށް 11 ބަދަލުކުރާނެތޯ އެހުމުން ނަގެލްސަމް ވަނީ އެ ވާހަކައިގެ ތެރެއަށް ނުވަންނާނެ ކަމަށް ބުނެފައެވެ.

ޖަރުމަނާއި ޑެންމާކު ވާދަކުރާ ގަދަ 16 ގެ މެޗު ފަށާނީ މިރޭ މެންދަމު، ރާއްޖެ ގަޑިން 12:00 ގައެވެ.