ޔޫރޯ 2024ގައި މިރޭ އިޓަލީއާ ދެކޮޅަށް ނުކުންނަ އިރު، ރަނގަޅަށް އެ ޓީމު ދަސްކުރެވިއްޖެ ކަމަށާއި ބޭނުންވަނީ އިޓަލީއަށް ސަޕްރައިޒެއް ދޭން ކަމަށް ސްވިޒަލޭންޑްގެ ކޯޗު މުރަޓް ޔަކިން ބުނެފިއެވެ.
ސްވިޒަލޭންޑުން މި ފަހަރު ޔޫރޯގެ ގަދަ 16 ޔަގީންކުރީ ޖަރުމަނު ހިމެނުނު ގްރޫޕް އޭގެ ދެވަނަ މަގާމު ހޯދައިގެންނެވެ. އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ސްކޮޓްލޭންޑާއި ޖަރުމަނާވެސް އެއްވަރުކޮށް، ހަންގޭރީ ކައިރިން މޮޅުވެފައެވެ. ސްވިޒަލޭންޑުން 2016 އަދި 2020 ގެ ޔޫރޯގެވެސް ގަދަ 16 ގައި ކުޅެފައިވަނީ ޔޫރޯ 2020ގެ ކުއާޓާ ފައިނަލަށް އެ ޓީމު ގޮސްފައިވެއެވެ.
ސްވިޒަލޭންޑުން މިދިޔަ ޔޫރޯގެ ކުއާޓާއަށް ދިޔައީ އޭރު ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކަޓުވާލައިފައެވެ. ކުއާޓާގައި ސްޕެއިން ކައިރިން ބަލިވީ ޕެނަލްޓީގައެވެ. މިރޭ އިޓަލީއާ ދެކޮޅަށް ގަދަ 16 ގައި ނުކުންނަ އިރު، ސްވިޒަލޭންޑްގެ ކޯޗު ޔަކިން ބުނީ ހޯމްވޯކް ފުރިހަމަ ކޮށްފިން ކަމަށެވެ.
"އަހަރެމެން ހޯމްވޯކް ހަދައިފިން. މިދިޔަ ތިން މެޗަށް އެކަނި ބަލައިގެންވެސް ނޫން ހޯމްވޯކް ހެދީއެއް. މުބާރާތުގެ ކުރިން އިޓަލީން ކުޅުނު މެޗުތަކަށްވެސް ބަލައިގެން އަހަރެމެން ހޯމްވޯކް ހެދީ. އެ ހޯމްވޯކުން އެނގުނު އެއްކަމަކީ އިޓަލީން ގެންގުޅެމުންދާ ތަފާތު ސްޓައިލްތައް. އެހެންވީމަ ބަލައިގެން ނުވާނެ އިޓަލީ އެކުގައި ދަސްވާނެ ކަމަކަށް،" ޔަކިން ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
ޔަކިން ބުނީ އިޓަލީގެ ޓެކްޓިކަލް ގޭމަށް ތައުރީފުކުރާ ކަމަށާއި އެއީ ޓެކްޓިކަލް ކުޅުމުގެ "ހޯމް" ކަމަށެވެ.
"އަހަރެމެން ތައްޔާރު އިޓަލީއާ ދެކޮޅަށް ކުޅެން. ހަނދާން ކުރަން ޖެހޭނެ އިޓަލީ އަކީ ޓެކްޓިކަލް ފުޓުބޯޅައިގެ ހޯމް. އަހަރެން ވަރަށް ގަޔާވޭ، އިޓަލީން ޓީމެއްގެ ގޮތުގައި ކުޅޭ ކުޅުމަށް. ހާއްސަކޮށް އެ ޓީމުން ޑިފެންސް ކުރާނީ ޓީމެއްގެ ގޮތުގައި. އަދި މުޅި ދަނޑުގައި މޭން މާކް ކޮށްގެން އެ ކުޅެނީ. އެއީ މަދު ޓީމުތަކުން ކުރާ ކަމެއް. އެ ހުރިހާ ކަމަކަށްވުރެ ބޮޑަށް އަހަރެމެން ކުރަން ޖެހޭނެ ކަމަކީ އަހަރެމެންގެ އަމިއްލަ ޓެކްޓިކްސްގައި ކުޅެ، އިޓަލީއަށް ސަޕްރައިޒެއް ދޭން،" ޔަކިން ބުންޏެވެ.
އިޓަލީއާއި ސްވިޒަލޭންޑް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އެއް ގްރޫޕެއްގައި ކުޅެފައިވެއެވެ. އެ ފަހަރު ދެ ޓީމުން ކުޅުނު ދެ މެޗުވެސް އެއްވަރުވި އިރު، އިޓަލީއަށް ވޯލްޑް ކަޕުން ފުރުސަތެއް ނުލިބުނެވެ. ސްވިޒަލޭންޑް އެ ގްރޫޕްގެ އެއްވަނަ ހޯދައި، ގަތަރު ވޯލްޑް ކަޕްގައި ކުޅެފައިވެއެވެ.
އިޓަލީއާއި ސްވިޒަލޭންޑް ވާދަކުރާ ގަދަ 16 ގެ މެޗު މިރޭ އޮންނާނީ ރާއްޖެ ގަޑިން 9:00 ގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024