އެންމެފަހުގެ ޗެމްޕިއަން އިޓަލީ މި ފަހަރުގެ ޔޫރޯ 2024ގެ ގަދަ 16 ގައި ކުޅެން ހައްގު ނަމަވެސް، ގްރޫޕް ސްޓޭޖުގައި ދެއްކި ކުޅުން އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށް ކޯޗު ލޫސިއާނޯ ސްޕަލެޓީ ބުނެފިއެވެ.

ޔޫރޯ 2024ގެ ގަދަ 16 ގެ ފުރަތަމަ މެޗުގައި މިރޭ އިޓަލީން ނުކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ. އިޓަލީން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު އެއްވަރުކޮށް، އެއް މެޗުން މޮޅުވިއެވެ. އެ ޓީމު ބަލިވީ ސްޕެއިން ކައިރިން 1-0ގެ ނަތީޖާ އަކުންނެވެ. އިޓަލީ އަލްބޭނިއާ ކައިރިން 2-1 އިން މޮޅުވި އިރު، އެންމެފަހު މެޗުން ޕޮއިންޓެއް ހޯދީ 1-1 އިން ކްރޮއޭޝިއާއާ އެއްވަރު ކޮށްގެންނެވެ. އެ މެޗުގައި ކްރޮއޭޝިއާއާ އިޓަލީ އެއްވަރުކުރީ ފަހު ސިިކުންތުގައި ގޯލު ޖަހައިގެންނެވެ.

"އަހަރެމެން ގްރޫޕް ސްޓޭޖުގައި ކުރި މަސައްކަތަށްވުރެ އިތުރަށް މަސައްކަތް ކުރަން އެބަ ޖެހޭ. އިޓަލީ ފަހުރުވެރި ކޮށްދޭން މަސައްކަތް ކުރަންޖެހޭ. އަހަރެމެންނާ ގުރުއަތުން ދިމާވީ ވަރަށް އުނދަގޫ ގްރޫޕެއް. އެ ގްރޫޕްގެ އުނދަގޫކަމުގައި ކުޅުންތެރިންނަށް ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވި. އަހަރެން ދެން އުންމީދު ކުރަނީ ޓީމު ތަންކޮޅެއް ބޮޑަށް ހަމަޖެހިލާނެ ކަމަށް. އެއީ މިހާރު ވަރަށް ސާފުވާނެ ވާންވީ ގޮތް. މިހާރު ދެން އޮތީ މޮޅުވެގެން ނޫނީ ވާން ނެތް ހާލަތެއް،" ސްޕަލެޓީ ބުންޏެވެ.

ސްޕަލެޓީ ބުނީ އިޓަލީގެ އަސްލު ހަގީގީ ފެންވަރު އަދި ފެނިގެން ނުދާ ކަމަށާއި އެ ފެންވަރު ފެނުނީ ބައެއް މެޗުތަކުގެ ތެރެއިންވެސް މަދު ވަގުތުތަކެއްގައި ކަމަށެވެ. އެހެން ނަމަވެސް އެ ޓީމަށް ގަދަ 16 ހައްގު ކަމަށް ސްޕަލެޓީ ފާހަގަކުރިއެވެ.

"އިޓަލީއަށް ގަދަ 16 ހައްގު. އެއީ އަދި ފަހު ސިކުންތު ގޯލެއް ޖަހައިގެން ހޯދި ފުރުސަތެއް ނަމަވެސް، އެއީ ހައްގު ފުރުސަތެއް. އެހެންވިޔަސް ޓީމުގެ ވިސްނުންވެސް ބަދަލުކޮށް، މެންޓަލީ ލެވެލްއެއް މައްޗަށް ޖައްސާލަންޖެހޭ،" ސްޕަލެޓީ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނަ އިރު، އިޓަލީއަށް އޮތް އެންމެ ބޮޑު ހާސްކަމަކީ ސެންޓަ ބެކް ރިކާޑޯ ކަލަފިއޯރީ ސަސްޕެންޝަނުގައި ހުރުމެވެ. އޭނާއަށް ދެ ކާޑު ހަމަވެގެން ސަސްޕެންޝަނުގައި ހުރި އިރު، އެއީ އިޓަލީއަށް މި ފަހަރު ޔޫރޯގައި އެޓޭކް ތަނަވަސްކޮށްދޭން ވެސް އެންމެ މުހިންމު ކުޅުންތެރިޔާއެވެ. ފަހަތުން ރަނގަޅު ޕާސްތަކެއްގައި ޖަހައި މޮޅަށް ކުޅެމުން އަންނަ ކަލަފިއޯރީގެ ބަދަލުގައި މިރޭގެ މެޗަށް ނުކުންނާނީ ރޯމާއާށް ކުޅެމުން އަންނަ ޖިއާންލޫކާ މަންޗީނީއެވެ. އެކަން ކޯޗު ސްޕަލެޓީ ވަނީ ޔަގީން ކޮށްދީފައެވެ.

އިޓަލީއާއި ސްވިޒަލޭންޑް ވާދަކުރާ ގަދަ 16 ގެ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.