ޔޫރޯ 2024ގެ ގަދަ 16ގެ މެޗުގައި މިރޭ އިޓަލީން ނުކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ. މިރޭ ރާއްޖެ ގަޑިން 9:00 ގައި އޮންނަ ގަދަ 16ގެ މެޗުގައި އިޓަލީއާއި ސްވިޒަލޭންޑް ވާދަކުރާނީ ބާލިންގެ އޮލިމްޕިއާ ސްޓޭޑިއޮންގައެވެ. އެ ސްޓޭޑިމަކީ އިޓަލީގެ ރައްޔިތުންނަށް، އިޓަލީގެ ޓީމަށް، ހާއްސަކޮށް ކުރީ ޓީމުގެ ލެޖެންޑުންނަށް ވަރަށް ހާއްސަ ސްޓޭޑިއަމެކެވެ. މާ ދުރުން އެ ވާހަކަ ދައްކަންވެސް ނުޖެހޭނެ ވާހަކައެކެވެ. ފްރާންސް ޕެނަލްޓީގައި ބަލިކޮށް، އިޓަލީން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ނެގީ ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ.
އެ ވޯލްޑް ކަޕްގެ ފައިނަލްގެ ހަނދާންތައް ދުނިޔޭގެ ހުރިހާ ފުޓުބޯޅަ ސަޕޯޓަރުންނަކަށްވެސް ހާއްސައެވެ. މާކޯ މަޓެރާޒީގެ މޭ މަތީގައި ފްރާންސް ލެޖެންޑް ޒައިނައްދީން ޒިދާން ބޮލުން ޖެހިޖެހުމާއެކު، އެ ދެއްކި ރަތްކާޑެވެ. ޒިދާން ފުޓުބޯޅައަށް އަލްވަދާއު ކީ ވަގުތެވެ. އެއީ އިޓަލީން އެންމެފަހުން ހޯދި ދުނިޔޭގެ ތަށިވެސް މެއެވެ. އެ ތަށި ހޯދި އިރު، ގޯލު ބެލެހެއްޓި އެއް ނަމްބަރު ގޯލްކީޕަރު ޖިއާން ލުއީޖީ ބުފޮންއަކީ މިހާރު ޓީމުގެ ހެޑް އޮފް ޑެލިގޭޝަންއެވެ. މިހާރު އޮތް ޒުވާން ޓީމަށް އޭނާއަކީ ހިތްވަރެކެވެ. ޓީމަށް 2006ގެ ވޯލްޑް ކަޕް ފައިނަލްގެ ވާހަކަ އޭނާ ހިއްސާވެސް ކޮށްދީފިއެވެ.
"އިޓަލީގެ އެންމެން. އަދި ދުނިޔޭގެ އެންމެވެސް ހަނދާން ހުންނާނެ ބާލިންގެ ހަނދާންތައް. އަހަރެމެން ޓީމާއެކު ބުފޮން މި ވަގުތު އެބަ ހުރި. އަހަރެމެން ބަހުގައި އެ ދަނޑަށް ފަރިތަކުރަން ދިޔަ ވަގުތު، ބުފޮން ހުރިހާ ކުޅުންތެރިންނާ ހިއްސާކުރި އެ ފައިނަލްގެ ހަނދާންތައް. އަހަރެމެންނަށް ގޭގައި ތިއްބާ ފެނުނު މަންޒަރު، ބުފޮން ތަޖުރިބާ ކުރި. އެހެންވީމަ އެ ތަޖުރިބާ ޓީމަށް މުހިންމު. އަހަރެމެން ޖަވާބު ދޭން ޖެހޭނެ ދަނޑުމަތިން. އެއީ އޭރުގައި ތަށި ނެގި ޓީމުގެ ޝަރަފުގައި އަހަރެމެން މިރޭ ޖެހޭ ތަފާތު ދައްކަން،" އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެޓީ ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.
ބުފޮންއަކީ އިޓަލީގެ ތާރީހުގައިވެސް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ 1997 އިން 2018 އާ ހަމައަށް ގައުމީ ޓީމަށް 176 މެޗު ކުޅެދީފައެވެ. ގައުމީ ޓީމާއެކު ބުފޮން ހޯދި އެންމެ ބޮޑު ކާމިޔާބީ، އެންމެ ބޮޑު ޝަރަފު ހޯދީ މިރޭ އެ ޓީމުން ސްވިޒަލޭންޑާ ދެކޮޅަށް ކުޅެން އޮތް ވަރުގަދަ މެޗު ކުޅުނު ދަނޑުގައެވެ.
އިޓަލީން ޔޫރޯ 2020ގެ ޗެމްޕިއަންކަން ހޯދައި، ތަފާތު ނަތީޖާއެއް ދައްކާލި އިރު، މި ފަހަރުގެ ގްރޫޕް ސްޓޭޖު އެ ޓީމަށް އުނދަގުލެވެ. މޮޅުވެވުނީ އަލްބޭނިއާ އަތުންނެވެ. ދެން ސްޕެއިން އަތުން ބަލިވެ، ކްރޮއޭޝިއާ ކައިރިން ވީ އެއްވަރެވެ. ކްރޮއޭޝިއާ ކައިރިން 1-1 އިން އެއްވަރުވި އިރު، އެ މެޗުގައި އިޓަލީ ގޯލު ޖެހީ ފަހު ސިކުންތުގައެވެ. އެ ގޯލާއެކު ގަދަ 16 ޔަގީންކޮށް، އިޓަލީން ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކޮށްފައެވެ. އެ ވަގުތު ކޮޅުގައި ބުފޮންވެސް ފެނުނީ ތަފާތު ރޫހެއްގައެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024