ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި ދައުވާ ކޮށްފައިވާ މއ. ހަނީސަކްލް 1، ހުސެއިން ޝިފާއު، ނަލަހިޔާ ކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ، ނަލަހިޔާ އާއި ޝިފާއު އާ ދެމެދު "ނަލަހިޔާ ރެސިޑެންސް 3 އޭ" ކުއްޔަށް ދިނުމާ ގުޅޭ ގޮތުން 1 ނޮވެމްބަރު 2021 ގައި ވެފައިވާ އެއްބަސްވުމާ ޝިފާއު ހިލާފުވެ، އެ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ކުލި، 2022 އޭޕްރީލް މަހުން ފެށިގެން އަދާކޮށްފައި ނުވާތީވެ، ޝިފާއު، ތަން ހަވާލުކުރުމާ ހަމައަށް އަދާކުރަންޖެހޭ ކުއްޔާއި އެ މުއްދަތުގައި ޝިފާއު ބޭނުންކޮށްފައިވާ ފެނާއި ކަރަންޓަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށް 16 ނޮވެމްބަރު 2022 ގައި ސިވިލް ކޯޓަށް ނަލަހިޔާއިން ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލައިގައި ނަލަހިޔާއިން ވަނީ، އެ އެޕާޓްމަންޓުގެ ކުއްޔަކީ 25،000 ރުފިޔާ ކަމަށާއި ޝިފާއު ވަނީ ހަތް މަހާއި 16 ދުވަހުގެ ކުލި ނުދައްކައިވާ ކަމަށް ބުނެފައެވެ. އަދި އެތަން ހުސްކުރުމާ ހަމައަށް ކަރަންޓާއި ފެން ބިލަށް އެކު ޖުމްލަ 17،903 ރުފިޔާ އަރާފައިވާ ކަމަށްވެސް ބުންޏެވެ. އެއީ ކަރަންޓު ބިލަށްވާ 4،315 ރުފިޔާއާއި ފެން ބިލަށްވާ 13،588 ރުފިޔާއެވެ.

އެ މައްސަލައިގައި ސިިވިލް ކޯޓުގެ އިސް ގާޒީ މަރްޔަމް ވަހީދު ވަނީ، އެޕާޓްމަންޓްގެ ކުލީގެ ގޮތުގައި ނުދައްކާ ހުރި، 188،333 ރުފިޔާ އާއި ކަރަންޓާއި ފެން ބިލަށްވާ 13،588 އާ އެކު ޖުމްލަ 206،237 ރުފިޔާ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސިވިލް ކޯޓަށް ދެއްކުމަށް ޝިފާއުގެ މައްޗަށް ހުކުމްކޮށްފައެވެ.

ޝިފާއުއަށް މި ސަރުކާރުން ސިޔާސީ މަގާމެއްވެސް ދިނެވެ. އެގޮތުން އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި އޭނާ ހުއްޓައި، މީޑިއާއިން އެ ވާހަކަ ފެންމަތިކުރުމުން އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

"ކިންގްޑަމް އޮފް ފުރުޓްސް" ކިޔާ އަމިއްލަ މީހެއްގެ ވިޔަފާރިއެއް މެދުވެރިކޮށް، ރާއްޖެއަށް މޭވާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި ފުލުހުން ޝިފާއު ހައްޔަރުކުރީ މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެވެ. ނަމަވެސް ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ އަހަރުގެ މެއި 27 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދުން ދޫކޮށްލިއެވެ. އެ މައްސަލަ އިސްތިއުނާފް އިސްތިއުނާފް ކުރިއިރު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރައިފިއެވެ.

އެ މައްސަލައިގައި ފުލުހުންގެ އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުމުން ޝިފާއު އަމިއްލަ އަށް ރާއްޖެ އައުމުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު ވަނީ ޝަރުތުތަކާއެކު ދޫކޮށްލައިފައެވެ.

ދައުލަތުން ޝިފާއުއަށް އުފުލި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި ގާނޫނުލްއުގޫބާތުގެ ދަށުން މަކަރާއި ހިލާތް ހެދުމުގެ ހަތް ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ހަތް ދައުވާއެކެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ޝިފާއު އެ ކުށް ހިންގާފައިވަނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ "ކިންގްޑަމް އޮފް ފްރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް އެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ. އެގޮތުން މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 123،844.54 އެމެރިކާ ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) އަށް އަރާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.