ށ. ނޫމަރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރު ބޭސިން ފުންކުރުމުގެ 51 ޕަސެންޓް މަސައްކަތް ނިންމައިފިއެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި އެމްޓީސީސީން މިއަދު މީޑިއާތަކަށް ބުނީ އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

ޖުމުލަ 53.3 މިލިއަން ރުފިޔާއަށް ޖޫން 22، 2023ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން 34،386 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އާ ހާބަރު ބޭސިން ފުންކޮށް، 5،076 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކޮށް، 2،920 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރާނެއެވެ.

އަދި މިހާރު އޮތް އެއްގަމު ތޮށި މަރާމާތު ކުރުމާއި 177 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 303 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވެސް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން 120 މީޓަރު ދިގު ދެ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 1،652 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމާއި މޫރިން ބޮއެ ހަރުކުރުންވެސް ހިމެނެ ކަމަށެވެ.