ޔޫރޯ 2024 ގެ ގްރޫޕް އެފްގައި މިރޭ ތުރުކީން ޗެކު ރިޕަބްލިކް ބަލިކޮށް، ގަދަ 16 ޔަގީންކޮށްފިއެވެ.

ހޭމްބާގުގައި މިރޭ ތުރުކީން ޗެކު ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ތުރުކީން 2008 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ގަދަ 16 ޔަގީން ކުރީ ގްރޫޕް އެފްގެ ތާވަލުގެ ދެވަނަ މަގާމުގައި ނިންމާލައިގެންނެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. އެ ގްރޫޕްގެ އެއްވަނަ ޕޯޗުގަލްއިން ހޯދި އިރު، ތިންވަނައިގައި ގަދަ 16 އަށް ދިޔަ ޖޯޖިއާ ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިފައެވެ. އެޓީމުގެ ގޯލް ޑިފަރެންސަކީ ސުމެކެވެ. ޗެކު ނިންމާލީ ގްރޫޕް ފުލުގައެވެ.

ޗެކް ރިޕަބްލިކަށް މިރޭ މޮޅުވެގެން ގަދަ 16 އަށް ދެވެން އޮތެވެ. އެހެން ނަމަވެސް، އެޓީމަށް އެ ނޫން ގޮތަކަށް ގަދަ 16 އަށް ދެވެން ނެތުމުން، މިރޭގެ މެޗުން މޮޅެއް ހޯދަން ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް މާ ކުރިންވެސް އޮތީ އެނގިފައެވެ. ޗެކަށް އެ ފުރުސަތު ނެތީ ތިން ޕޮއިންޓާއެކު ނޫން ގޮތަކަށް ތިންވަނައިގައި ނިންމާލިޔަސް އެޓީމަށް ގަދަ 16 އަށް ފުރުސަތު ނެތީމައެވެ. ތުރުކީއަށްވެސް މިރޭގެ މެޗުން މޮޅުވެ، ގަދަ 16 އަށް ފުރުސަތު އޮތެވެ. ތުރުކީން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޖޯޖިއާ ކައިރިން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އެހެން ނަމަވެސް، އެޓީމު ވަނީ އެންމެފަހުން ޕޯޗުގަލް ކައިރިން 3-0 އިން ބަލިވެފައެވެ.

އެ ބައްޔަށް ފާޑު ކިޔުން އަމާޒުވެފައި އޮވެ ތުރުކީން މިރޭގެ މެޗަށް ނުކުތް އިރު، މެޗުގެ ފުރަތަމަ ހާފު ފެނުނީ ފައުލްތައް ގިނަ، ފިޒިކަލް ޗެލެންޖްތަކެއް ފެނިގެން ދިޔަ ހާފެއްގެ ގޮތުގައެވެ. ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގައި ގޯލެއް ނުފެނުނު ނަމަވެސް ޝައުގުވެރިއެވެ.

މެޗުގެ ދެވަނަ މިނެޓުގައި ޗެކުގެ ލޫކާސް ޕްރޮވޯޑް ދުރުން ފޮނުވާލި ހަމަލާ ތުރުކީ ކީޕަރު މާޓް ގުނޯކް މަތަކުރި އިރު، އޭގެފަހުން ޖުރާސެކް ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ކީޕަރު ގުނޯކް އަތަށެވެ. ތުރުކީގެ ޒުވާން ތަރި އާދާ ގޫލާ މިރޭގެ މެޗަށް ނުކުމެފައިވާ އިރު، އޭނާ ފުރަތަމަ ކޮޅުގައި ދުރުން ފޮނުވާލި ހަމަލާ ދިޔައީ ދަނޑިމަތިން ބޭރަށެވެ.

މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ 21 ވަނަ މިނެޓުގައި ޗެކުގެ އެންޓޮނިން ބަރަކަށް ރަތް ކާޑު ދެއްކުމުންނެވެ. ދެވަނަ ރީނދޫ ކާޑާއެކު އޭނާއަށް ރަތް ކާޑު ދެއްކުމުން ޗެކަށް ވަނީ ހާސްކަމާ ކުރިމަތިވެފައެވެ. އެ ހިސާބުން ތުރުކީން ކުރިއަށް ޖެހި، ހާފު ނިންމާލީ ނުރައްކާކޮށެވެ. ކެނާން ޔިލްޑީޒް އަރިމަތިން ފޮނުވާލި ހަމަލާގެ އިތުރުން އޭރިއާ ތެރެއިން ގޫލާ ފޮނުވާލި ހަމަލާއަށްވެސް ޗެކުގެ ޑިފެންސުން ވަނީ ބްލޮކް އަޅައިފައެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް ޗެކުގެ އިތުރު ހަމަލާއެއްވެސް ފެނުނެވެ. ފަހަތުން އަވަަސް ޕާސްތަކެއް ޖަހައި ތަނަވަސްކުރި ފުރުސަތުގައި އޭރިއާ ތެރެއަށް ދުއްވާލި ބޯޅައަށް އަރައި މުޅިން ހުސްކޮށް އޮވެ، ޖުރަސެކް ފޮނުވާލި ބޯޅައަށް އަރައި ގުނޯކް ވަނީ ރަނގަޅު ސޭވެއް ކޮށްފައެވެ.

ދެވަނަ ހާފަށް ނުކުމެ، ތުރުކީން ފެށީ ރަނގަޅު ފެށުމެކެވެ. 51 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގައިފައެވެ. އެ ގޯލު ޖެހީ ހަކާން ޗަލަނޮގްލޫއެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ބާރަށް ފޮނުވާލައި އޭނާ ގޯލަށް ވައްދާލީ ހިތްގައިމުކޮށެވެ. އެ ގޯލުން ތުރުކީއަށް ގަދަ 16 އަށް އުންމީދު ބޮޑުވި އިރު، ގްރޫޕް އެފްގައި ކުޅެމުންދިޔަ އަނެއް މެޗުގައި ޖޯޖިއާ ލީޑުކުރަމުން ދިޔުމާއެކު ޗެކް ކެޓުމާ ދިމާލަށް ޖެހިލިއެވެ.

ޗެކު ކެޓުމާ ދިމާލަށް މިސްރާބު ހިފުމާއެކު އެޓީމުން ވަނީ ހިތްވަރުލައި ކުޅެން ފަށައިފައެވެ. ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ ނަމަވެސް، މެޗުގެ ނަތީޖާ، 66 ވަނަ މިނެޓުގައި ހަމަހަމަ ކުރިއެވެ. ކެޕްޓަން ސޯޗެކް އެ ގޯލު ޖެހީ، އޭރިއާ ތެރެއަށް ދިޔަ ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ތުރުކީ ކީޕަރު ގުނޯކް އަތުން ބޯޅަ ވެއްޓުމުން ރީބައުންސްގައެވެ. ކީޕަރަށް ޗެކުގެ ޗޯރީ ފައުލް ކުރިތޯ ވީއޭއާރް އެހީގައި ބެލި ނަމަވެސް، ރެފްރީ ނިންމީ ފައުލެއް ނޫން ކަމަށެވެ.

ޗެކުން ހިތްވަރު ކުރި ނަމަވެސް، މެޗުގައި ތުރުކީން ފަހުން ނުރައްކާ ބޮޑުކޮށް، އިތުރު ގޯލެއް ޖެހިއެވެ. އެ ގޯލު ޖެހީ ބަދަލަކަށް ނުކުތް ސެންކް ޓޮސުންނެވެ. އޭނާ އޭރިއާ ތެރެއަށް ވަދެ ބޯޅަ ވައްދާލީ ސީދާ ގޯލުގެ ކަނަށެވެ. އެ ގޯލާއެކު ތުރުކީން ގަދަ 16 ޔަގީންކުރިއެވެ. އެއީ 16 އަހަރަށްފަހުއެވެ.